ގިނަ އަދަދެއްގެ ބަނގުރަލާ އެކު ބަޔަކު ހައްޔަރުކޮށް ޖަލަޕީނޯ ބަންދުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާ އެކު ޖަލަޕީނޯ ރެސްޓޯރެންޓްގެ ތެރެއިން ބަޔަކު މިރޭ ހައްޔަރުކޮށް ވަގުތީ ގޮތުން އެ ރެސްޓޯރަންޓް މިރޭ ބަންދުކޮށްފި އެވެ.

މާލޭގައި ކުށްމަދުކުރުމަށް ފުލުހުން މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި، އާޓިފިޝަލް ބީޗް ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ރެސްޓޯރަންޓަށް ފުލުހުން ވަނީ މިރޭ 11:45 އެހާކަން ހާއިރު އެވެ. ސަން އޮންލައިންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ޖަލަޕީނޯ ރެސްޓޯރަންޓް ބަންދުކުރުމަށް ފަހު ފުލުހުންގެ ޓީމްތައް ދިޔައީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ. ދެ ފްލޯއަކަށް ވާގޮތަށް ހަނދާފައި ހުރި އެ ރެސްޓޯރަންޓްގެ ދެ ފްލޯވެސް ފުލުހުން ފާސްކުރީ ނޫސްވެރިންގެ ހާޒިރުގަ އެވެ.

ރެސްޓޯރަންޓްގެ ދެވަނަ ފްލޯ ފާސްކުރަމުން ދަނިކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ފުލުހުންނަށް ފެނުނެވެ. އެއީ އެތަނުގައި ހުރި މޭޒުތަކުގެ ދަށުންނެވެ. އެއާ އެކު ބަނގުރާއަޅާ ފައި ހުރިކަމަށް ބެލެވޭ ތަށިތަކެއްވެސް ފުލުހުން ހޯދި އެވެ. އަދި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ޖަލަޕީނޯގެ ފުރާޅުމަތިންވެސް ބަނގުރާ ހުސްކުރި ގިނަ އަދަދެއްގެ ފުޅިތަކެއް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ބަނގުރާ އަޅާފައި ހުރިކަމަށް ބެލެވޭ 500 އެމްއެލްގެ ކުދި ފުޅިތަކެއްވެސް އެތަނުގެ ތެރެއިން ފެނުނެވެ. އަދި މަސްތުވާތަކެތީގެ އެހެން ބާވަތްތައް ކަމަށްވާ، ހަޝިސްއޮއިލް އާއި ހިރޮއިންއަށް ޝަކުއްކުރެވޭ ޕެކެޓްތަކެއްވެސް ރެސްޓޯރަންޓުގެ ތެރެއިން ވަނީ ފެނިފަ އެވެ. އެ ހުރިހާ އެއްޗިހިވެސް ނޫސްވެރިންނަށް ދެއްކި އެވެ.

އެތަނުން ހައްޔަރުކުރި މީހުންގެ އަދަދު 13 އަށް ވުރެ މަދެއް ނުވާނެ އެވެ. ސަން އޮންލައިންއަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޖަލަޕީނޯގެ ވޭޓަރަކާއި ސްޕަވައިޒަރެއްވެސް ހިމެނެ އެވެ. ނަމަވެސް ހައްޔަރުކުރި އެއްވެސް މީހެއްގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެތަނުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާފެނުމާއި ގުޅިގެން އެތަން މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށެވެ.

"އެތަން ވަގުތީ ގޮތުން މިހާރު އެ ވަނީ ބަންދުކޮށްފައި،" ހަނީފު ވިދާޅުވި އެވެ.

އެ ރެސްޓޯރަންޓުން އާންމުކޮށް ހިދުމަތް ހޯދާ އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ސަން އޮންލައިންއަށް މިރޭ ބުނީ ރެސްޓޯރެންޓުން ބައެއް ގަޑިތަކުގައި ވަކި ބަޔަކަށް ބަނގުރާ ބޯން ލިބޭ ކަމަށް ޝައްކުވާ ބައެއް ކަންތައްތައް ފެންނަ ކަމަށެވެ. އެ މީހާ ސަންއާ ވާހަކަ ދެއްކީ ނަން ނުޖެހުމަށް ޝަރުތުކޮށެވެ.

"ބައެއް ގަޑިތަކުގައި، [ރެސްޓޯރަންޓްގެ] މަތީގައި ވަކިކޮށްފައި ހުންނަ އޯޕެން އެއާ ބަޔަށް ދެ ޖިންސުގެ ޒުވާނުން ވަންނަތަން ވަރަށް ގިނައިން ފެނޭ. އެ ގަޑިތަކުގައި ބަނގުރާވަހާއި އެނޫންވެސް މަސްތުވާ ހިކި އެއްޗެތީގެ ވަސް ބޭރަށްވެސް ދުވާއިރު އެ ތަނުން ނިކުންނަ މީހުން ތިބެނީ މަސްތުވެގެން. މިއީ ބަޔަކަށް އެނގިގެން ކުރާކަމެއް،" އޭނާ ބުންޏެވެ.

އޮޕަރޭޝަނަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮޕަރޭޝަނަކީ މާލެ ތެރެ އަމާންކުރުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ބައެއް ކަމަށެވެ. އަދި ވިދާޅުވީ އިތުރު އެހެން ތަންތަންވެސް އެ އޮޕަރޭޝަންގެ ދަށުން ފުލުހުން ބަލައި ފާސްކުރަމުންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ހިންގާ އޮޕްރޭޝަނަށް އާއްމުންގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވޭ. މިފަދަ ކުއްތައް ހުއްޓުވާ ރާއްޖެ އަކީ އަމާން ތަނަކަށް ހެދުމަށް އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަޅުގަނޑުމެންނަށް އެންމެ މުހިއްމީ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު