"ދުނިޔެއަކީ ދިގު ރާސްތާއެއް ކަމުގައި ހީވިޔަސް ވަރަށް އަވަހަށް ދަތުރު ނިމިގެން ހިނގައިދާނެއެވެ. އަޖަލު ޖެހުމުން އެންމެ ސިކުންތެއްވެސް ފަސްވުމެއްނެތެވެ. ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި ހެޔޮ އަމަލުތައް ގިނަކުރާށެވެ. ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ."

***

" ދުޢާ...އަހަރުމެންނަކަށް ނޭނގޭނެ ކިހިނެއް ކޮން ގޮތަކަށް ކަމެއް ﷲ އަށް އެދި ދަންނަވާކަމެއް އެކަލާނގެ އިރާދަ ކުރައްވާނީ.....މާމަ އަބަދުވެސް ބުނާނެ މީހަކަށް ހެޔޮކަމެއް ވުމަށް އެދެންޏާ، ކޮށްދެންޏާ އެމީހަކަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާ ކުރާށޭ....އެ ކަން އެގޮތަށް ވުމަށް މަގުފަހިކޮށްދެއްވަނީ ވެސް މާތް ﷲ....ﷲ ގެ ރަޙްމަތް....އުރޫޖް ގެ މޮޅު ކަމެއް ނޫން..." އުރުޖުވާން ގެ އަޑުގައިވި ހަމަހިމޭންކަމާއި ހިތްހަމަޖެހުމެވެ. މުޅި ތަނަށް ވެރިވެފައިވީ އަމާންކަމެކެވެ. މާޒިމް އަށް އުރުޖުވާން ގެ ކިބައިން ފެންނަ ކޮންމެ ކަމަކުން ވެސް އެހިތުގައި ވާ ލޯބި އިތުރުވަމުން ދިޔައެވެ. އަދި މާތް ﷲ އާއި މެދު އުރޖުވާން ގެ އެ ވިސްނުން ހުންނަ ގޮތާއި މެދުވެސް ހައިރާން ކުރުވައެވެ. މާޒިމް އަށް ވެސް ދީނުގައި ސާބިތުވުމަށް ހިތްވަރު ލިބިދެނީ އުރުޖުވާން ދޭ ނަސޭހަތްތަކުންނެވެ.

" އެހެންވީމަ.....އުރޫޖް އަކީ ވެސް..އަ ދުޢާ އައި މޭޑް އަ ލޯންގް ޓައިމް އެގޯ...." މާޒިމް އުރުޖުވާންގެ އަތްތިލަ ގެނެސް އޭނަގެ މޭގައި ޖައްސައިލިއެވެ. އުރުޖުވާންގެ ނަޒަރުގައި ވީ އިންތިހާ ލޯތްބެވެ.

***

މެހެކް އާއި މީކާއިލް ހުޝަލް މެން ދިރިއުޅޭ ގެ ކަމަށްވާ ފްލޮރިއާނާ ރެސިޑެންސްއަށް އައީ ނަބީލާ ގެއަށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ. މެހެކް އާއި މީކާއިލް އައުމުން ނާޝިދު ހިތް ނުތަނަވަސް ވިޔަސް އެ ދެކުދިންނާއި ވާހަކަ ދެއްކީ ގާތް ކޮށެވެ. ހަމަ އެކަނި ބިރަކީ އެ ދެބެއިންގެ ފަރާތުން ހުޝަލްއަށް ހަރުކަށި ދީނީ ފިކުރުތައް ދަސްވަނީ ކަމަށް ހިތުގައި އޮތުމެވެ. ނަބީލާގެ ނަފްސާނީ ބައްޔަށް ރުޤްޔާ ކުރުމުގެ ޚިޔާލުތަކުގެ ފަހަތުގައި ތިބީ އެ ދެބެއިން ކަން އޭނައަށް ޔަގީނެވެ.

" އަދި ޗެއިނެއް ބޭނުންވާނެ.....ނަބީއްތަ ގެ ހާލު ހުރިގޮތުން އެހާ ފަސޭހައިން މަތަ ނުވާ ފަހަރުތަކުގައި ބެނުންކުރަން..." މެހެކް ޚިޔާލުދިނެވެ. ހުޝަލް ގެ ހިތް އެކަމަށް ނޭދުނަސް އެއީ މިވަގުތު ކުރަން މަޖުބޫރު ކަމެއް ކަމުގައި ދެކުނެވެ.

ނާޝިދުގެ ބަލި ހާލަތު ހުރިގޮތުން ހޮސްޕިޓަލަށް ނަބީލާ ބަލައި ނުދެވޭނެތީވެ އެ ހޮސްޕިޓަލުގެ އިދާރީ މުވައްޒަފުން ނާޝިދުގެ ފަރާތުން ބޭނުންވާ ހުއްދަ ނެގުމަށް އައެވެ. އަދި އޭގެ އެއް ގަޑި އިރުފަހުން ނަބީލާ ގޮވައިގެން އެމީހުން ގެއާ ހަމަޔަށް ފޯރިއެވެ. ނަބީލާ ގެ ހާލަތު ގޯސް ވުމުގެ ސަބަބުން ގެއަށް ގެނައީވެސް ނިންދަވާލައިގެންނެވެ. ބާރުގަދަ ބޭސް ތަކަކަށް ވެސް ގިނަ ފަހަރު އޭނާގެ ހާލަތު ނުގުޑައެވެ. އެންބިއުލާންސް ގެ ސްޓްރެޗަރ އެއްގައި ގެއަށް ވެއްދި ވަގުތު ދެބަ ދޭތެރޭގައި ވާހަކަ ދައްކާނޭ ފަދަ ގޮތެއްގައި ކުކުރާލިއެވެ. ސައިކޭޓްރިސްޓް ވެސް ނަބީލާ އާއި އެކު އައި އިރު އޭނާގެ މޫނުމަތީންވެސް ފެންނަމުން ދިޔައީ ހާސް ކަމެވެ. މިހާ ކުއްލި ގޮތަކަށް ހޮސްޕިޓަލުން ގެއަށް ގެންނާންވީ ސަބަބު ނޭނގިފައެވެ.

" ވަރަށް ހައިރާންކުރުވަނިވި ކޭސް އެއް.....އަހަރެންގެ މުޅި ހަޔާތުގަވެސް މިފަދަ ކޭސް އަކާއި ދިމާ ވާ ފުރތަމަ ފަހަރު...ވަރަށް ދެރަވޭ ފަރުވާ މުޅިން ނުދެވެނީސް ގެއަށް ބަދަލު ކުރުމުން....އުއްމީދު ކުރަން މިއީ އެންމެ ރަނގަޅު ގޮތް ކަމަށް..." ޑޮކްޓަރ ވާހަކަ ދެއްކީ އިނގިރޭސިންނެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހޮސްޕިޓަލުގަިއ ނުދެވޭ ފަދަ ފަރުވާއެއް ގެއަށް ގެނެސް އާންމު މީހުންނަށް ދެވޭނެ ގޮތެއް ނޭގޭތީއެވެ. ނަބީލާ ފެނުމުން ހުޝަލް ހުރީ ބަސް ހުއްޓިފައެވެ. މިހާ ދުވަސްކޮށްފައި މަންމަ ފެނުމުން އެ ހިތަށް ކުރީ ބަޔާންނުކުރެވޭ ފަދަ ފުން އަސަރުތަކެވެ. އެފަދަ ހާލަތެއްގައި އޮތްވާ ފެނުމުން އަދި ބޮލަށް އެނބުރުން އަރާހެންވެސް ހީވއެވެ.

" ސަބްރް......މާތް ﷲ އެމީހަކަށް ނުއުފުލޭ ބުރައެއް ނުޖައްސަވާނެ....އިންޝާﷲ ނަބިއްތަ ހެޔޮ ހާލުގައިވާނެ ދުވަސް އަންނަން ގާތް ވެއްޖެ...." ހުޝަލް ގެ ކޮނޑުގައި އަތް ބާއްވާލަމުން މިކާއިލް ހިތްވަރު ދިނެވެ.

ނާޝިދުއާއި ޑޮކަޓަރު ވާހަކަ ދެއްކުމަށް ފަހު ހޮސްޕިޓަލުގެ އެހީތެރިންނާއި ނަރުހުން ގެއިން ނިކުމެގެން ދިޔައީ ނަބީލާގެ ކެއުމާއި ބޭހާއި އަދި ގެންގުޅެން ޖެހޭނޭ ގޮތުގެ ތަފްސީލުދީފައެވެ. ނަބީލާގެ ލޯ މެރިފައި އޮތަސް ކަޅި ހިނގާ ކަން ލޯ މަތިން އެނގެއެވެ. އަތާ ފައި ޗޭން ކޮށްފއި ވީ އިރު ލައިގެން އޮތީ ހޮސްޕިޓަލް ގައި ލައި އުޅޭ ކަކުލާ ހަމަޔަށް ފޯރާ ހެދުމެކެވެ. ނަބީޅާ ގެ ގައިމަތީ ރަޖާ އެއް އަޅައި ނިވާ ކޮށްލީ އެ ހެދުން ތުނި ވެފައި ގައިގެ ވަނާތަށް ހާމަވާތީއެވެ. ނާޝިދު ފުރޮޅިލީ ގޮނޑީގައި އެކޮޓަރިއަށް ވަނީ ނަބީލާ ދެކެލުމަށެވެ. އެ ލޮލުގައިހަރުލާފައި ވީ ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހިގަތެވެ. އަދި ހޮސްޕިޓަލުން ގެއަށް ގެނައުމަކީ ރަގަޅު ނިންމުމެއް ބާވައޭ ހިތަށް އަރާ ހިތް ނުތަނަވަސް ކުރުވިއެވެ. \ނާޝިދު ނަބީލާގެ އަތުގައި ހިފައިލިއެވެ. އެ އަތްތިލަ ގަނޑުފެންކޮޅެއްހާ ފިންޏެވެ. ނާޝިދުގެ ކަރުނަ ތިކިތައް އެ އަތަށް އެޅެމުން ދިޔަ ހިނދު ލޮލުގެ ކަޅިގެ ހިނގުން އަވަސް ވާތަން ފެނުނެވެ. އެއާއެކު ނަބީލާ ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އެ ހުޅުވާލި ވަގުތު ލޮލުގެ ކަޅި ހުރީ ހުއްޓިފައެވެ. އަދި މަޑު މަޑުން ހިނިތުންވުމެއް ތުންފަތަށް ވެރިވަމުން ދިޔައެވެ. މެހެކް ދިޔައީ ނަބީލާ ހުރިހާ ހަރަކާތްތަކަށް ފަރުވާތެރިވަމުންނެވެ.

" ކޮން ރުއިމެއް ރޯކަށް؟ނިކަން އުފާ ފާޅުކޮށްބަލަ...މިހާލަތުގައި މަ އޮންނަ ތަން ދެކެން ތި ނާޝިދު ނުލާހިކު ފޯރިޔެއް ހުއްޓެއްނު.....ބޭނުންވެގެން އުޅޭ އެކި ފާޑު ގެ އަންހެނުން ލައިގެން އުޅެން ރަނުގެ ފުރުސަތެއް ނު..." ނަބިލާ ވާހަކަ ދެއްކީ އަމިއްލ އަޑުން ނަމަވެސް މޫނު މަތިން ފެންނަމުން ދިޔައީ ހުސް ކަމެކެވެ. ކަޅި ހުއްޓުން އަރާފައި ހުރި އިރު އެސްފިޔަވެސް ޖަހާނުލައެވެ. ނަބިލާ އަށް ރައްދު ދިނުމުން ކަންތައް ތައް ގޯސް ވާނެ ކަމަށް ބަލައި ނާޝިދު އަވަސް އަވަހަށް ގޮނޑި އަނބުރާލީ ކޮޓަރިން ނިކުތުމަށެވެ.

" ނާޝިދު......އަހަންނަށް ޖަވާބެއް ނުދޭނަންތަ؟މިހާ ދުވަސް ފަހުން ބައްދަލުވި އިރު ގޮވާ ވެސް ނުލާނަންތަ؟" ނަބީލާ އާދޭހުގެ ރާގުގައި ބުނެލިއެވެ. އެވަގުތު ނާޝިދުގެ ހިތަށް ކެތް ނުކުރެވި ނަބީލާގެ އެނދާއި ދިމާލަށް އެނބުރި ދެވުނެވެ. ނަމަވެސް މެހެކް އަތުގެ އިޝާރާތުން ކައިރި ނުވުމަށް އެދެމުން ދިޔައެވެ. އަދި ވާހަކަ ނުދެއްކުމަށްވެސް އެދުނެވެ. ނަމަވެސް ނާޝިދުއަށް އެކަން ގަބޫލެއް ނުކުރެވުނެވެ. ނަބީލާގެ އަށް ޖަވާބުނުދީ ދާން ހިތާއި ނަފުސަށް ކުޅަދާނައެއް ނުވިއެވެ.

" ނޫނޭ ނަބީ.....އަހަރެން.....ނަބީ..." ނާޝިދު އުނދަގޫ ކަމަކާއެކު ވާހަކަ ދެއްކީ އެކަމަށް މާފަށް އެދެން ބޭނުންވާފަދަ ގޮތަކަށެވެ. މާޒީގައި ހިނގި ކަންތައްތަކަށް ހިތާމަ ކުރާ ހާލުގައެވެ. ނަމަވެސް ނާބީލާ އެވަގުތު ނާޝިދުއާއި ދިމާއަށް ފުންމައިގެން ފަދަ ގޮތަކަށް މޫނު އަނބުރައިލިއެވެ. ލޮލުގެ ކަޅު ކަޅި ބޮޑުވެ މުޅި ލޯ އެއްކޮށް ފުރާލިހެން ހީވިއެވެ.

" ނަބީލާ އެއް ނެތް...." ވަރުގަދަ އަޑަކުން މުޅި ކޮޓަރި ގުގުމާލިއެވެ. އެއާއެކު ނުލަފާ ހިނިގަނޑެއް ޖަހައިލާފައި ނަބީލާ ތެޅިގަތެވެ. އަދި އަތާ ފައި ހައްޔަރުކޮށްފައި ވާ ޗޭނުތައް ނައްޓަން މަސައްކަތް ކުރަންފެށިއެވެ. އެ މަންޒަރު ފެނި ލިބުނު ސިހުމާއި ބިރުވެރިކަމާއެކު ނާޝިދުއަށް ފަސް ޖެހެވުނެވެ. އަދި އަވަހަށް ގޮނޑި ދުއްވައިލީ ކޮޓަރިން ނިކުތުމަށެވެ.

***

މަދީނާ އަށް ޓެޑީ ބެއާ ފެނުމުން ނަމާދުގެ މަތިންވެސް ހަނދާން ނެތުނެވެ. މުޅި ދުވަހު އިންތިޒާރު ކުރަމުން އައީ އުވެއިސްގެ ހިލަމަކަށެވެ. އޭގެ އިޝާރާތެއް ފެނުމުން ހިތް ހަމަޖެހުނެވެ.

" އިންތިޒާރުގައި؟" އަޑު ނުކުތީ ބުދުގެ ތެރެއިންނެވެ. މަދީނާ ބިރުން ސިހިފައި ފހަތައް ދެތިން ފިޔަވަޅު ފަހަތަށް ޖެހުމާއެކު ގަނޑުފެން ގަނޑެއްގައި ޖެހެވުނީ ހެން ހީވިއެވެ. އެނބުރި ފަހަތަށް ބަލާލިއިރު އުވެއިސް އެވެ.

" ކިހިނެއް؟ކޮންތާކުން؟" މަދީނާ ހުރީ އަހަންވީ ސުވާލެއް ނޭނގިފައެވެ. އުވައިސް ފެނުމުން ރަކިވީވަރުން އިސްޖައިލެވުނެވެ.

" ފުރަތަމަ އަހަރެންގެ ސުވާލަށް ޖަވާބު ދިން ނަމަ.....އިންތިޒާރުގަ ހެއްޔޭ އެހީ؟" އުވައިސް ހަރުކަށި ކަމާއެކު ވާހަކަ ދެއްކިއެވެ.

" ކުޑަ...ކުޑަކޮށް..." މަދީނާ އަޑު ތުރުތުރުލަމުން ޖަވާބު ދިނެވެ. ނޫންކަމަށް ހެދެން ބޭނުންވިޔަސް އުވެއިސް އަށް ދޮގު ހެދުމުގެ މާ ބޮޑު މާނައެއް ނެތް ކަން އޭނާއަށް އެނގެއެވެ. މަދީނާ ގެ މައުސޫމުކަމުން އުވެއިސް އަށް ހެވުނެވެ. އަދި އެ ވަގުތު މަދީނާ ގެ ފޯނަށް މެސެޖުތަކައް ފުނި ފުންޏަށް އަންނަ އަޑު އިވުނެވެ. އެނދުގައި އިށީދެ ފޯނު ހުޅުވައިލިއިރު އެއީ އުރުޖުވާން އާއި މާޒިމް ގެ ފޮޓޯތަކެވެ. ފޮޓޯ ތަކަށް ގެއްލިފައި މަދީނާ އަށް އިނދެވުނީ ސްވިޒަލޭޑްގެ ރީތި މަންޒަރުތަކުން ހައިރާންވެފައެވެ. ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވެއެވެ. ޕޯސްޓްކާޑުން ފެންނަ ފަދަ ފުރިހަމަ މަންޒަރުތަކެވެ. ހުދު ކަފަކޮޅުތައް ފަދަ ސްނޯއާއި ވިލާތަކުގެ ތެރެއަށް ގެއްލިފައިވާ އުސް ފަރުބަދަތަކެވެ. ކުދި އަރާމު ގެތަކެވެ. ފެންދެމޭ ކޯރުތަކެވެ. އުރުޖުވާންއާއި މާޒިމްގެ އުފާވެރިކަން ފެނުމުން މަދީނާގެ ހިތަށްވެސް ބުނަން ނޭގޭފަދަ ފިނިކަމެއްލިބުނެވެ.

" އެތަނަށް ދާން ބޭނުންތަ؟" އުވެއިސް ގެ އަޑު ކަންފަތުގައި ޖެހުނެވެ. ކައިރިން އަޑު އައި ނަމަވެސް މަދީނާ އަށް ފެންނަ ހިސާބަކު ނެތެވެ.

" މަތީގަ....." އުވެއިސް ހުރީ ސީލިންގައި ހިނގާށެވެ. މަދީނާގެ ހިތް އަތަށް އައިހެން ހީވިއެވެ.

" ތިހާ ބިރުގަންނަނީ ކީއްވެ؟މިއަށް ވުރެ ބިރުވެރި ދުވަސްތައް ދެކެފީމެއްނު؟އަހަރެން ނޫޅެމޭ އަނިޔާ އެއް ދޭކަށް..." އުވެއިސް ބިމަށް ފޭބިއެވެ.

"ބިރުންނެއް ނޫން...ނަމާދަށް ގަޑި ޖެހޭ އެބަ.....އުވެއިސް ވެސް ދޭބަލަ ނަމާދަށް..." މަދީނާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. ހިތްހަމަނުޖެހުނީ ކުރީގެ އަނިޔާތަކުގެ ވާހަކ އުވެއިސް އެ ފާޑަށް ދެއްކީމައެވެ. އުވެއިސް އަށް ހެވުނެވެ. އެތަށް އިރެއް ވަންދެން ހުއްޓުމެއްނެތި ހެމުން ދިޔައެވެ. އަބަދު ސީރިޔަސް މޫނަށް ދިރުން އައި ފަދައެވެ. މަދީނާ އިތުރަށް ރުޅި ގަދަވިއެވެ. ނަމަވެސް އުވެއިސް ގެ މޫނު މަތީން އުޖާލާކަން ފުރަތަމަ ފަހަރަށް ފެނުމުން ހިތް ތައުރީފް ކުރިއެވެ.

"މޮޔަ ކުއްޖާ.....ތި ނަމާދު ކުރުމަކީ އަހރެން ގަބޫލު ކުރާ ކަންތަކެއް ނޫން....އަހަރެންނަކީ އެއވެސް ފަރާތެއްގެ އަޅެއް ނޫން ތިހާ ދަށު ދަރަޖައަކަށް ވެއްޓެން..." އުވެއިސް ބޮޑާވިއެވެ. އެ ވަގުތު މަދީނާ ގައިން ހީބިހި ނަގައިދިޔައީ އެފަދަ ކުފުރުގެ ބަސްތަކެއް އެހާ ކިބުރުވެރިކަމާއެކު އުވެއިސް ބުނެލުމުންނެވެ.

" ޔޫ ނީޑް ޓު ލީވް މީ......ޕްލީޒް...." މަދީނާ ވަގުތުން އެދުނީ އުވައިސް އޭނަ ދޫކޮށްފައި ދިއުމަށެވެ. އެފަދަ ޝައިތާނަކާއެކު ހިނދުކޮޅަކަށްވެސް ހީ ސަމާސާ ކުރުމަށް މަދީނާގެ ހިތް ނޭދުނެވެ. އުވެއިސްގެ ހުނުން މަޑުޖެހި ލޮލުގައި ހުންނަ ފިނިކަން އެނބުރި އިއާދަވިއެވެ. އަދި މަދިނާ އަށް ލޯ އަޅައިލީ ނުރުހުންތެރިކަމާއެކުއެވެ. އެހާ ފަސޭހައިން ރުޅި އަންނަން ޖެހޭ ވަރުކަމެއް ކުރީއެއް ނޫނެވެ. އެވަރުގެ ބަހެއްވެސް ބުނީއެއް ނޫނެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ މަދީނާގެ އެ ނުރުހުމުގެ ސަބަބެއް އުވެއިސް އަކަށް ނުވިސްނުނެވެ. ނަމަވެސް މާހައުލު ހޫނުވުމުން އޭނަ މަދީނާގެ ލޯ މަތީން ގެއްލުނީ އެސްފިޔަ ޖަހައިލާހާ އަވަހަށެވެ. އުވެއިސް އާއި ދިމާ އަށް އެފަދަ ގޮތެއްގައި ބަސް ބުނެލުމަށް ކެރުނީތީވެ މަދީނާ އަށް އަމިއްލަ ނަފްސަށް ތަޢުރީފް ކުރެވުނެވެ. އަދި އަވަސް ވެގަތީ ނަމާދު ކުރުމަށެވެ. މަދީނާގެ ލޯ މަތިން އުވެއިސް ގެއްލުނެއް ކަމަކު މަދީނާގެ ހުރިހާ ހަރަކާތަކަށް އުވެއިސް ފާރަވެރިވިއެވެ. ދުވަހަކުވެސް ނަމާދަށް ޝައުޤުވެރިވެފައި ނެތަސް މަދީނާ ގެ އެ ހަރަކާތްތައް ފެނި ނަމާދާއި މެދު މީހާ ޝައުޤުވެރިކުރުވިއެވެ. އުވެއިސް ބޮޑުވެފައިވީ ކާފަރު ބާރުވެރި ޖިންނީންގެ ތެރޭގައި ކަމުން އިސްލާމް ދީނަށް އޭނަ ބީރައްޓެއްސެވެ. އުވައިސްމެން ގަބޫލުކުރާގޮތުން މުސްލިމް އަދި މުއުމިން ޖިންނީންނަކީ ބާރުދެރަ މޮޔަ ބައެކެވެ.

***

" އެހެންވީމަ.....އުރޫޖް އަކީ ވެސް...އަ ދުޢާ އައި މޭޑް އަ ލޯންގް ޓައިމް އެގޯ...." މާޒިމް އުރުޖުވާންގެ އަތްތިލަ ގެނެސް އޭނަގެ މޭގައި ޖައްސައިލިއެވެ. އުރުޖުވާންގެ ނަޒަރުގައި ވީ އިންތިހާ ލޯތްބެވެ.

" ބުނެލަން ވާހަކައެއް...." ހިތުގެ އެންމެ ކަނުގައި ފޮރުވާފައިވި ސިއްރު ހާމަކުރަން އުރުޖުވާން ބޭނުންވިއެވެ.

" ޔެސް..." އުރުޖުވާން ގެ މޫނަށް އެޅިފައި އޮތް ފަން އިސްތަށިކޮޅު ކަންފަތުގައި އަޅުވާލަދެމުން މާޒިމް ޖަވާބު ދިނެވެ.

" ނަތިންގް..." އުރުޖުވާން ލަދުރަކި ކަމާއެކު އިސްޖަހާލެވުނެވެ. އެ ހިތްވަރެއް އެ ދުލަކު ނެތެވެ.

" ތި ހާދަ ހެއްވާ....ތިކަހަލަ ދޮގު ހަދާކަށް ނުވާނެ...ސަމާސާ އަށް ވިޔަސް...." މާޒިމް ދިމާ ކޮށްލިއެވެ.

" ނޫން...ބުނާނެ ގޮތެއް ނޭނގުނު....ފަހުން ބުނާނީ..." ބަހަނާއެއް ދައްކާލާފައި އުރުޖުވާން ތެދުވެގެން ހިނގައިގަތެވެ. އެވަގުތު މާޒިމް އެ އަތުގައި ހިފިއެވެ. އަދި އިނގިލީގައި އަޅުވާލަދިނީ ހުދު ރަނުގެ އަނގޮޓިއެކެވެ. އޭގައި މުށިކުލައިގެ މުތެއް ވިދަވިދާ ވިއެވެ. އުރުޖުވާން ހައިރާން ކަމާއެކު އެނބުރުނެވެ. އަދި އަނގޮޓި ފެނުމުން ބަސް ހުއްޓުނެވެ.

" އައި ލަވް ޔޫ....." މާޒިމް އަށް އުރުޖުވާން ގެ ހޯލި އިނގިލިތަކުގައި ފިރުމާލެވުނެވެ.

" ވަރަށް ރީތި....މިއީ އުރޫޖް ގެ ތިން ވަނަ ޕާލް....އެކަމު އެންމެ ރީތި..." އުރުޖުވާން ތައުރީފް ކުރީ ޝުކުރުވެރިކަމާއެކުއެވެ. އަދި މާޒިމް އެ ބުނެލި ލަފްޒު އަޑު ނީވޭ ކަމުގައި ހަދައިލިއެވެ. މާޒިމް ހުރީ އުރުޖުވާން ގެ އަތް ދޫ ނުކޮށެވެ.

" އައި ސެޑް...އައި ލަވް ޔޫ..." މާޒިމް އަޑަށް ބާރުލާފައި ބުނެލިއެވެ. އުރުޖުވާން އިސްދަށަށް ޖަހައިލައިގެން ހުރެވެސް ހެވުނެވެ.

" ތޭންކްސް....." އުރުޖުވާން ގެ ހިތުގައިވެސް އޮތީ ހަމަ އެ ލަފްޒު ކަން ބުނަން ބޭނުން ވި ނަމަވެސް މާޒިމް ގެ ހިތް ތަޅުވާލަން ބޭނުންވިއެވެ. އެވަގުތު ބޯކޮށް ސްނޯ ވެހިގަތުމާއެކު މުޅި ތަނަށް އަލި އެޅުގެން ދިޔައީ ވިދާލުމުންނެވެ. އަދި އެޔާ އެކު ގުގުރުވެސް ޖެހިއެވެ. އުރުޖުވާން އަށް މާޒިމް ގެ އަތުގައި ހިފައި ބާރުކޮށްލެވުނެވެ.

"ކޮބާ.....ޖަވާބަކީ؟" މާޒިމް އަދިވެސް ބޭނުންވީ އުރުޖުވާން ގެ ފަރާތުން ޖަވާބެކެވެ. އުރުޖުވާން ގެ ހިތުގައި އޮތް ގޮތް ޔަގީންކުރަން ބޭނުންވިއެވެ.

" ސުވާލެއް ނުކުރަމެއްނު....."މަޖާ ވެފައި ބުނެލި ނަމަވެސް ބާރަށް ގުގުރާތީ އޭނަ ހުރީ ބިރުގެންފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު