ހުޅުމާލޭގައި ގުރޫޕް މާރާމާރީއެއް، ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ: ހުޅުމާލޭ ފޭސް ވަންގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދެ ގުރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނީ ސެންޓްރަލް ޕާކުގައި އެ މާރާމާރީ ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 21:00ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މާރާމާރީ ހިނގީ ޕާކު ތެރޭގައި ތިބި ކުދިންތަކަކާއި އިންޑިއާ މީހުންތަކެއް މެދުގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އެ ހަމަނުޖެހުން ހިންގި އިތުރު މީހުން ދެނެގަނެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފުލުހުން ފާހަގަކުރިއެވެ.

އެ މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މާލޭ ސަރަހައްދުގައި ގޭންގު މާރާމާރީތަކުގެ އިތުރުން، ބައެއް ފަހަރު އާންމުންގެ މެދުގައި ވެސް ދެބަސްވުން އުފެދުމުން ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި އެބަހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް