ގިރާވަރުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރަން އިތުރު ފުރުސަތެއް

ގުޅިފަޅު ބިން ހިއްކަނީ. މިހާރު 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު ބިން ވަނީ ހިއްކައިފައި -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މާލެ ރައްޔިތުންނަށް، އެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އެދެން އިތުރު ފުރުސަތެއް ހުޅުވައިލައިފިއެވެ.

ސަރުކާރުން ބުނީ ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގުޅީފަޅަށް ބަދަލުވުމަށް ހައުސިން މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ އަދަދަށް ބަލައި، 2،450 އަދި 2،050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހެޅީ، ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ.

އެހެންވެ ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅައިފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ވަނީ ބަދަލު ގެނެސްފައިވާ ކަމަށް ބުންޏެވެ.

އެ ބަދަލާއެކު ގުޅިގެން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ އިތުރު ފުރުސަތެއް ދޭން ހުޅުވައިލަން ނިންމައިފައިވާ ކަމަށް ބުންޏެވެ.

މިހާރު އިއުލާންކޮށްފައިވަނީ 1،250 އަކަފޫޓުގެ ޖުމްލަ ތިން ގޯތި ދޫކުރާ ކަމަށާއި އަދި 1،650 އަކަފޫޓުގެ 20 ގޯތި ދިނުމަށެވެ.

ނިމިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ދަށުން ގޯތި ދޫކުރަނީ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރުން ހުޅުމާލެ ހިއްކައިގެންނެވެ.

comment ކޮމެންޓް