ކުރީގެ ޗީފް ޢަބްދުއްރަޙީމަށް ސްޓޭޓް މިނިސްޓަރުކަން

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ކުރީގެ ޗީފް ޢަބްދުއްރަޙީމް -- ފޮޓޯ: ރައީސް އޮފީސް

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކުރިން ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަށް ސްޓޭޓް މިނިސްޓަރުކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ޢަބްދުއްރަޙީމް އައްޔަންކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އިއްޔެ އެމެރިކާގެ ސިފައިންގެ އިސް ބޭފުޅުންތަކަކާ ފޮރިން މިނިސްޓްރީގެ ވެރިން ބައްދަލުކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ޢަބްދުއްރަޙީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެނގިފައިވާ ގޮތުގައި އޭނާ އައްޔަންކުރައްވަން ނިންމަވާފައިވަނީ ރާއްޖޭން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށެވެ.

ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމަށް ތުރުކީއިން ޑްރޯންތަކެއް ވެސް ގެނެސްފައިވާއިރު ދެ ގައުމުގެ ގުޅުން މި ސަރުކާރާ އެކު ވަނީ ވަރަށް ބަދަހިވެފައެވެ. ތުރުކީގައި އެމްބަސީއެއް ގާއިމުކުރަން ވެސް ނިންމީ މި ސަރުކާރުންނެވެ.

ޢަބްދުއްރަޙީމަށް ސިޔާސީ އިސް މަގާމެއް ދެއްވި ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މަގާމު ދެއްވިކަން އަދި ހިމަނާފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާގޮތުން ފޮރިން މިނިސްޓްރީގައި ޢަބްދުއްރަޙީމާ ނުލައި އަދި ހަ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. ސްޓޭޓް މިނިސްޓަރަކަށް އެލަވަންސްތަކާ އެކު މަހަކު 47،000 ރުފިޔާގެ މުސާރައެއް ލިބެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ޢަބްދުއްރަޙީމް ރިޓަޔާ ކުރެއްވީ ސިފައިންގެ ޚިދުމަތުގައި 39 އަހަރު އުޅުއްވުމަށް ފަހު، އުމުރުފުޅުން 60 އަހަރު ފުރުމާ އެކު ސިފައިންގެ ޤާނޫނުގައިވާގޮތުގެމަތިން ޝަރަފުވެރިކަމާ އެކުއެވެ.

ކުރިން ޑެޕިއުޓީ ޗީފަކަށް ހުންނެވި ޢަބްދުއްރަޙީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހުގައެވެ.

comment ކޮމެންޓް