އެޓްލާންޓިކު ކަނޑު އަޑިއަށް ދިޔަ ބޯޓު ޓައިޓޭނިކުގައި ދަތުރު ކުރި އެންމެ މުއްސަނދި ފަސިންޖަރު އަޅައިގެން އުޅުނު ގަޑިއެއް ބޮޑު އަގުގައި ނީލަމަށް ލައިގެން ވިއްކާލަން ތައްޔާރު ވެއްޖެއެވެ.
ތަފާތު އެކި ފިލްމުތަކާއި ޝޯތައް ވެސް ކުޅެފައިވާ ޓައިޓޭނިކް އަކީ 1912 ވަނަ އަހަރު އަޑިއަށް ދިޔަ ބޯޓެކެވެ. އެއީ އޭރު އުފެއްދި އެންމެ ބޮޑު ބޯޓަށް ވެފައި ބޯޓު އަޑިއަށް ދިޔަ ހާދިސާއަކީ ކަނޑުމަތީގެ އެންމެ ފާހަގަކޮށްލެވޭ ހާދިސާއެވެ.
ޓައިޓޭނިކް ދަތުރުގައި އެކި ފަންތީގެ މީހުން ދަތުރު ކުރި ނަމަވެސް ގިނަ ބަޔަކީ މުއްސަނދީންނެވެ. އޭގެތެރެއިން އެންމެ މުއްސަނދި މީހާ ކަމަށްވާ ޖޯން ޖޭކަބް އެސްޓާ އެޅި، ރަނުން ހަދާފައިވާ ގަޑިއެއް ވަނީ މިހާރު ނީލަމަށް ލާފައެވެ.
އިންގްލެންޑްގެ ވިލްޝަޔާގައި ހުންނަ ނީލަން ކުންފުންޏެއް ކަމަށްވާ ހެންރީ އޯލްޑްރިޖް އެންޑް ސަން އިން އިއްޔެ ފެށި ނީލަން އިވެންޓުގައި ވަނީ ކުރީގެ ފާހަގަކޮށްލެވޭ ތަފާތު އެއްޗެހި ވިއްކާލުމަށް ދައްކާފައެވެ. އޭގެތެރޭގައި މި ގަޑިވެސް ހިމެނެއެވެ.
އޭނާގެ ގަޑީގެ އިތުރުން އޭނާ ގެންގުޅުނު ކުޑަ ދަތުރު ދަބަހެއް ވެސް ވަނީ ނީލަމަށް ލާފައެވެ. މިއީ އޭނާ މަރުވިއިރު އޭނާގެ އަތުގައި ހުރި އެއްޗެއްސެވެ.
ހެންރީ އޯލްޑްރިޖްއިން ހާމަކުރާގޮތުގައި އެ ގަޑި، އެއް ލައްކަ ޑޮލަރާއި ދެ ލައްކަ ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެއެވެ. އަދި އެ ދަބަސް، އެއް ލައްކަ ޑޮލަރާއި 120،000 ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ވެސް ނީލަން ކުންފުނިން ބުނެއެވެ.
ޓައިޓޭނިކުގެ ތެރެއިން ރައްކާކުރެވުނު ތަކެތިން އެންމެ އަގުބޮޑުކޮށް ވިކިފައިވަނީ ވަޔޮލިން އެކެވެ. މި ވަޔޮލިން އަކީ ބޯޓު އަޑިއަށް ދިޔައިރު ވެސް އޭގައި ހުރި މީހަކު ކުޅެމުން ދިޔަ ވަޔޮލިން އެއް ކަމުގައި ބުނެއެވެ. މި ވަޔޮލިން ވަނީ ދެ މިލިއަން ޑޮލަރާ ގާތް ކުރާ އަދަދަކަށް ވިކިފައެވެ. ހެންރީ އޯލްޑްރިޖުން މި ވަޔޮލިން ވިއްކާލާފައިވަނީ 2013 ވަނަ އަހަރުގައެވެ.