ވިދްޔާ ބުނީ ދެމަފިރިންގެ ކަންކަމާ އާއިލާ މީހުން ބެހުމަކީ ގޯހެއް ކަމަށް

ޒަވާޖީ ހަޔާތެއް ފެށުމަށް ފަހު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު އެ ދެމަފިރިއަކަށް ދިނުމަކީ ކައިވެނީގައި ޖެހޭ ކުދިކުދި ކޫސަނި މައްސަލަތައް ދުރުކޮށްދޭ ކަމެއް ކަމަށް ބަތަލާ ވިދްޔާ ބާލަން ބުނެފިއެވެ.

މި މަހުގެ 19ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ދޯ އޯރް ދޯ ޕިޔާރު"ގެ ބަތަލާ ބުނީ ދެމަފިރިންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ދެމެދަށް އާއިލާގެ އެހެން މެންބަރުން ވަނުމަކީ މައްސަލަ އިތުރަށް ގޯސްވުމަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އޭގެ ބަދަލުގައި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު އެ ދެ މީހުންނަށް ދިނުމަކީ ޒަވާޖީ ހަޔާތް އުފާވެރިކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެއީ ދެ މީހުންގެ ދެމެދުގައި ވާހަކަދެކެވުމަށް ފުރުސަތު އިތުރުވާނެ ކަމެއް ކަމަށާއި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށް ވިދްޔާ ވަނީ ބުނެފައެވެ.

ކައިވެނީގެ ގުޅުމަކީ ވަރަށް ނާޒުކު ގުޅުމެއް ކަމުން މާ ގިނަ މީހުންގެ ފާޑުކިޔުންތައް ދިރިއުޅުމަށް ލިބެން ފަށައިފިނަމަ ޒަވާޖީ ހަޔާތުގެ ރީތިކަން ގެއްލިދާނެކަމުގެ ބިރު އޮންނާނެ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. ވިދްޔާ މުހިއްމު ރޯލެއް ކުޅުނު ފިލްމު "ދޯ އޯރް ދޯ ޕިޔާރު"ގެ ވާހަކަ ވެސް ބިނާވެފައިވަނީ ކައިވެނީގެ ގުޅުން ހަރުދަނާ ކުރަން އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ކަމަށާއި މި ފިލްމު ބަލާލުމުން ޒަވާޖީ ހަޔާތުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ވަރަށް ގިނަ ގޮތްތައް އެނގިގެންދާނެ ކަމަށް ވިދްޔާ ވަނީ ބުނެފައެވެ.

ފިލްމު "ދޯ އޯރު ދޯ ޕިޔާރު" އަކީ ޑައިރެކްޓަރު ޝީރްޝާ ގުހާގެ އުފެއްދުމެކެވެ. ވިދްޔާގެ އިތުރުން ބަތަލާ އިލިއާނާ ޑި ކްރޫޒް، ޕްރަތިކް ގާނދީ އަދި ސެންދިލް ރަމަމުރްތީ ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނެއެވެ.

comment ކޮމެންޓް