ޔަހޫދީންގެ މައްސަލަ ބަލާތީ ބައިނަލްއަޤުވާމީ ކޯޓު 'ފުނޑާލާނެ'ކަމުގެ އިންޒާރު

ބައިނަލްއަގްވާމީ ކޯޓު ފުނޑާލާނެކަމުގެ އިންޒާރު ދެއްވި އެމެރިކާގެ ކޮންގްރެސްގެ 12 މެންބަރުންގެ ތެރޭގައި ހިމެނޭ ހައްދު ފަހަނަޅާފައިވާ މީހެއް ކަމަށްވާ ޓޮމް ކޮޓޮން

ވޮޝިންޓަން (09 މޭ 2024): ބައިނަލްއަގުވާމީ ޝަރުއީ ދާއިރާ ވެސް އިސްރާއީލާ ދެކޮޅަށް މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި އިސްރާއީލުގެ އެއްވެސް މައްސަލައެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބަލައި އިސްރާއީލުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރުންފަދަ ކަމެއް ކޮށްފިނަމަ އެ ކޯޓު އުވާލާނެކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ޔަހޫދީ ހަރުކަށި ވިސްނުމުގެ މެންބަރުންތަކެއް ދެއްވައިފިއެވެ.

ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ނަސްލު ނައްތާލުމުގެ ޖަރީމާތައް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބަލައި ތަހުގީގު ކުރަމުންގެންދާކަމުގެ އަޑުތައް ފެތުރިފައިވާތީ އެކަމާ ގުޅިގެން އެ ކޯޓަށް އިންޒާރު ދެއްވަމުން އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ 12 މެންބަރަކު ވަނީ އެ ކޯޓަށް އިންޒާރުގެ ލިޔުމެއް ފޮނުވާފައެވެ. މި 12 މެންބަރުންނަކީ ޔަހޫދީ ދީނީ ހަރުކަށި ދިނީ ފިކުރެއް ކަމަށްވާ އިންޖީލީ ފިކުރަށް ނިސްބަތްވާ ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި 12 މެންބަރުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ފޮނުއްވި ލިޔުން ބުނާގޮތުން އިސްރާއީލުގެ އިސް ވެރިންނާ ދެކޮޅަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އަމުރެއް ނެރެފިނަމަ އެ ކޯޓު ފުނޑިގެންދާވަރުގެ ބަދަލުހިފުމުގެ ހަމަލާއެއް އެ ކޯޓާ ކުރިމަތިވާނެއެވެ. މިއީ ހަރުކަށި އިންޒާރެއް ކަމަށާއި މި އިންޒާރު ލުއިކަމެއް ގޮތުގައި ދެކިގެން ނުވާނެ ކަމަށް ވެސް އެ ލިޔުން ބުނެއެވެ.

އިސްރާއީލުގެ ވެރިއަކާ ދެކޮޅާށް އަމުރެއް ނެރެފިނަމަ އެއީ ޔަހޫދީންނާ ޖައްސާލައި ޔަހޫދީންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމުގައި ބެލޭނެ ކަމަށް ވެސް އެ 12 މެންބަރުންގެ ލިޔުން ބުނެއެވެ. އެއީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އެ ކޯޓުގެ ރަތްރޮނގު ހުރަސްކުރުން ކަމަށާއި އެ ހާލަތުގައި އެ ކޯޓާދެކޮޅަށް ފިޔަވަޅު އަޅައި އެ ކޯޓުގެ ހަރަކާތްތައް ހުއްޓުވައި އެ ކޯޓު އުވާލާ ހިސާބަށް ކަންތައްތައް ދާނެކަމުގެ އިންޒާރު ވެސް އެ ލިޔުން ފޮނުއްވި 12 މެންބަރުން ދެއްވާފައިވެއެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް އަހްމަދު ޚާން

ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގައި މިދިޔަ އޮކްޓޯބަރު ހަތަކުން ފެށިގެން މިހާތަނަށް އިސްރާއީލުން ވަނީ 34،000 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލައި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރު ތަޅައި ސުންނާފަތިކޮށްލާފައެވެ.

މީގެ އިތުރުން، ޣައްޒާގެ އެތައް ސަތޭކަ ބަޔަކު ސިއްރުން މަރައި ބޮޑެތި ކައްވަޅުތަކުގައި އެ މީހުން ވަޅުލާފައިވާ ކައްވަޅުތަކެއް ވެސް އިސްރާއީލު ސިފައިން ވަދެގަތް ޣައްޒާގެ ދެ ހޮސްޕިޓަލުންވަނީ ފެނިފައެވެ. މި ކައްވަޅުތަކުގެ މައްސަލަ ތަހުގީގުކުުރުމަށް އދ. އިން ގޮވާލާފައިވާއިރު އދ. އަށްވަނީ އިސްރާއީލުގެ އެއްބާރުލުން ނުލިބިގެން މިކަން ކުރެވޭނެގޮތް ނުވެފައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގާ މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ބަލައި ނަތަންޔާހޫއާއި އިސްރާއީލުގެ އަސްކަރީ އަދި މަދަނީ ވެރިން ހައްޔަރުކުރުގެ އަމުރެއް ދާދި އަވަހަށް އެ ކޯޓުން ނެރެންއުޅޭކަމުގެ ގިނަ ރިޕޯޓްތަކެއް މިހާރުވަނީ ފެންމަތިވެފައެވެ.

އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ އާންމުން މަރައި ގަތުލުއާންމު ހިންގާ މައްސަލަ ދެކުނު އެފްރިކާއިންވަނީ ބައިނަލްއަގުވާމީ އިންސާފުގެ ކޯޓަށް ހުށަހަޅައިފައެވެ. އެ ކޯޓުންވަނީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ކަމަށް ބެލެވޭ ހުރިހާ އަމަލުތަކެއް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ އަމުރެއް މިދިޔަ ނޮވެމްބަރު މަހު ނެރެފައެވެ.

ނަމަވެސް އެއަށް ފަހު ބައިނަލްއަގުވާމީ އިންސާފުގެ ކޯޓުގެ ފަރާތުން ފެންނަނީ މި މައްސަލަ ބަލައި އިސްރާއީލުގެ މައްޗަށް ހުކުމްކުރުމުގައި ފަސްޖެހި ފަހަތު ފަޔަށް ބުރަވަމުންދާ ތަނެވެ. އިސްރާއީލާ ޖެހުމުން ބައިނަލްއަގުވާމީ ކޯޓު ފަސްޖެހެމުންދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްގެ ހިމާޔަތުގައި އެމެރިކާ އެ ކޯޓަށް ކުރިމަތިކުރަމުންގެންދާ ފިއްތުންތަކުގެ ސަބަބުން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީފަދަ އެތައް ފަރާތްތަކަކުން ދެކެއެވެ.

އިސްރާއީލުން ޣައްޒާގައި ޝަހީދުކޮށްލާފައިވާ އާންމުގެ އެތަށް ބައެއްގެ ހަށިތައް ވަޅުލަނީ

އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމުތަކުގެ މައްސަލަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ވަނީ އެތައް ފަރާތަކުން ހުށަހަޅާފައެވެ. ނަމަވެސް އެ ކޯޓުން މި ކަމުގައި ދަނީ ފަހަތު ފަޔަށް ބުރަވަމުންނެވެ. އެއީ، މައްސަލައިގެ ޚަސްމަކީ ނުވަތަ ދައުވާލިބޭ ފަރާތަކީ އިސްރާއީލުގެ ވެރިންކަމަށްވުމުން ކަމަށް ވަނީ ބެލެވިފައެވެ. ހުޅަނގުން އިސްރާއީލާމެދު މުއާމަލާތްކުރަނީ އެއީ ގާނޫނުންމަތީގައި އޮންނަންޖެހޭ މުގައްދަސް ގައުމެއްގެ ގޮތުގައެވެ.

ނަމަވެސް، އިސްރާއީލުގެ ވެރިންގެ ޖަރީމާތަކާމެދު އަޅާނުލާކަމުގެ ތުހުމަތު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ މައްޗަށް ތަކުރާރުކޮށް ކުރެވޭތީ އެ ކޯޓުން މި މައްސަލަ ބަލައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އިސްރާއީލުގެ މަދަނީ އަދި އަސްކަރީ އިސްވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރެންއުޅޭ ކަމަށް އިތުބާރުހުރި މަސްދަރުތަކަކުންވަނީ ހާމަވެފައެވެ. މި ޚަބަރުތައް ގިނައިން ގެނެސްދެނީ ވެސް އިސްރާއީލުގެ މީޑީއާތަކުންނެވެ.

އިސްރާއީލުގެ ބޮޑުވަޒިރު ނަތަންޔާހޫ ދާދި ފަހުން ވަނީ އޭނާއާއި އިސްރާއީލުގެ އެހެން ވެރިން ހައްޔަރުކުރުމުގެ އަމުރެއް ނެރުމަކީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ކުރާނެ އެންމެ ދަށުދަރަޖައިގެ އަމަލަށްވާނެ ކަމަށް ސިފަކޮށްފައެވެ. ނަތަންޔާހޫވަނީ އެކަން ކުރުމުގެ ކުރިން އެ ކަމުގެ ނަތީޖާއާ މެދު ވިސްނުމަށް އެ ކޯޓުގެ އިސްފަރާތްތަކަށް އިންޒާރު ދީފައެވެ.

އެމެރިކާގެ ބައެއް މީޑިއާތައް ބުނާގޮތުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އިންޒާރުގެ ލިޔުން ފޮނުވި އެމެރިކާގެ ކޮންގްރެސްގެ މި 12 މެންބަރުންނާ ގުޅުންތައް އޮންނަ ޔަހޫދީ ޒަޔަނިސްޓް ގޭންގަކުން ވެސް ދާދި ފަހުން ވަނީ މި މައްސަލައިގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރަށާއި ފަނޑިޔާރުންނަށް އިންޒާރުތަކެއް ދީފައެވެ.

comment ކޮމެންޓް