ރައީސް، މެންބަރުންނަށް: ދެން ތިއްބަވަން ޖެހޭނީ 24 ގަޑިއިރު ހޭލާ

ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހޮވުނު މެންބަރުން ދެން ތިއްބަވަން ޖެހޭނީ 24 ގަޑިއިރު ހޭލާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމުން އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންމެ މަޖިލީހުގެ އިންތިޚާބު ނިމުމާއެކު ޚިޔާލު ތަފާތުވުން ދޫކޮށްލާ ޕާޓީތައް އެކުވެރިވެ، އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތް، ރާއްޖޭގެ ކަންކަން ބަލަން ތިބި ބޭރުގެ ބޭފުޅުންނަށް މިހާރު ސާފުވާނެ ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައި ތިބި ވަކި އެޖެންޑާއެއް ގެންގުޅެން ބޭނުންވި މީހުންނަށާއި ބޭރު ގައުމުތަކަށް ވެސް ރައްޔިތުން ބޭނުންވާ ގޮތް މިހާރު ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ކަންކަން އަމިއްލައަށް ނިންމަންކަން އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް މިހާރު ސާފުވާނެ،" ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރުންގެ އިތުރުން ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަށް ނިސްބަތް ކުރައްވައި ރައީސް ވިދާޅުވީ، އެއީ ސީރިއަސް މަސައްކަތަކެއް ކުރަން ތިބި ބައެއް ކަމަށެވެ. އެހެންކަމުން މަސައްކަތުގައި އެބޭފުޅުން ނުނިދާނެ ކަމަށާއި ރައްޔިތުން އެދޭ ގިޔަރުގައި މަސައްކަތްކޮށް ނަތީޖާ ދައްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން ފެށޭނީ މި ގައުމު ތަރައްގީވާން. އަޅުގަނޑު އަޅުގަނޑުމެންގެ ކެބިނެޓަށާއި ކުންފުނިތަކުގެ ވެރިން އަދި މަޖިލިސް މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް މަސް އެއީ އަދި އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅެން ޖެހޭނީ 24 ގަޑިއިރު ހޭލައޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިރޭ އަޒުމް ކަނޑައަޅާ، ފަށަންވީ ގައުމު ތަރައްގީކުރުމުގެ އަޒުމް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބުގައި ވެވަޑައިގަތް ވައުދުތައް އެމަނިކުފާނުގެ ޓީމާއެކު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ ރައީސް ވިދާޅުވީ ގެދޮރުވެރިކަން ޔަގީންކޮށް އިގުތިޞާދު ވަރުގަދަކޮށް، އުމްރާނީ ތަރައްގީ ރައްޔިތުން އެދޭގޮތަށް ހުރިހާ ރަށެއްގައި ހާސިލްކޮށްދެއްވާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތު ވެސް ކަނޑައަޅާފައި ވާގޮތަށް ތަންފީޒު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭރު ގައުމުތަކާ ގުޅުވައި ރައީސް ވިދާޅުވީ، މިފަދައިން ރާއްޖެ ތަރައްގީ ކުރުމަކީ ސަރުކާރަށް ލިބިގެންވާ ހައްގެއްކަން އިންޓަނޭޝަނަލް ކޮމިއުނިޓީން ވެސް ގަބޫލު ކުރާނެ ކަމަށެވެ. އަދި މި ގަބޫލުކުރުމަށް ތަބާވާ ހުރިހައި ގައުމެއް ވެސް މި ރާއްޖެއަށް ހަމަހަމަ ވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ވާހަކަ ދެއްކުމަށްވުރެ ބޮޑަށް އަޅުގަނޑު ދެން އިސްކުރަން ބޭނުންވަނީ އަމަލުކުރުން. އިރާދަކުރެއްވިއްޔާ މި ޓީމާ އެކީގައި އަޅުގަނޑުމެން ފަށާ މަސައްކަތް ތިޔަ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާ އެކީގައި ދާނީ ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސަރުކާރުން ވަނީ 66 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ މެޖޯރިޓީ ހޯދާފައެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައި ވަނީ 12 ގޮނޑިއެވެ. ކުރީގެ ރައީސުން މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕާޓީއަށް މި އިންތިޚާބުގައި އެއްވެސް ގޮނޑިއެއް ކާމިޔާބު ވެފައެއް ނުވެއެވެ.

comment ކޮމެންޓް