ބޯންމެރޯ މެޗު ޓެސްޓު ރާއްޖޭގައި ހަދަން ފަށައިފި

ލޭ ހަދިޔާ ކުރުން: ބޯންމެރޯ ކްރޮސްމެޗު ޓެސްޓު ރާއްޖޭގައި ހެދޭނެ އިންތިޒާމު ހަމަޖައްސައިފައިވާކަން ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައި --- ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ބޯންމެރޯ ޓްރާންސްޕްލާންޓަށް، ބަލި މީހާއާއި ޑޯނަރު ހަދަން ޖެހޭ ކްރޮސްމެޗު ޓެސްޓު ރާއްޖޭގައި ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މީގެ ކުރިން ބޯންމެރޯ މެޗު ހެދެނީ ވަރަށް ދަތި ހާލުން ކަމަށާއި އެ ޓެސްޓު ހެދުމަށް ބަލި މީހާއާއި ޑޯނަރުގެ އިތުރުން އާއިލާގެ މެންބަރުން ވެސް ބޭރަށް ދާން ޖެހޭ ކަމަށެވެ.

"އެހެންވީމަ ފައިސާގެ ގޮތުންނާއި ވަގުތުގެ ގޮތުން ވަރަށް ބޮޑު ގުރުބާނީއެއް ހަގީގަތުގައި ބެލެނިވެރިން ވަމުން ދަނީ، އެހެންނަމަވެސް ﷲގެ ވާގިފުޅާއެކު ރައީސްގެ އިސްނެންގެވުމުގެ މަތިން މިއަދު ރާއްޖޭގައި ތިބެގެން މި ޓެސްޓު ހެދުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ އެ ޓެސްޓު ފުރަތަމަ ފަހަރަށް ރާއްޖޭގައި މިދިޔަ މާޗު މަހުގެ ހަތެއްގައި ހަދައިފައިވާ ކަމަށާއި އެ ބުރުގައި 13 މީހަކު ޓެސްޓު ހެދި ކަމަށެވެ. އަދި މި މަސް ތެރޭގައި ނުވަތަ އަންނަ މަސް ތެރޭގައި ޓެސްޓުގެ ދެވަނަ ބުރު ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މިއީ ހަގީގަތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް މިހާ ހިސާބަށް އައިއިރުގައި މި ފަރުވާ ރަނގަޅުކޮށް އެކަށީގެންވާ ގޮތެއްގައި އެ ބަލި ތަހަމައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ޓަކައި،" ޚަލީލް ވިދާޅުވިއެވެ.

ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން މަސައްކަތް ފަށާފައެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 659 ތެލެސީމިއާ ޕޭޝަންޓުން އުޅެއެވެ.

comment ކޮމެންޓް