ދިގު ޗުއްޓީއަކަށް ފަހު ބޭއްވި ޖަލްސާގައި ވެސް ކޯރަމްގެ މައްސަލަ

މަޖިލިސް ކުރިއަށް ނުގެންދެވިގެން ހުއްޓިފައި އޮތުމަށްފަހު، އެއް މަސްދުވަހުގެ ޗުއްޓީއަކަށްފަހު މިއަދު ފެށި މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާގައިވެސް ކޯރަމްގެ މައްސަލަ ދިމާވެ އެކި ފަހަރުމަތިން މަޖިލިސް މެދުކަޑާލަން ޖެހިއްޖެ އެވެ.

މިއަދުގެ ހެނދުނު ފެށި ޖަލްސާގައި ދެ ފަހަރެއްގެ މަތިން ކޯރަމް ގެއްލުނެވެ. އެންމެ ފުރަތަމަ ކޯރަމް ގެއްލުނީ ހެނދުނު ދަންފަޅީގަ އެވެ. ހެނދުނު 10:30 ޖަލްސާ ހުސް ވަގުތު ކޮޅަކަށް މެދުކަޑާލުމަށްފަހު 11:00 ގައި ފެށި އިރު ކޯރަމް ހަމައެއް ނުވި އެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ތަޅުމުން ގިނަ މެންބަރުން ވަޑައިގަތީ ކޮމެޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ބައެއް އެހެން މެންބަރުން މަޖިލީހުގެ ކުޑަދަށުގައި އެބަތިއްބެވި ކަމަށެވެ.

އެބޭފުޅުން މަޖިލީހުގެ ތަޅުމަށް ވަޑައިގަތުމަށް ފަސް މިނިޓްގެ ވަގުތުކޮޅެއް އެރުވުމުން ވެސް މެންބަރުން ވަޑައިނުގަތުމުން ދެން ޖަލްސާ ފަށާނީ 11:45 ކަމަށް ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ކޯރަމަކީ މަޖިލީހުގެ 77 މެންބަރުންގެ 25 ޕަސެންޓެވެ. އެއީ 20 މެންބަރުނެވެ. މަޖިލީހުގައި ފާއިތުވެގެންދިޔަ މިއަހަރުގެ ދެ ދައުރުގައި ވެސް ކޯރަމްގެ މައްސަލަ އިންތިހާއަށް ފެންމަތިވާތީ އެ މައްސަލަ ވަނީ މަޖިލީހުގެ އާންމު ކޮމެޓިއަށް ފޮނުވާފަ އެވެ. އެ ކޮމެޓީއަށް ފޮނުވާފައިވާ މައްސަލާގައި ކޯރަމް ގެއްލޭނެ ކަމަށް ގަވާއިދުގައި ބުނެފައިވާ ޕަސެންޓޭޖު ދަށް ކުރުމަށް ހުށަހަޅާފައިވެ އެވެ.

މަޖިލީހުގެ ޖަލްސާތައް މިއަދު ފެށިއިރު ޖަލްސާތައް ކުރިއަށް ނުގެންދެވިގެން މަޖިލިސް ހުއްޓާލީ ޖުލައި 31ގަ އެވެ. އޭގެ ފަހުން މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް މަޖިލީހުގެ މެންބަރުން ވަނީ މި ދިޔަ މަހު އެކަކުން ފެށިގެން އެއް މަސް ދުވަހުގެ ޗުއްޓީއެއް ނަންގަވައިފަ އެވެ. އެގޮތުން ޖޫން މަހު ވެސް މަޖިލީހުގެ މެންބަރުން ވަނީ ޗުއްޓީ ނަންގަވައިފަ އެވެ. އަދި ކޮންމެ އަހަރަކު ވެސް މަޖިލިސް ހުޅުވަނީ މާޗް އެކެއްގައި ކަމަށް ވުމުން ޖެނުއަރީ އަދި ފެބުރުއަރީ ވެސް މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނީ ޗުއްޓީގެ ގޮތުގަ އެވެ.

މި އަހަރުގެ ތެރޭގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި މެންބަރުން ގިނަ ދުވަސްތަކެއްގެ ޗުއްޓީގައި ހޭދަކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ އަށް މަސް ދުވަހުގެ ހަރަދަށް 113.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ރައްޔިތުން މަޖިލީހުގައި 77 މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރަކަށް މަހެއްގެ މައްޗަށް 62500ރ. މުސާރައިގެ ގޮތުގައިދެ އެވެ. އެއީ މަހެއްގެ މައްޗަށް 4.8 މިލިއަން ރުފިޔާ ޖެހޭ ވަރުގެ އަދަދެކެވެ. އަދި މެންބަރުންނަށް 20،000ރ.ގެ ކޮމެޓީ އެލަވަންސް ވެސް ކޮންމެ މަހަކު ލިބިވަޑައިގަންނަވަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު