ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންތައްތަކެއް ރާއްޖޭގައި ހިނގާ: އެމެރިކާ ސަފީރު

ރާއްޖޭގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ހުރަސްއަޅައި ނޫސްވެރިންނަށް ހަމަލާދެމުން ދިޔުމުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ނުރައްކާވެފައިވާ ކަމަށް އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރިޝިޔާ ބިއުޓެނިސް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ފުރާވަޑައިގަތުމުގެ ކުރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖުގައި ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި ޕެޓްރީޝިޔާ ވިދާޅުވީ މުޒާހަރާކުރާ މީހުންނަށް ހުރަސްއަޅައި ބިރުދެއްކުމާއި އަދި ނޫސްވެރިންނަށް ރާއްޖޭގައި ހަމަލާތައް ދެމުންދާ ކަމަށާއި އެ އަމަލުތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށް ބުރޫ އަރާނެ ކަމަށެވެ.

"މުޒާހަރާ ކުރާ މީހުންނަށް ބިރުދެއްކުން ނޫނީ ހުރަސްއެޅުމާއި ނޫސްވެރިންނަށް ހަމަލާ ދިނުން. މިސާލަކަށް ތަކުރާރުކޮށް ހިލްއަތަށް ދިން ހަމަލާތައް. އޭގެ ސަބަބުން ދިވެހިންގެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް އަދި މައުލޫލާތު ލިބިގަތުމުގެ ހައްގަށް ނުރައްކާވޭ. އޭގެ ސަބަބުން ބުރޫ އަރާނީ ގައުމުގެ ހަމަޖެހުމަށް،" ޕެޓްރީޝިޔާ ވިދާޅުވި އެވެ. "ސަރުކާރުން އެބަ ޖެހޭ އާންމުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކޮށް ރައްކާތެރިކުރަން ފިޔަވަޅު އަޅަން،"

އެކަމަނާ ވިދާޅުވީ ޑިމޮކްރަޓިކް އަސާސްތައް ކަމުގައިވާ ހިޔާލުފާޅުކުރުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަމާއި އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް އެމެރިކާ އިން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގައި ރާއްޖެ އަށް އެމެރިކާގެ އެހީތެރިކަން އަބަދު ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ. މުޒާހަރާ ކުރުމުގައި ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން އެކަން ކުރުމަށް އެކަމަނާ އިލްތިމާޒް ކުރެއްވި އެވެ. އަދި ވިދާޅުވީ ފުލުހުންނާއި ނޫސްވެރިން ވެސް އެމީހުންގެ މަސައްކަތުގައި ޕްރޮފެޝަނަލް ވުމަށް ގޮވާލައްވާ ކަމަށެވެ.

"އަހަރުމެން އަބަދުވެސް މި ސަރުކާރާއި ކުރީގެ ސަރުކާރާ ވެސް އަދި ފުލުހުންނާ ވާހަކަ ދައްކަމުން ގެންދަނީ މުޒާހަރާ ކުރާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އަދި ޑިމޮކްރަސީގެ އަސާސްތައް ކަށަވަރުކުރުމަށް. އެކަމަށް އަހަރުމެން އަބަދުވެސް މަސައްކަތް ކުރާނަން،" ޕެޓްރީޝިޔާ ވިދާޅުވި އެވެ. "އަޅުގަނޑު ނޫސްވެރިންނާއި ފުލުހުންނަށް ގޮވާލަނީ އެމީހުންގެ ޒިންމާދާރު ވަޒީފާ އަދާކުރުމުގައި ޕްރޮފެޝަނަލްވުމަށް،"

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭނީ ދިވެހިންގެ ކަމަށް ފާހަގަ ކުރައްވަމުން ސަފީރު ވިދާޅުވީ އިންކުއަރީ ކޮމިޝަނުން ގޮތެއް ނުނިންމަނީސް ރާއްޖޭގެ ވެރިކަން ބަދަލުވީ ގޮތާ މެދު އެމެރިކާ އިން ގޮތެއް ނުނިންމާނެ ކަމަށާއި ސަރުކާރާ ގުޅިގެން އެމެރިކާ އިން މަސައްކަތްކުރާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ވާހަކަތައް އަލުން ފެށުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އުންމީދު ކުރަން ކޮމިޝަންގެ ރިޕޯޓުން ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވޭނެ އިރަކާ މެދު އިންފޯމް ކުރެވޭނެ ކަމަށް. އެ ރިޕޯޓާ މެދު އަޅުގަނޑުމެން އިންތިޒާރު ކުރާނަން،" ސަފީރު ވިދާޅުވި އެވެ.

ކުރީގެ ރައީސުންނާ އެކު ބޭއްވި ބައްދަލުވުންތަކާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ އެއީ ވަރަށް އުފެއްދުންތެރި ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެމްޑީޕީން ޕާޓީ މަޝްވަރާތަކުގަ އާއި އިންކުއަރީ ކޮމިޝަންގައި ބައިވެރިވާތީ އެކަމަށް ރައީސް ނަޝީދަށް މަރުހަބާ ދެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޕާޓީ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކޮށްދެއްވުމަށް ކުރީގެ ރައީސް މައުމޫންގެ ކިބައިން އެދިވަޑައިގަތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ހުރިހާ އެންމެންވެސް، ސިޔާސީ ލީޑަރުން ވެސް އަމިއްލަ އަދި ޒާތީ ކަންތައްތައް އެއްފަރާތްކޮށް ގައުމުގެ ހެވާއި ލާބަޔަށް ގައުމަށްޓަކައި މަސައްކަތް ކުރުން،" އެކަމަނާ ޕްރެސްކޮންފަރެންސް ނިންމާލައްވަމުން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު