ރަޝިޔާއިން ހޯދާ ކުށްވެރިންގެ ލިސްޓުގައި ޔޫކްރޭންގެ ރައީސް ވޮލަޑިމިއާ ޒެލެންސްކީ ހިމަނައިފައިވާ ކަމަށް އެ ގައުމުގެ ތާފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒެލެންސްކީގެ ނަން ހިމަނާފައިވަނީ ރަޝިއާގެ އިންޓީރިއާ މިނިސްޓްރީގެ "ވޯންޓެޑް" ލިސްޓުގައެވެ. އެއީ، ކަމާބެހޭ ފަރާތްތަކުން ހޯދަމުން އަންނަ ކުށްވެރިން ކަމަށް ތުހުމަތުކުރެވޭ މީހުންގެ އޮންލައިން ޑޭޓާބޭސްއެކެވެ.
އެ ލިސްޓުގައި ވާގޮތުން ޒެލެންސްކީ ހޯދަމުން އަންނަނީ ޖިނާއީ ގާނޫނުގެ މާއްދާއެއްގެ ދަށުންނެވެ. ނަމަވެސް އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއްނުވެއެވެ.
ކުރިން 2022 ވަނަ އަހަރު ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ފެށި އަސްކަރީ ހަނގުރާމައަށް ފަހު ރަޝިއާއިން އަންނަނީ ޒެލެންސްކީއަށް ވަރަށް ބޮޑަށް ޓާގެޓްކުރަމުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޒެލެންސްކީ އަވަހާރަކޮށްލުމަށް މިދިޔަ އަހަރު ތިން ނުވަތަ ހަތަރު ފަހަރު މަސައްކަތްކޮށްފައިވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ޖުމްލަ 10،000 މީހުން ހިމެނޭ ރަޝިއާގެ ވޯންޓެޑް ލިސްޓުގައި ބޭރުގެ ބައެއް ސިޔާސީ ބޭފުޅުންނާއި އާންމު ފަރުދުން ވެސް ހިމެނެއެވެ.
ފެބްރުއަރީ މަހު ރަޝިއާއިން ވަނީ އެސްޓޯނިއާގެ ބޮޑުވަޒީރު ކާޖާ ކަލާސް ހޯދަން ވެސް އިއުލާނުކޮށްފައެވެ.
ޒެލެންސްކީ ވޯންޓެޑް ލިސްޓުގައި ހިމެނިއިރު، ޔޫކްރެއިންގެ ކުޑަކުދިން ވަގަށް ނަގައިކަމުގެ ތުހުމަތުގައާއި ހަނގުރާމައިގައި ޖަރީމާތައް ހިންގާ ކަމަށް ބުނެ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވަނީ ރަޝިއާގެ ރައީސް ވުލަމީޑިއާ ޕުޓިން ހައްޔަރުކުރުމަށް މިދިޔަ އަހަރު އަމުރެއް ނެރެފައެވެ. ނަމަވެސް އެ ތުހުމަތުތައް ރަޝިއާއިން ދޮގުކުރެއެވެ.