މަސައްކަތް ނުހުއްޓޭ، ގޯތި ދިނުމުގެ މަސައްކަތް ބާރު ދުވެލީގައި އަންނަނީކުރަމުން: ރައީސް

ރައީސް ދެވަނަ ފިޔަވަހީގައި -- ފޮޓޯ/ ރައީސް އޮފީސް

ގޯތިތައް ދިނުމުގެ މަސައްކަތް މިހާރު ވެސް ބާރު ދުވެލީގައި ކުރަމުން އަންނަކަމަށާއި ވައުދުފުޅާ އެއްގޮތަށް ގޯތި ލިބޭ ހުރިހާ ރައްޔިތުންނަށް ގޯތި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ޑރ. މުއިއްޒު ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވެސް ވަޑައިގެންފައެވެ. އަދި ގޯތި ދީފައި ހުރި ސަރަހައްދުތައް ބައްލަވައިލައްވައިފައެވެ. އަދި ގިރާވަރު ފަޅާއި، ގުޅިފަޅުގެ މަސައްކަތް ވެސް ރައީސް ބައްލަވައިލެއްވިއެވެ

އެ ތަން ބައްލަވައިލެއްވުމަށް ފަހު ވެސް ރައީސް ވަނީ ނޫސްވެރިންނާ ވާހަކަފުޅުދައްކަވައިފައެވެ.

ގިރާވަރު ފަޅުގެ މަސައްކަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެ ތަން ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން އިތުރު ޑްރެޖަރެއް ގެންނާނެ ކަމަށެވެ. އަދި އަމާޒަކީ ގިނަވެގެން 10 މަސް ތެރޭ އެ މަސައްކަތް ނިންމުން ކަމަށާއި ނަމަވެސް އުންމީދަކީ އެއަށްވުރެ އަވަސްވުން ކަމަށް ވިދާޅުވިއެވެ.

އެއާއެކު މި އަހަރު ތެރޭ އެ ތަނުގެ މަގާއި ނަރުދަމާއާއި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވެސް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ޔަގީންކަން އަޅުގަނޑުގެ އެބައޮތް މި ދެންނެވި ޓައިމް ފްރޭމްގައި ތެރޭގައި އެންމެ ލަސްވެގެން ނިމޭނެކަމަށް،" ރައީސް ވިދާޅުވިއެވެ.

މިއަދު ވެސް ރައީސްވަނީ ގޯތި ލިބޭނެކަމަށް ސަރުކާރުން އިއުލާންކޮށްފައިވާ ލިސްޓުގައިވާ ހުރިހާ ރައްޔިތުންނަށް އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ގޯތިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ވަގުތު ލިބެން އޮތީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިންތައްކަމުން ރައްޔިތުންނަށް މިހާރު ވެސް ބިން ހަވާލުކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ގޯތި ދޭން ހިއްކާ ބިންތައް ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު މިހާރު ވެސް އެ ބިންތަކުގައި އިންފާރު ރޭނުމާއި އެހެނިހެން މަސައްކަތް ކުރަމުން އަންނައިރު އެ ތަނުގައި ގެ އިމާރާތްކުރަން ހުއްދައަށް އެދުމުން އެ ހުއްދަ ވެސް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މި ގޯތި ލިބޭނެކަމަށް އިއުލާންކުރެވި ލިސްޓަށް އަރައި ކަނޑައެޅިފައިވާ ހުރިހާ އެންމެނަށް އަޅުގަނޑުމެން ވައުދުވީ ގޮތަށް ހަވާލުކުރަމުން މި ދަނީ ބާރު ސްޕީޑުގައި،" ރައީސް ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް ތިނެއް ސަރަހައްދަށް ވެސް ރައީސް ވަޑައިގަތެވެ. އެ މަނިކުފާނު ވިދާޅުވީ ގިނަވެގެން ހަތަރު މަހެއްހައި ދުވަހުން މުޅި ފޭސް ތިނެއް ހިއްކައި ނިމޭނެކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މާލޭ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ބާރު ސްޕީޑުގައި ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތަަކަށް ވެސް އެ ރައްޔިތަކު ބޭނުންވާ ހިސާބަކުން ބޯހިޔާވަހިކަން ލިބޭނެ އިންތިޒާމު ސަރުކާރުގެ މަޝްރޫއުތަކުގެ ތެރެއިން ހަމަޖައްސަވާނެކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް