ކުޑައިރު އެކީގައި އުޅުނު ރައްޓެހިން މިހާރު ކޮބާ؟

ޖުލައި 20، 2021: ޢީދުގައި ކުޑަކުދިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑައިރުގެ ހަނދާންތަކަކީ އަބަދު ވެސް މުހިއްމު ބައިވެރިއެކެވެ. ހާއްސަކޮށް ކުޑައިރު އެކީގައި ގިނަ ވަގުތު ހޭދަކޮށް އެކުގައި މަޖާކޮށް ސަކަރާތް ޖަހައި ހެދި ރަޙުމަތްތެރިންގެ ހަނދާންތައް ހިތުން ފުހެލުމަކީ ފަސޭހެކަމެއް ނޫނެވެ.

ބައެއް މީހުންނަށް ކުޑައިރުގެ ރަޙުމަތްތެރިންގެ ފަރާތުން އުފާވެރި ހަނދާންތަކެއް ގެނުވާއިރު އަނެއް ބަޔަކަށް އެ ހަނދާންތަކަކީ އެހާ އުފާވެރި ހަނދާންތަކަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ޔަގީންވާ އެއް ކަމަކީ އޭރު އެކީގައި ވަގުތުތައް ހޭދަކުރެވުނު ކޮންމެ ރަޙުމަތްތެރިއެއްގެ ފަރާތުން ވެސް ދިރިއުޅުމުގައި މިހާތަނަށް ވަރަށް މުހިއްމު ފިލާވަޅުތަކެއް ލިބިފައިވާނެ ކަމެވެ.

ފިރިހެން ކުދިންތަކެއް އެކީގައި މިއުޒިކް ކުޅޭ އުފާވެރި މަންޒަރެއް--ފޮޓޯ/ޕިންޓްރެސްޓް

އެކީގައި އުޅުނު ރަޙުމަތްތެރިން ބަދަލުވެފައިވީ ނަމަވެސް އެކީގައި ކުރިން އުޅުނު ރަޙްމަތްތެރިންނާ މިހާރު ވެސް ރަނގަޅު ގުޅުމެއް އޮންނަ މީހުން ތިބޭއިރު އެކި ސަބަބުތަކާ ހެދި ކުޑައިރުގެ ރަހުމަތްތެރިންނާ މާ ބޮޑު ގުޅުމެއް ނެތް މީހުން ވެސް މަދެއް ނޫނެވެ. މީގައި ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.

އެންމެ އާއްމުކޮށް ކުޑައިރުގެ ރަޙުމަތްތެރިންނާ ވަކިވާން ޖެހެނީ އަމިއްލަ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރުމުންނެވެ. އެހާ ހިސާބުން ދެ މީހުން ދިރިއުޅޭ މާޙައުލު ތަފާތުވެ، އެކަކު އަނެކަކަށް ވަގުތު ނުދެވުން ހިމެނެއެވެ. ދެން އަނެއް ސަބަބެއް ގޮތުގައި އާއްމުކޮށް ބެލެވެނީ ދިރިއުޅުމަށް އާ ރަޙުމަތްތެރިން ލިބުމެވެ.

ރަހްމަތްތެރިންތަކެއް އެކީގައި ހޭދަކުރި ވަގުތު ރައްކާކޮށްލުމަށް ސެލްފީއެއް ނަގަނީ -- ފޮޓޯ/ޕިންޓްރެސްޓް

ޙަޤީޤީ ރަޙްމަތްތެރިކަމުގެ ގުޅުމަކީ ޢުމުރާ އެކު ވެސް ބަދަލު ނުވާނެ ގުޅުމެއް ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވާނެކަން ޔަގީނެވެ. ސަބަބަކީ ކުޑައިރުއްސުރެ އެކީގައި އުޅުނު ރަޙުމަތްތެރިޔާ އެ ދިން ޔަޤީންކަން ދެވޭނެ ދެވަނަ ރަޙުމަތްތެރި އަކު ހޯދުމަކީ ފަސޭހަކަމަކަށް ނުވެދާނެތީއެވެ.

މިފަދަ ރަޙުމަތްތެރިއަކު ތިބާގެ ހަޔާތުގައި ހުރިނަމަ އެ ރަޙުމަތްތެރިޔާއަށް ޝުކުރުގެ މެސެޖެއް ފޮނުވާލާށެވެ. ސަބަބަކީ އެފަދަ ރަޙުމަތްތެރިންގެ އަގުވަޒަންކުރުމަށް ވަކި ދުވަހެއް ނޯންނާކެން ރަޙުމަތްތެރިޔާއަށް އަންގައިދިނުމަށެވެ.

comment ކޮމެންޓް