އިންޑިޔާ ހައިކޮމިޝަނަރާ ބައްދަލު ކުރައްވަން އިމްރާން ދެކޮޅު ހައްދަވައިފި

އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ މައްސަލަ ހޫނުވެފައި ވަނިކޮށް އެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ އިންޑިއާ ހައިކޮމިޝަނަރު ބައްދަލުކުރައްވަން އެދިވަޑައިގެންނެވުމުން އެކަމަށް އިމްރާން ދެކޮޅު ހައްދަވައިފި އެވެ.

ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން މިއަދު ވިދާޅުވީ އޭނާޔާ ބައްދަލުކުރެއްވުމަށް އިންޑިއާ ހައިކޮމިޝަނަރު ދައުވަތު ދެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ނަމަވެސް "މިހާރުގެ ހާލަތު ހުރިގޮތުން" މި ވަގުތު ބައްދަލުކުރެވެން ނެތް ވާހަކަ ހައިކޮމިޝަނަރަށް ދަންނަވާފައިވާނެ ކަމަށެވެ.

"ކޮން ސަބަބަކާއި ހުރެކަން ބައްދަލުކުރައްވަން ބޭނުންފުޅުވީ ވެސް ނޭނގޭތީ އާއި ޖީއެމްއާރްގެ މައްސަ ލަވެސް އޮތީމަ އަޅުގަނޑުމެން ރީޝެޑިއުލްކޮށްލަން ދަންނަވަން ޖެހުނީ،" އިމްރާން ވިދާޅުވި އެވެ.

އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އިމްރާނުގެ ޖަވާބު އެ އޮފީހަށް ލިބިފައި ނުވާ ކަމަށެވެ. އިތުރު އެއްޗެއް އޭނާ ވިދާޅެއްނުވި އެވެ.

އިންޑިއާ ހައިކޮމިޝަނަރު އިމްރާނާއި ބައްދަލުކުރައްވަން ދައުވަތު ދެއްވާފައިވާއިރު އިމްރާނަކީ، އެއާޕޯޓް ހިންގާ ޖީއެމްއާރު އަތުން އެތަން އަތުލުމަށް އިއްތިހާދުވެފައިވާ ޕާޓީތަކުން ފެށި "ދިވެހިންގެ އެއާޕޯޓް އަނބުރާ ދިވެހިންނަށް" ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ލީޑަރެވެ. އެ މައްސަލައިގެ ތެރެއަށް އިންޑިއާއިން ވަންނަން މަސައްކަތް ކުރޭތޯ ދެނެވުމުން އިމްރާން ވިދާޅުވީ އެކަމަށް ދެއްވާނެ ކޮމެންޓެއް ނެތް ކަމަށާއި ނަމަވެސް "އެ މައްސަލައިގެ ތެރެއަށް އިންޑިއާ ސަރުކާރުން ސީދާ ގޮތެއްގައި ނުވަނުމަށް އެދިވަޑައިގަންނަވާ،" ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނަރާ ބައްދަލު ނުކުރެއްވީ އެ މައްސަލައިގެ އިންޑިއާޔާ މެދު ހިތް ބަރުކަމެއް އޮވެގެން ނޫން ކަމަށާއި މިހާރު ޖެހިގެން އުޅޭ މައްސަލައަކީ އަމިއްލަ ވިޔަފާރި ކުންފުންޏަކާއި ދިވެހި ސަރުކާރާ ދޭތެރޭ ޖެހިގެން އުޅޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އިންޑިޔާއާ ދޭތެރޭ އުޅޭ މައްސަލައެއް ނޫން މިއީ، މިކަމުގެ ސަބަބުން އިންޑިއާޔާއި އަޅުގަނޑުމެންނާ ދޭތެރޭ މައްސަލައެއް އުފެދިގެން ވެސް ނުވާނެ،" އިމްރާން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އިއްޔެ ޕާޓީތަކަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޖީއެމްއާރު އެގްރިމަންޓް ބާތިލް ކުރުމުގައި، އެއްބަސްވުމުގެ އެއްފަރާތުގައި އިންޑިއާ ވާތީ އެކަމާ މެދުވެސް ވިސްނަން ޖެހޭ ކަމަށެވެ. އެ މައްސަލައިގެ ތެރެއަށް އިންޑިއާ ސަރުކާރު ވަނުމަށް އެދި ޖީއެމްއާރުގެ ޗެއާމަން، ޖީއެމްރާއޯ އިންޑިއާ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ވެސް މީގެ ކުރިން ވަނީ ލީކުވެފަ އެވެ. އަދި ޖީއެމްރާއޯ އާއި އެ ކުންފުނީގެ ޑިރެކްޓަރުން މާދަމާގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އިމްރާން ވިދާޅުވީ އެ ވަފުދާއި އިއްތިހާދުން ބައްދަލު ކުރުމާމެދު މިރޭ ބާއްވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށާއި އެކަމާ މެދު އެއްޗެއް ދަންނަވަން އެގޭނީ އެއަށްފަހު ކަމަށެވެ. އޭނާ ވިދާޅުވީ އިއްތިހާދުވެފައިވާ ޕާޓީތަކުން އެއާޕޯޓް އަތުލުމަށް ފަށާނެ ހަރަކާތްތަކުގެ ޝެޑިއުލް މާދަމާ އިއުލާން ކުރައްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު