ވަރިއަކީ ދަރިން ތަރުބިއްޔަތު ނުކުރެވި ބިކަވާ ސަބަބެއް: ޚުތުބާ

22.2.22 -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވަރިއަކީ ދަރިން ބިކަވެ، ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ, މަގުން ކަސިޔާރުވާން ދިމާވާ ސަބަބެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ވަރީގެ މައްޗަށް މިއަދު ކީ ޚުތުބާގައި ބުނީ، ކައިވެންޏަށް މާތްﷲ ނަން ދެއްވާފައިވަނީ "ގަދަވެގެންވާ އަހުދު" މިފަދައިން ކަމަށެވެ. އަދި, އިންސާނީ ދަރިފަސްކޮޅު ގުޅުވައިދޭ އެންމެ ވަރުގަދަ ގުޅުވުމަކީ ކައިވެނީގެ ގުޅުންކަމަށް ޚުތުބާގައި ބުންޏެވެ.

"ވަރިއަކީ ދަރީން ބިކަވެ، ތަރުބިއްޔަތު ނުކުރެވި، މަގުމަތިވެ، މަގުން ކަސިޔާރުވުމުގެ ސަބަބެކެވެ. ވަރިވުމާ އެކު އާއިލީ ގުޅުންތައް ކެނޑި، ހިތްތަކުގައި ނުރުހުން އުފެދި، ކޮންމެ މީހަކު ވެސް އަނެކަކަށް ގެއްލުންދީ އަނެކާގެ ކިބައިން ބަދަލު ހިފުމަށް މަސައްކަތް ކުރެއެވެ،" ޚުތުބާގައި ބުންޏެވެ.

ނަމަވެސް، ބައެއް ފިރިން އެ އަހުދާމެދު ފަރުވާ ކުޑަކޮށް "ވަރި" މި ބަހާމެދު ފަރުވާ ކުޑަކުރާކަމަށް ޚުތުބާގައި ބުންޏެވެ. އެއީ ކީއްވެތޯ ސުވާލު އުފައްދާ ޚުތުބާގައި ބުނީ، ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް މި ބަސްހަދާ، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރުދޭ ކަމަށެވެ.

"އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެ ބަހުން އިންޒާރު ދިނުމަކަށް ނޫން،" ޚުތުބާގައި ބުންޏެވެ.

ފާއިތުވި ތިން އަހަރު ފެމިލީކޯޓަށް ވަރިވުމަށް އެދި 3،820 ވަރި ހުށަހަޅާފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ފެމެލީ ކޯޓުގެ މައުލޫމާތުން ދައްކާ ގޮތުގައި ވަރިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުން ހިމެނޭކަމަށެވެ. އަދި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، މިޒާޖު ތަފާތުވުމާއި ދޮގު ވާހަކަތައް ދައްކާ ބަދުނާމު ކުރުން ހިމެނޭ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، ދެމަފިރިންގެ ދެމެދުގައި ޖެހޭ ތާކުންތާކުން ނުޖެހޭ މައްސަލަތަކާ ހެދި ވެސް އާއިލީ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހޭކަމަށެވެ. އަދި، ދެމަފިރިންގެ މެދުގައި މައްސަލަޖެހޭ ހާލަތުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާންކުރާ ގޮތަށް އަމަލުކުރުން މުހިންމު ކަމަށް ޚުތުބާގައި ބުންޏެވެ.

ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރާކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިއްޖެ ނަމަ މައްސަލަ ހައްލުކުރާނީ ދެމަފިރިން ކަމަށާއި ނުވަތަ އިތުބާރު ކުރެވޭ މީހަކާ މަޝްވަރާކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

"ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ހައްލެއް ނުފެނިއްޖެ ނަމަ، ވަރި ހުއްދަވާނެ ކަމާމެދު ޝައްކެއް ނެތް. ނަމަވެސް، އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަމެއް،" ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް