ފުރަތަމަ ހަތަރު މަހު 1044 އެކްސިޑެންޓް، މިދިޔަ އަހަރަށް ވުރެ 300 އިތުރު

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލެ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރަކަށް ގެއްލުންވެފައި --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި 1044 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 335 އެކްސިޑެންޓްގެ އިތުރުވުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ޖުމްލަ 709 އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.

އެ ދެ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ އެކްސިޑެންޓުތަކަށް ބަލާއިރު:

2023

  • ޖެނުއަރީ: 149
  • ފެބްރުއަރީ: 196
  • މާޗް: 190
  • އޭޕްރިލް: 174

2024

  • ޖެނުއަރީ: 263
  • ފެބްރުއަރީ: 268
  • މާޗް: 301
  • އޭޕްރިލް: 212

ދެ އަހަރު ވެސް އެންމެ ގިނަ އެކްސިޑެންޓުތައް ރިޕޯޓުކޮށްފައިވަނީ މާލޭ، ހުޅުމާލެ، އަދި ވިލިމާލޭގެ ޕޮލިސް ސްޓޭޝަންތަކަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަންތަކަށް 1،009 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރު މި މުއްދަތުގައި 671 އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މި ސަރަހައްދުގައެވެ.

މާލެ ސަރަހައްދަށް ފަހު އެކްސިޑެންޓުތައް އެންމެ ގިނައީ ގއ. އާއި ގދ. އާއި ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ އަތޮޅުތަކުގައެވެ. އެގޮތުން އެ ސަރަހައްދުން މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް 23 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި 18 އެކްސިޑެންޓު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

މާލެ ސަރަހައްދުގައި އާންމުކޮށް ހިނގާ އެކްސިޑެންޓުތަކުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައިދާ ސައިކަލާއި ކާރު ފަދަ އުޅަނދުތައް ޖެހުން ހިމެނެއެވެ. ސިނަމާލެ ބުރިޖު މަތީގައި ވެސް އެކްސިޑެންޓުތައް ގިނަވެ، ބައެއް ފަހަރު ފުރާނަ ގެއްލޭފަދަ އަނިޔާތައް ވެފައިވެއެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.

https://sun.mv/185452

ދެކުނަށް ބަލާއިރު، އައްޑޫގެ ލިންކް ރޯޑާއި ފުވައްމުލަކުގެ މަގުތަކުގައި ބާރު ސްޕީޑުގައި ދުއްވާ ސައިކަލު ކޮންޓްރޯލް ނުވެގެން އެހެން އުޅަނދެއްގައި ޖެހިގެން ނުވަތަ މަގުމަތިން ކަހާލުމުން ވެއްޓިގެން ބޮޑެތި އަނިޔާތައް ވެފައި އެބަހުއްޓެވެ.

comment ކޮމެންޓް