ކުށެއް ކުރެވުނު ނަމަ އެކުށުގެ ޒިންމާ ނަގާނަން: ޝާހިދު

އެސްޓީއޯއިން އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީގެ ނަމުގައި ހަދާދީފައި އޮންނަ ކުންފުނީގެ ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ނާޖާއިޒު ފައިދާއެއް ހޯއްދަވާފައިނުވާނެ ކަމަށާއި ކުށެއް ކުރެވިފައިވާނަމަ އެކަމުގެ ޒިންމާ އުފުއްލަވަން ތައްޔާރަށް ހުންނެވި ކަމަށް ޝާހިދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯގެ ކޯޕަރޭޓް ކާޑު ޝާހިދުގެ އަމިއްލަފުޅު ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައި ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ މަހުގެ 26 ގައި ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނުގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދާފައިވާތީ އާއި ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަކަށް ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއެއްގައި ޝާހިދު ވިދާޅުވީ އެސްޓީއޯގެ ކްރެޑިޓް ކާޑު އޭނާއާ ހަވާލުކުރި އިރު އެ ކާޑު ބޭނުން ކުރާނެ އެއްވެސް އުސޫލެއް ކުންފުނީގެ ބޯޑުން ކަނޑައަޅާފައިނުވާ ކަމަށާއި ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އޭރު ބުނެފައިނުވާ ކަމަށެވެ. އެ ކާޑު ބޭނުންކުރާނެ އުސޫލެއް ކަނޑައަޅާފައިވަނީ އޭގެ ފަހުން ކުންފުނީގެ އިންޓާނަލް އޮޑިޓަކަށްފަހު ކުންފުނީގެ ޕޮލިސީސްތައް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެހެންތަންތަނުގައި އެކާޑު ބޭނުންކުރާ އުސޫލުތައް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެކާޑު އޭނާގެ އަތުގައި އޮންނަ ނަމަ ކާޑުގެ ޒިންމާ ވެސް އޭނާ އުފުއްލަވަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގިފައި އޮންނަނީ ދުނިޔޭގެ ތަންތަނުގައި ވެސް އެކާޑު ބޭނުންކޮށްފައި އެފައިސާ އަނބުރާ ޖަމާކުރާނަމަ އޭކީ މައްސަލައެއް ނޫން. އަޅުގަނޑުގެ އަތުގައި އޭތި އޮންނަ ނަމަ ވަރަށް ބޮޑު ޒިންމާއެއްވެސް އެބައޮވޭ. އެއީ މިސާލަކަށް ކޮންމެވެސް މީހަކު އެކާޑުގެ ނަމްބަރު ވަގަށް ނަގައިގެން ކޮންމެވެސް ތާކު ބޭނުންކޮށްފިނަމަ އެކަމުގެ ޒިންމާވެސް އަޅުގަނޑު އުފުލަންޖެހޭ. އެހެން އެ އުސޫލުން އަޅުގަނޑު ކާޑު ބޭނުންކޮށްފައި ފައިސާ ދެއްކުމުގެ ހައްގެއްް ވެސް އޮންނަން ވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ޝާހިދު ވިދާޅުވި އެވެ.

އެ ކާޑު ބޭނުން ކުރުމަށްފަހު ކާޑުން ނެގި ހުރިހާ ފައިސާއެއް އެސްޓީއޯގެ އެކައުންޓަށް ޖަމާކޮށްފައިވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮރަޕްޝަންގެ އަމަލެއް ކަމުގައި ދެކޭނަމަ އެކަމުގައި ގޮތެއް ނިންމާނީ އެސީސީން ކަމަށާއި އޭނާއަށް ކުށެއް ކުރެވިފައިވާނަމަ އެކަމުގެ ޒިންމާވެސް ނަންގަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކުނު ގޮތުގައި އަޅުގަނޑުގެ އަމިއްލަ ބޭނުމެއް ކޮށްފަ ވެސް އެކްރެޑިޓް ކާޑުގެ ސްޓޭޓްމަންޓް އައިމަ އެފައިސާ ކުންފުންޏަށް އަނބުރާ ދެއްކީމަ ނިމުނީ، އެއުސޫލުން އަޅުގަނޑު އެކާޑު ބޭނުންކޮށްފަ އިންނާނީ. އެއީ ރަނގަޅު އުސޫލުތޯ ބަލަން ބޯޑުން ހޯދި ލަފާގައި ބޯޑުން ވެސް އެބަ އިނދޭ ބުނެފަ އެއީ މައްސަލައެއް ނޫނޭ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީން ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތުކޮށް އޭނާގެ މައްސަލައެއް ޕީޖީއަށް ފޮނުވުމުން ސަރުކާރަށް 15 އަހަރު ހިދުމަތްކޮށް އަދި ހާއްސަކޮށް އެސްޓީއޯގައި މިހާތަނަށް އިހުލާސްތެރިކަމާ އެކު ކުރި މަސައްކަތުގެ އިނާމެއްގެ ގޮތުން ބޮލުގައި ކޮރަޕްޝަންގެ ލޭބަލް އެޅުނީތީ ހިތާމަކުރައްވާ ކަމަށެވެ.

"އެކާޑުން ބޭނުން ކުރަން ޖެހުނު ގޮތާއި އެފައިސާ ދެއްކި ކަމާއި އެހުރިހާ ކަމެއް ފެންނަން އޮއެތީ، އަޅުގަނޑު މީ ވައްކަމެެއް ކުރި މީހެއް ނޫން ހިޔާނާތެއް ވީއެއް ނޫން. ނަމަވެސް އަޅުގަނޑު ވެސް މިލޭބަލް ވަނީ ކޮރަޕްޓް މީހެއްގެ ގޮތުގައި،" ޝާހިދު ވިދާޅުވި އެވެ.

އެމައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށް މިއަދު އޭސީސީން ބުނެފައިވާއިރު އެމައްސަލައާ ގުޅިގެން އޭސީސީން ޝާހިދުއަށް މިމަހުގެ 30 ވަނަ ދުވަހު ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ އެމައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

ޝާހިދު އެކާޑު ބޭނުންކުރައްވާފައިވަނީ "އެސްޓީއޯގެ ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން އެ ކާޑު އޮންނަ ފަރާތަކުން ކޮންމެހެން ކުރަން މަޖުބޫރުވެއްޖެ އަމިއްލަ ހަރަދެއް ކުރެވިދާނެ ކަމަށް" ބަޔާންކޮށްފައިވާ އެކުންފުނީގެ ކޯޕަރޭޓް ކްރެޑިޓް ކާޑް ޕޮލިސީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 11 އޮކްޓޯބަރު 2011 ގައި ފާސްކުރުމުގެ ކުރިން ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު