އަސާސީ ބައެއް ބޭސްތަކުގެ ސްޓޮކް ހުސްވެގެން ބައެއް ޑޮކްޓަރުން ޝަކުވާގައި!

ކޮންމެހެން ހުސްނެވެ ހުންނަން ޖެހޭ ބައެއްް އަސާސީ ބޭސްތައް މިހާރަކަށް އައިސް ނުލިބޭ ކަމަށް ބުނެ ބައެއް ޑޮކްޓަރުން ޝަކުވާ ކުރަން ފަށައިފި އެވެ.

އައިޖީއެމްއެޗްގެ ޑރ. އަބުދުލްﷲ ނިޔާފްގެ ޓުވީޓެއްގައި އިއްޔެ ބުނެފައި ވަނީ ކޮންމެހެން ހުސްނުވެ އަބަދު ލިބެން ޖެހޭ ބޭސްތަކުގެ ތެރެއިން ބައެއްބޭސްތައް މިހާރު ނުލިބުން އާންމުވެފައިވާ ކަމަށެވެ. އޭގެތެރޭގައި އޭނާ ބޮޑަށް ފާހަގަކުރައްވާފައި ވަނީ "އޯގްމެންޓިން"، "އައިވީ ފެނޮބާބިޓޯން" އަދި "އައިވީ މޯފިން" ފަދަ ބޭސްތަކެވެ. އަދި އަބަދުވެސް އެ މައްސަލަ ދިމާވުމަކީ ދެރަކަމެއް ކަމަށާއި އަދި އެކަމުގައި ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުން ޒިންމާ ނުއުފުލާ ކަމަށް ވެސް ނިޔާފް ކުރައްވާފައިވާ ޓުވިޓާގައި ބުނެފައިވެ އެވެ.

"އޭގެތެރެއިން ބައެއް ބޭސްތަކަކީ މިމަހަށް މުއްދަތު ހަމަވާ ބޭސްތަކެއް. ސްޓޮކް ނުދެމެހެއްޓޭ ނަމަ އެސެންޝަލް ޑްރަގް ލިސްޓެއް އޮތުމުގެ މާނައެއް ނެތް" ޑރ. ނިފާޒް ޓުވިޓާގައި ބުނެފައިވެ އެވެ.

ނަމަވެސް ރާއްޖެ އަށް ބޭސް އެތެރެކުރާ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝާހިދު އަލީ ވިދާޅުވީ ބޭސް ހުސްވެގެން އައިޖީއެމްއެޗްގެ ޑޮކްޓަރުނަށް މިހާތަނަށް ދަތިތަކަކާ ކުރިމަތި ވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އަބަދު ވެސް ކޮންޓްރޯލްކޮށްގެން ވިއްކާ ބޭސް އެތެރެކުރުމުގައި ދަތިތަކެއް އުޅޭ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ކަމަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ވީހާ ވެސް ދުރު އެކްސްޕެއާ ޑޭޓްއެއް ހުންނަ ބޭސް އެތެރެ ކުރުމަށް. ނަމަވެސް ބޭސް ދައުރުވާ ގޮތަށް ބަލާ އިރު ބައެއް ބޭސްތައް ސްޓޮކް ހުއްޓައި މުއްދަތު ހަމަވުމަކީ ވެދާނެ ކަމެއް. އަދި އެފަދަ ބޭސްތައް ނަންތާލަނީ ވެސް ސިސްޓަމްމެދުވެރިކޮށް،" ޝާހިދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ބޭސް ނުލިބުމުގެ ސަބަބުން ޑޮކްޓަރުންނަށް އުނދަގޫތަކެއް ކުރިމަތިވާ ނަމަ އެކަން ސޯޝަލް މީޑިއާތަކުގައި ހާމަމަނުކޮށް އެކަންކުރަން ޖެހޭ އުސޫލެއްގެ ދަށުން ކުރުމަށް އެދޭ ކަމަށެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ޑައިރެކްޓާ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ ކޮންމެހެން ލިބެން ޖެހޭ ބޭސްތަކުގެ ތެރެއިން ބައެއް ބޭސްތައް ނުލިބޭ ކަމަށާއި އޭގެތެރޭގައި އަސާސީކޮން އިމަޖެންސީ ހާލަތުގައި ބޭނުންކުރަން ޖެހޭ ބޭސްތައް ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އެ ބޭސްތައް ހޯދުމަށް އެސްޓީއޯއާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ.

"ދިހަ ވައްތަރެއްގެ ބޭސް ނުލިބުމުގެ ދަތިތައް ވަނީ ކުރިމަތިވެފައި. އެސްޓީއޯ އިން ބުނަނީ ކުލިއަރެންސްގެ ދަތިތަކެއް އުޅޭ ކަމަށް. އަދި އޭގެ ތެރެއިން ކުރިން ބޭސް ވިއްކި ބައެއް ކުންފުނިތަކުން ބޭސް ވިއްކުން ހުއްޓާލައިފި ނަމަ ދެން ޖެހެނީ އާ ކުންފުންޏެއް ހޯދަން ކަމަށް. އެކަމުގައި ވެސް ދަތިތަކެއް އުޅޭކަމަށް ވަނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ އަވަހަކަށް ބޭސްލިބޭތޯ، ނަމަވެސް މިވަގުތައް ހުރީ ހުސްވެފައި،"އިސްމާއިލް ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިޖީއެމްއެޗާއި އެސްޓީއޯ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލަށް ބޭސް އެތެރެކޮށްދިނުމަށް ކޮންޓްރެކްޓެއް ގާއިމްކޮށްފައިވާ ކަމަށާއި އެ ކޮންޓްރެކްޓުގެ ދަށުން އެސްޓީއޯ އިން އައިޖީއެމްއެޗަށް ބޭސް އެތެރެކޮށްދިނުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. ނަމަވެސް އެސްޓީއޯ އިން ކޮންޓުރޯލްކޮށްގެން އެތެރެކުރާ ބޭސްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ސްޓޮކް ހުސްވެފައިވާ އަސާސީ ބޭސްތަކުގެ ތެރޭގައި ހިމެނެނީ އެސްޓީއޯ އިން ރާއްޖެ އަށް އެތެރެކުރާ ބޭސްތަކެއް ކަމަށާއި އެ ބޭސްތައް އެތެރެކުރުމުގެ ހުއްދަ އެހެން ކުންފުނިތަކަށް ލިބޭނެ ގޮތެއް ހަމަޖެހުމަކީ ވެސް މައްސަލަ ހައްލުވެދާނެ ގޮތެއް ކަމަށް ބައެއް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.

ކޮންމެހެން ލިބެން ޖެހޭ ބޭސްތައް ނުލިބޭ މައްސަލާގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް ވިދާޅުވީ އެ މައްސަލައަކީ ދޭތެރެދޭތެރެއިން އޭޑީކޭ އަށް ވެސް ދިމާވާ މައްސަލައެއް ކަމަށާއި ނަމަވެސް މިދުވަސްކޮޅު އޭޑީކޭގެ ސްޓޮކްގައި އެބޭސްތައް ލިބެން ހުރި ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ޓަކައި ހުރިހާ ބޭހެއް ވެސް އެތެރެކުރުމަށް ކޮންޕެޓިޓިވް މާކެޓަށް ހުޅުވާލުން މުހިންމު ކަމަށެވެ.

އަސާސީ ބޭސްތަކުގެ ތެރެއިން ބައެއް ކަހަލަ ބޭސްތައް ނުލިބޭ ކަމުގެ ޝަކުވާ ޑޮކްޓަރުން ކުރަމުންގެން ދާތީ އެކަމާ ބެހޭ ގޮތުން ހެލްތު މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު