ދާއިރާގެ ކުރިއެރުމަށް މަގުފަހިކުރުމަށް ސިޔާމް އެދިވަޑައިގަތީ ކައުންސިލްތައް އެމްޑީއޭއަށް ދިނުމަށް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ދ. މީދޫއަށް ވަޑައިގަތުން -- ސަން ފޮޓޯ/ އަމަން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދ. މީދޫ ދާއިރާގެ ރަށްތަކުން ދިން ތާއީދާ އެއްގޮތަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް މީދޫ ދާއިރާގެ ރަށްތަކުން ކައުންސިލް އިންތިޚާބު، އެމްޑީއޭއަށް ކާމިޔާބުކޮށްދިނުމަށް، އެ ޕާޓީގެ ރައީސް އަދި ދާއިރާއަށް ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ބޮޑު އަޣުލަބިއްޔަތަކުން ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއެކު ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދައިކުރުމަށް ބައްދަލުކުރެއްވުމުގެ ގޮތުން ސިޔާމް ގެންދަވަނީ އެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. މިއަދު ވަޑައިގެންފައިވަނީ ދ. ރިނބުދޫއަށެވެ.

މި ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައްޔިތުންގެ އުންމީދުތަކުގައި އެ މަނިކުފާނަށް ކުލަޖައްސަވައިދެއްވޭނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ ކިބައިގައި އޮތުމަކީ އިތުރު ދައުރަކަށް އެ މަނިކުފާނު އިންތިޚާބުކޮށްދެއްވި ސަބަބު ކަމަށެވެ.

މަޖިލިސް އިންތިޚާބުން ލިބުނު ކާމިޔާބީއާއެކު ސިޔާމް ދެން އެދިވަޑައިގަތީ މި ރަށުގެ ކައުންސިލުގެ ފަސް ގޮނޑި ވެސް އެމްޑީއޭއަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކާމިޔާބުކޮށްދިނުމަށެވެ.

އެއީ ރަށުގެ ބިން ފަދަ ގުދުރަތީ ވަސީލަތްތައް ފައިސާ ލިބޭ ގޮތަަށް ތަރައްގީކުރުމުގެ މަގު ފަހި ކުރުމަށް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"މި ރަށުގައި ހުރި ހުރިހާ ވަސީލަތްތަކަކީ އަޅުގަނޑުމެންނަށް ފައިދާ ލިބޭނެ ފައިސާ ލިބޭނެ މަގު ތަނަވަސްވާނެ ވަސީލަތްތަކެއްކަމުގައި ހެދުން. އެ ކަން އަޅުގަނޑުމެންނަށް ކުރެވޭނީ ރައްޔިތުން އަޅުގަނޑާއެކު ތިބެއްޖެޔާ. އަޅުގަނޑު ރައްޔިތުން ކައިރި އެދެން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މިހާރުއްސުރެ މަސައްކަތްކޮށް އެމްޑީއޭއަށް މި ރަށުގެ ފަސް ކައުންސިލަރުކަމުގެ މަގާމު ދެއްވުން. އަޅުގަނޑަށް ބަސް ވިކޭ އަޅުގަނޑުގެ ބަސް އަހާނެ ކައުންސިލަރުން މި ރަށުގެ ކައުންސިލަރުންގެ ގޮތުގައި ބޭތިއްބުން،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އުންމީދަކީ ރިނބުދޫ އަކީ އަތްތެރި މަސައްކަތުގެ ތެރެއިން ފާހަގަވާ ރަށެއްގެ ގޮތުގައި ވެގެން ދިއުންކަމަށެވެ. އަދި ރަށުގެ ޒުވާނުންނަކީ މަސައްކަތްތެރި ބަޔަކަށް ވުންކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

އަދި ކިޔަވާ ކުދިންނަކީ ވެސް މަސައްކަތްތެރި ބަޔަކަށް ވެގެން ދިިއުންކަމަށް ސިޔާމް ފާހަގަކުރެއްވިއެވެ.

"ޗުއްޓީ ކުދިން ޗުއްޓީގައި ހޭދަ ނުކުރާށޭ. ޗުއްޓީ އެވަރަށް ނުދޭށޭ. އެއިރަށް ކުދިންނަކަށް ނުއެއް ކިޔެވޭނެ،" ސިޔާމް ވިދާޅުވިއެވެ.

އެއާއެކު ސިޔާމްވަނީ ރިނބުދޫގެ ރައްޔިތުން، އިތުރު ދައުުރަކަށް ސިޔާމް ހޮއްވަވައިދެއްވުމަށް ކުރި މަސައްކަތަށް ޝުކުރު އަދައިކުރައްވައިފައެވެ.

comment ކޮމެންޓް