ދެ ކުޑަކުދިންނާމެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީ ގާރީއަކު ހައްޔަރުކޮށްފި

ދެ ކުޑަކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީ ގާރީއެއް ހއ. އިހަވަންދޫ އިން ހައްޔަރުކޮށްފި އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަމީރު މިއަދު ވިދާޅުވީ ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހު އެ ރަށުން ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ ހާފިޒެއް ކަމަށްވާ އަލްހާފިޒު ސައްޔިދު ހަލީގުއް ރަޖުމާން 28، ކަމަށެވެ.

އޭނާ ވިދާޅުވީ އުމުރުން 13 އަހަރާއި 16 އަހަރުގެ ދެ އަންހެން ކުދިންނާއި މެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ މީހާއަކީ އެރަށުގައި އުޅޭތާ ހަ އަހަރު ވެފައިވާ މީހެއް ކަމަށާއި އެ މީހާ މިހާރު ހުރީ އެއަތޮޅު ދިއްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

"ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން. އެއީ ޕާކިސްތާނުގެ ހާފިޒެއް. އޭނާ މިރަށުގައި އުޅޭތާ ހަ އަހަރު ވެދާނެ،" ސަމީރު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަ ދެކުދިންނާއި މެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބުދަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި އެ މީހާ ހައްޔަރު ކުރުމަށްފަހު މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު