"ކިތަންމެ އަވަދިނެތި އުޅުނަސް ދެއިރު ޒިކުރުކުރާށެވެ. އެއީ ނަފުސް ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. އަދި ފަސް ނަމާދަށް ފަރުވާތެރިވާށެވެ. އެއީ ތިބާގެ ދެދުނިޔޭގެ ބާއްޖަވެރިކޮށްދޭނެ އެންމެ ވަރުގަދަ ވަސީލަތެވެ."

***

"އިޓްސް އޯކޭ....ބާބް ގެ އަތަށް ކިހިނެއްވެފަ...." ބާބިލް ގެ އަތުން އޮހެމުން ދިޔަ ލޭފެނިފައި އަލްބާން ކަންބޮޑުވިއެވެ. އެ ވަގުތަކީ އިރުއޮއްސިފައިވާ ވަގުތު ކަމުން އުޑުމަތީގައި ވި މަޑު ދަނބު ކުލަޔާއި ރަން ކުލައެވެ. އަދި ހަނދުވަރު ދޭ ރެޔެއްގެ ފެށުން ކަމުން ތަރިތަކުގައި ވި އުޖާލާކަން ވެސް ވަނީ މާހައުލަށް އެޅިފައެވެ. އެ އަލިކަމުގެ ތެރެއިންވެސް ބާބިލް ގެ މޫނުމަތީން ފެންނަމުން ދިޔަ ނިކަމެތިކަން ފާހަނގަ ވިއެވެ. އެ ވަގުތަކީ ވެލެވެޓް މޭންޝަންގެ ބޮކިތަށް ވެސް ދިއްލުނު ގަޑިއެވެ. އަލިކަމުގެ ތެރެއިން ބާބިލް ގެ ހާލަތު ހިނދުކޮޅަކަށް ފެނުނު އަލްބާން ގެ ލޯ ބޮޑުވިއެވެ. ނަމަވެސް ބާބިލް ދުއްވައިގަތެވެ.

އަލްބާން އަށް ވާނުވާ ނޭނގިފައި ހުރެވުނެވެ. އެހެން ހުއްޓާ ފަހަތުން ކައިލް އާއި މަރްވާން އައިސް ނަމާދަށް މަސްޖިދަށް ދާން ބުނަމުން ދިޔައެވެ.

ޖޫރީ ހާސް ވެ ކަންބޮޑުވެފައި ހުރީ ފޯނަށް ލިބިފައި ހުރި ފޮޓޯތަށް ފެނިއެވެ. މިއަދުގެ ހަފްލާގައި ޖޫރީ ގެ އެކި ފޮޓޯތަށް އެކި ދިމަ ދިމާއިން ނަގާފައި ހުރި ތަނެވެ. އަދި އެ މެސެޖް ފޮނުވާ ފަރާތުން ފޮނުވާފައި ހުރީ ވަރަށް ހުތުރު މެސެޖުތަކެވެ. ޖޫރީއަކީ ދުވަހަކުވެސް އަމިއްލަ ފޮޓޯތަށް އެއްވެސް ސޯޝަލް މީޑިއާ އަކަށް ލާ ކުއްޖެއް ނޫން ކަމުން މިފަދަ އަމަލުތަކުން އޭނާ ވަރަށް ހާސްކުރުވައެވެ. ފޮޓޯ ނަގާފައިވަނީ ކާކު ކަމެއްވެސް އެނގެނީ އެއް ނޫނެވެ. އަދި ފޮނުވަނީ ކާކު ކަމެއްވެސް އެނގެން ހުރީ އެއް ނޫނެވެ. އެ ފޮނުވާ ނަންބަރަކީ ވެސް ބޭރު ނަންބަރެކެވެ. ފޮޓޯ ލިބުނީއްސުރެ ޖޫރީ ކޮޓަރީން ބޭރަށް ނިކުންނަން ހިތް ނޭދުނެވެ. ކޮޓަރީގައި ހުންނައިރުވެސް ތަން ތަން ހޯދައި ބެލެނީ އެވެ. އެވަގުތު އާސީނާ ކޮޓަރި ދޮރު ހުޅުވާލުމުންވެސް ޖޫރީ ދިޔައީ ސިއްސައިގެންނެވެ.

" ޖޫ.....ކިހިނެއްވީ؟" އާސީނާ އަށް ވަގުތުން އަހާލެވުނެވެ. ހާސްވެފައި ހުރެވުނު ޖޫރީ އަށް ރޮއެ ގަނެވުނެވެ. އަދި ފޯނަށް ލިބިފައިވާ މެސުޖަތައް އާސީނާ އަށް ދެކިއެވެ. ޖޫރީ ގެ ފޮޓޯތަކުގައި އައިބު ކަމެއް ނެތަސް ލިބިފައިވާ މެސެޖުތަކުގައިވީ ވަރަށް ހަޑިހުތުރު ބަސްތަކެވެ. އާސީނާ އަށް ވެސް ޝޮކެއް ލިބުނެވެ. ޖޫރީ އަކީ ބަލާބެލުމަށް ހަށިގަނޑު ރީތި ފުރާ ފުރިހަމަ ވެފައި ވި ކުއްޖެއް ނަމަވެސް އެއީ އަދި ވަރަށް ޅަ ސިކުނޑިއެކެވެ. މައުސޫމުކަމުން ފުރިގެންވާ ދެލޯ ވަނީ މުޅިން ކަރުނައިން ބަރުވެފައެވެ. އެފަދަ ހަޑުހުތުރު ނަޒަރަކުން ޖޫރީ އާއި ދިމާއަށް ބަލާފައިވަނީ ކާކު ކަން އާސީނާގެ ހިތަށް ވެސް ނުގެނެވެއެވެ.

" މީ ކާކު؟ޕޮލިހަށް ހުށަހަޅަން ހިނގާ....މީ ލައިޓް ކޮށް ނަގަން ވާ ކަހަލަ ކަންތައްތަކެއް ނޫން...." ރޮމުން ދިޔަ ޖޫރީ ހަމަޔަކަށް އެޅުވޭތޯ ބަލަމުން އާސީނާ ވާހަކަދެއްކިއެވެ.

"ނޫން...މަންމަ....ވަރަށް ކަންބޮޑުވާނެ....އެހެންނޫންނަސް ޒަވީ ކައިވެނި މިހާ ކައިރި ވެފަ އޮއްވާ ކަމަކުނުދާނެ...." ގިސްލެވެމުންވެސް ޖޫރީ އާދޭސްކުރީ އޭނާގެ މަންމަ އަށް ނޭންގުމަށެވެ.

ނަމަވެސް އާސީނާ ހުރީ ދޫ ދޭ ގޮތަކަށް ނުން ކަމުން ކައިލް އަށް ގުޅާފައި އެދުނީ އަވަހަށް ގެޔަށް އައުމަށެވެ. އަލްބާން ވެސް ކައިރީގަ ހުރުމުން އޭނާ އަށް ވެސް އެދެކުވުނު ވާހަކަ އެނގުނެވެ. އެހާ ގިނަ އިރެއް ނުވެ ދެމީހުންވެސް ކޮޓަރިއަށް ވަދެގެން އައެވެ.

" އައި ސްވެއަރ.....އައި ވިލް ކިލް ހޫއެވަ ޑިޑް ދިސް...." ޖޫރީ ގެ ފޯނު އަތުލައި މެސެޖުތަށް ކިޔާލުމަށް ފަހު އަލްބާންގެ ލޭ ކެކުނެވެ. އަލްބާން އައިސްފައި ހުރި ގަދަ ރުޅީން އެންމެންވެސް ތިބީ ވަަރށް ކަންބޮޑުވެފައެވެ. ހަމަ ހަގީގަތުގައިވެސް އެކަން ކުރި މީހަކު މަރާލަންވެސް އަލްބާން ފަސްނުޖެހޭނެއެވެ.

"އަލް ހަމަޖެހިބަލަ....." ކައިލް އަލްބާން ގެ ކޮނޑުގައި ހިފައި ވިސްނައިދޭން މަސައްކަތްކުރިއެވެ. ޖޫރީ އަށް އަދިވެސް ރޮވެނީއެވެ. އާސީނާ އަށް ވެސް ވިސްނުނީ އައްޒަހްރާ އަށް އެނގިއްޖެއްޔާ ކަންބޮޑުވާނެ ވަރެވެ. އެހެންކަމުން މިވާހަކަތައް އައްޒަހްރާ އާއި އެހެން މީހުނަށް ނޭންގުމަށް އެންމެންނަށް ނަސޭހަތްތެރިވިއެވެ. ޖޫރީވެސް ބޭނުންވަނީ އެގޮތެވެ. އަލްބާން އެ ނަންބަރަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީ އެކޮޅުންނެވެ.

"ކޮން ހަމަ އެއް ޖެހޭނީ؟ ޖޫރީ އެއީ އަދި ކުޑަކުއްޖެކޭ. އަދި މިގޭ ތެރެއިން ނަގާފަ ހުރި ފޮޓޯ ތަކެއް. ހުރިހާ ކަމެރާ އެއް ބަލަން މިޖެހުނީ މިހާރު...." އަލްބާން ގެ ހިތް އަވަސްވިއެވެ. އަދި އާސީނާ ގެ އަތު ތެރޭގައިހުރެ ރޮމުން ދިޔަ ޖޫރީ ރޯތަން ފެނުމުން ފެންކަޅިވިއެވެ. މުރުތަސިމް އާއި ޒަވިޔާ އަށް އެނގުނު ނަމަވެސް ކަނަތއް ވީ ހީ ހަމަ މިހިންނެވެ. ޖޫރީގެ ފޯނުްނ އެ މެސެޖު ކުރާ ނަންބަރު ބްލޮކް ކުރުމަށް ފަހު ކައިލް އާއި އަލްބާން ދިޔައީ ކެމެރާ ތަކުގެ ފޫޓޭޖް ބެލުމަށެވެ.

***

އަހަދް ގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނުމަށްފަހު އައްޒަހްރާ ވަދެގެން އައުމާއެކު އޭނާ ގެ ލޮލުގައި އެއްވެފައިވާ ކަރުނަތައް ފޮރުވުމަށް އަނެއްފަރާތަށް އެނބުރުނެވެ.

" ކަނބުލޮ.....މާމަ މަތީން ހަނދާންވީތަ؟" ފަސްއެނބުރިގެން ހުރި އަހެދް ގެ ކޮނޑުގައި އަތް ބާއްވަމުން އައްޒަހްރާ އަހާލީ ހަމްދަރުދީ އާއި އެކުއެވެ.

" ނޫން.. ސަކީނާއްތަ. ކީއްވެތަ އަބަދު އަހެދް އަށް ޝައްކު ކުރަނީ؟ އަހެދް މިގެޔަށް އައީ އަކީ އެއްވެސް މަގްސަދެއް ހާސިލުކުރުމަކަށް ނޫން. އަހެދް މި ތިހާ ގޮތްކުޑަ އިންސާނެއް ނޫން..." އަހެދް ބޭނުންވީ އައްޒަހްރާގެ ހަމްދަރުދީއެވެ. އަދި ސަކީނާ އާއި މެދު އައްޒަހްރާގެ ހިތުގައި ނަފްރަތު އުފެއްދުމެވެ. އައްޒަހްރާއަށް ފުން ނޭވާ އެއް ދުކޮށްލެވުނެވެ. އަދި ސަކީނާ ގެ ކަންތައް ތައް މިހާރު މާމައްޗަށް ގޮއްސި ކަން އިހުސާސްކުރެވުނެވެ.

" ވަރަށް ބޮޑަށް މާފުކުރޭ. ޒަހްރާއްތަ ވަރަށް މަސައްކަތް ކުރަން ދައްތަ ގެ އެހުންނަ ކަންތައްތައް ރަނގަޅުކުރެވޭތޯ. އެކަމު އެއީ ހަމަ ދައްތަ ގެ މިޒާޖު. އެއީ ކޮންމެހެން އަހެދް ވީމަ އެކަންޏެއް ނޫން..." އައްޒަހްރާ ބެލީ މަސްލަހަތު ހިފެހެއްޓުމަށެވެ. ނަމަވެސް އަހެދް އަތު ތެރޭ މޫނު ފޮރުވާލަމުން އަޑުވީއްލާ ރޮއިގަތުމުން ސަކީނާ ގެ ބަސްތަކުން ހަގީގަތުގައި ވެސް އެ ހިތް ޒަޚަމް ވެފައިވާވަރު އަންދާޒާ ކުރެވުނެވެ.

" ދަރިފުޅު ނުރޮއި. ޒަހްރާއްތަ ތި މައްސަލަ ހައްލުކުރަން ވާހަކަ ދައްކާނަން. އަދި ބުނަން ދައްތަ އެކަހަލަ ވާހަކަ އެއް ދެން ފަހަރަކުން ދައްކައިފިއްޔާ ވަގުތުން ޒަހްރާއްތަ އަންގާތި....." އައްޒަހްރާ ނިންމީ އެކަހަލަ ހާލަތެއްގައި ލަސްނުކޮށް ވަގުތުން ސަކީނާ އާއި ކުރިމަތިލުމަށެވެ.

އައްޒްހރާ ކޮޓަރީން ނިކުމެގެން ދިޔަ ވަގުތު އަހެދް ގެ މޫނަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ. އަދި ކަރުނަތައް ފޮހެލައި ހަމަޖެހެލިއެވެ. ނަމަވެސް ވަގުތުން އެކޮޓަރިއަށް އެހެން މީހަކު އައި ހެން ހީވުމުން އަނެއްކާވެސް މުނުގެ ކުލަވަރު ބަދަލުކޮށް އެނބުރުނީ އަނެއްކާ ވެސް އައްޒަހްރާ އައީ ކަމަށް ހިތާއެވެ.

ނަމަވެސް ދޮރުމަތީގައި ހުރީ މުރުތަސިމް އެވެ. އަހެދް ގެ ލޮލުގެ ރަވައިގައި އަޅާފައި އަނދުން ފޭދިފައި ވީ އިރު އެ ލޮލުގެ ހުދު ކަޅި ވަނީ ރަތްވެފައެވެ. އަދި ކުޑަ ކުޑަ ނޭފަތަށް އަރާފައި ހުރި ފިޔާތޮށި ކުލަޔާއި ސާފު ކޯތާފަތުގައި ވެސް ވީ މަޑު ރަތް ކަމެކެވެ. ފޭދިފައިވި ކަރުނަތަކާއިއެކުގައި އަނދުނުން ރޮގު ކުރެހިފައެވެ. މުރުތަސިމް ގެ ލޮލަށް އެފަދަ ރީތި ކަމެއް ދުވަހަކު ފެނިފައި ނުވާ ފަދައެވެ. އެސްފިޔަވެސް ޖަހާނުލާ ބަލަން ހުރެވުނީއެވެ. އަދި އަހެދް އަށް ވެސް މުރުތަސިމް ގެ މޫނުން ލޯ ވަކި ކުރަން ނޭނގިފައި ހުރެވުނެވެ. އިސްކޮޅެއް ހުރެފައި މޫނު މަތި އެހާ ސާފެވެ. އަދި އެ ލޮލުގައި ވެސް ހުންނަނީ ހިތްދަައިގަންނަ ބާރެކެވެެ. ނިތުމައްޗަށް ފައިބާފައިވާ އިސްތަށިތަކުން ސިއްރުވެރި ހިތް ދަމައިގަންނަފަދަ ގޮތެއް ހުރެއެވެ. އަހެދް ގެ ހިތުގެ ތެޅުން އަވަސްވެލީ މުރުތަސިމް ގެ ފިޔަވަޅުތައް ކުރިޔަށް ހުރުމުންނެވެ.

"ކެވެލި...." އޭނަގެ ޖިންސްގެ ޖީބު ތެރެއިން ކެވެލި ކޮޅު ނަގާފައި އަހެދްއަށް ދިއްކޮށްލިއެވެ. ކެވެލި ކޮޅު ހޯދަން ނޭނގިފައި ހުރެވުމުން މުރުތަސިމް ގުދުވެލިީ ފައިތިލައިގާ އަޅުވާލަދިނުމަށެވެ. އަހެދް ގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ވަގުތުން ފަހަތަށް ފިޔަވަޅުތަށް ޖެހުނެވެ. ނަމަވެސް މުރުތަސިމް ހުރިތާ މަޑުކޮށްލައިގެން ހުރުމުން ކަނައަތު ފައި ދިއްކޮށްލެވުނެވެ. އަބާޔާ ހިއްލާލުމުން އެ ފައިގެ ރީތި ކަން ފާޅުވިއެވެ. މުރުތަސިމް އަށް މިކުރެވެނީ ހަގީގަތުގައި ރަނގަޅު ނޫން ކަމެއްކަން ވިސްނި ކެވެލިކޮޅު އެނދުމަތީ ބާއްވާލުމަށްފަހު ބޭރަށް ނިކުތެވެ.

ވާނުވާ ނޭނގި ހުރެވުނު އަހެދް ގެ ހިތް ގެނބުނެވެ. " ވަޓް.....ދެން ވަރަށް ފޫހި....ފައި ދިއްކުރެވުނު މޮޔަވެސް ހިތަތް އަރާ އެބަ...ވޮންޑަރ ވަޓް ހީ އިޒް ތިންކިންގް..." އަހެދް ފޫހި ވީ މުރުތަސިމް އަށް ދެވުނީ ނުބައި ސިގްނަލެއް ބާއޭ ހިތަށް އަރާފައެވެ.

މުރުތަސިމް އަވަސް ފިޔަވަޅުތަކުގައި އަހެދް ގެ ކޮޓަރީން ނިކުމެގެން ދިޔަ ތަން އަލްބާން އާއި ކައިލް އަށް ފެނުނު ނަމަވެސް އެވަގުތަކީ ކެމެރާތައް ބަލަން ދިޔަ ވަގުތު ކަމުން އެކަމަށް ސަމާލުކަމެއް ނުދެއެވެ. މުރުތަސިމް އަވަހަށް ކޮޓަރިޔަށް ވަދެ އެނދުގައި އށީނެވެ. އަދި ވާތުފައި ތަޅުވާލެވުނީ އަތުތެރެއަށް ބޯ ލަމުންނެވެ. އޭނާ އާއި މެދު އަހެދް ދެކޭނީ ވަރަށް އެހެން ކަހަލަ ނަޒަރަކުން ކަމަށް ގަބޫލުކުރެވެނީއެވެ. އަދި އެ އަހެދް ފެނުނީއްސުރެ މުރުތަސިމް އަށް މިއައި ބަދަލާއި މެދުވެސް އުނދަގޫ ކުރުވަނީއެވެ.

"ޑޭމް....އައި ނީޑް އަ ޓައިމްއައުޓް......" މުރުތަސިމް އަވަހަށް ފޯނު ބަލައިލީ ޚިޔާލުތަކާއި ދުރުވުމަށެވެ. ނަމަވެސް ފޯނު ހުޅުވާލުމާއެކު އަލްބާން ހަދާފައި އިން ވަޓްސްއެޕް ގުރޫޕް ފެނުނެވެ. އެޔަށް ލާފައިވާ މިއަދުގެ ފޮޓޯތައް ވެސް ފެންނަން ހުއްޓެވެ. އަދި ޖޫރީ ވަނީ އަހެދް ވެސް އެ ގްރޫޕަށް ލާފައި ކަމުން މުރުތަސިމް އަވަސް އަވަހަށް އަހެދް ގެ ފޯނު ނަންބަރު ހުޅުވާލައިފިއެވެ. ނަމަވެސް އޮޅިގެން ގުޅުނީއެވެ. އެކޮޅުން ވެސް ވަގުތުން ފޯނު ނެގިއެވެ.

" ވަޓް؟" އަހެދް ފޯނު ނަގައި ކުރި ސުވާލުން މުރުތަސިމް އެއީ ކާކު ކަން އެނގި ކުރި ސުވާލެއް ކަމަށް ހީވިއެވެ.

" ހީނާ އަޅާފައި ހުރުމުން....އެއީ.....އެހެން އެއްވެސް ނިޔަތެއްގަ އެއް ނޫން.." މުރުތަސިމް އުނދަގޫ ކަމާއެކު ވެސް ވާހަކަ ދެއްކިއެވެ. ބަރު އަޑެކެވެ. އަހެދް އަށް ހެވޭ ގޮތް ވި ނަމަވެސް ހުނުން މަތަ ކުރުމަށް މަސައްކަތް ކުރިއެވެ.

" އެކަހަލަ ވިސްނުމެއް ނެތް....އެހެން ނޫނަސް ސިމް ތީ ހަމަ ބޭބެ އެއް ކަހަލަ....މި ބުނީ ޒަހްރާއްތަ ބުނި މިގޭގައި ތިބޭނީ އަހެދް ގެ ފެމިލީ އޭ...." އަހެދް ތުއި އަޑަކުން ވާހަކަ ދެއްކީ މުރުތަސިމް ރުޅި އަރުވާލަން ގަސްތުކޮށެވެ. ހަމަ ގައިމުވެސް މުރުތަސިމް އެވަނީ އަހެދް ގެ މަޅީގައި ޖެހިފައި ކަން ރަނގަޅަށް އެނގިހުރެއެވެ.

" ވަޓް؟ބޭބެ އޭ؟އަހެދް މޮޔަވީތަ؟" މުރުތަސިމް ގެ ލޮލުން ތަރިބުރައިގެން ދިޔައެވެ.

" މިބުނީ ބޭބެ ކަހަލަައޭ. ދެން ވަޓްއެވަ....ސޮރީ ބުނަން ގުޅިއްޔާމު މާފު ކޮށްފިން..." އަހެދް ތުއި ވެލިއެވެ.

" އަހެދް...ވަޓްއެވަ ޔޯ ލާސްޓްނޭމް އިޒް.....އަހަރެން މީ އަހެދް ގެ ބޭބެ އެއްވެސް ނޫން އަދި ތިބުނާ ބޭ "ކަހަލަ" އެއްވެސް ނޫން.....ސޮރީ ބުނާ ވަރު ކަމެއް ނުވޭ....." މުރުތަސިމް ޖަވާބު ދިނީ ހަރުކަށިކަމާއެކުއެވެ. އަދި އަހެދް ގެ މޫނު މިލައިގެން ދިޔައެވެ.

"ވަޓްއެވަ...." އަހެދް ފޯނު ކަނޑާލިއެވެ.

***

މާހްޒަބީން އާސީނާ ނުފެނިގެން ހޯދަމުންގޮސް ޖޫރީގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. އެހާ ގިނައިން ރުއިމުގެ ސަބަބުން ޖޫރީއަށް އޮތީ ނިދިފައެވެ. އާސީނާ ކުދި ފިޔަވޅުތަކުގައި ދޮރު ހުޅުވާލާފައިއި ބޭރަށް ނިކުތެވެ.

" ޖޫ އޯކޭތަ؟ސަހަރް އާއި މައިރާ ވެސް ޖޫ ނުފެނިގެން އުޅުނު.....އާސި ވެސް ނެތިގެން އަހާތީވެ މި އައީ މިހާރު..." މާހްޒަބީން ސުވާލުކުރިއެވެ.

" އާން ޖޫ....ހީވަނީ ނުބައި އެއްޗެއް ކެވުނީ ހެން.....މިހާރު ނިދިފަ....ހިނގާ ދޯ އަވަހަށް..." ޖޫރީ ކައިރިޔަށް މާހްޒަބީން ވަނުމަށް ފުރުސަތު ދިނުމެއްނެތި އަތުގައި ހިފައިގެން އަވަހަށް ދިޔުމަށް އާސީނާ މަސައްކަތްކުރިއެވެ. އެހާ ގިނައިން ރޮއެފައި ހުރުމުން ނިދީގައިވެސް ޖޫރީ ގިސްލެވެއެވެ.

އެވަގުތު ހޮސްޕިޓަލުން އިމަޖެންސީ ސާޖަރީ އަކަށް ފޯނެއް އައުމުން މައިރާ ދާން ޖެހުނެވެ. ޗުއްޓީ ގައި ހުރި ނަމަވެސް މިފަދަ ހާލަތެއްގައި ދިއުމަކީ އެންމެ ރަނގަޅުގޮތެވެ.

" އަޅޭ...ހާދަ ދެރައޭ....ނުވެސް ކައި ދާން ޖެހުނީމަ...." އައްޒަހްރާ ދެރަވިއެވެ. އޭރު ބާބިލް ކާ އެއްޗިހި ޕެކް ކޮށްގެން ހިފައިގެން އައިސް ހުއްޓެވެ. ބާބިލް ގެ އެ ހިތްހެޔޮ ކަން ފެނި މައިރާ ޝުކުރު އަދާކުރިއެވެ. އަދި ސަހަރްވެސް ބާބިލް އަށް ތަޢުރީފްކުރިއެވެ. މި މަންޒަރު ފެނި ސަކީނާ ތުން އަނބުރައިލިއެވެ. އަދި ބާބިލް އަށް ލޯ އަޅައިލިއެވެ.

" ހާދަ ރަނގަޅު ކުއްޖެކޭ. ހާސް ނުވޭ.....ދެ ހަފްތާ އަށް ވާވަރަށް މިގެއިން ކާ އެއްޗިހި ހިފައިގެނެއްނު މިދަނީ....." ސަހަރް ސަމާސާކޮށްލިއެވެ.

" ތި ކަހަލ ޕެކެއް އަހަންނަށް ވެސް ހަދާލަބަލަ.....ބާބުލާ..." ބާބިލް ގެ ކޮނޑުގައި ޖަހާލަމުން ސަކީނާ މަޖާވެފައި ބުނެލިއެވެ. މައިރާ އަށް އެ މަންޒަރު ފެނުމުން ހިތަށް އުނދަގޫވިއެވެ. ސަކީނާ ގެ ރާގުގައި ބާބިލް އާއި ވާހަކ ދައްކާއިރު އެހުންނަ އުސޫލު އޭނާއަށް ކަމުނުދަނީއެވެ. ސަހަރް އަށް ވެސް އެކަން ފާހަނގަ ވި ނަމަވެސް ސަކީނާ އަށް ލުއި ހިނތުންވުމެއް ދިނުމަށް ފަހު އެންމެނަށް އަލްވަދާއު ކިޔާލާފައި ދިޔައީއެވެ. ކާރު ނައްޓާލި ތަން ބަލަން ތިބެފަައި އެންމެން އެކީ ގެޔަށް ވަދެފައި ސަކީނާ ވެސް ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ބާބިލް އަށް ގޮވާލާފައި ފެން ތަށްޓެއް ގެނެސްދިނުމަށް އަމުރުކުރިއެވެ.

"ދައްތާ....ތި ދެން ބޮޑު ވަރު....ވަރަށް އެއްޗެކޭ ނުބުނަން މަސައްކަތް ކޮށްފިން އެކަމަކު.....ދުނިޔޭގަ އުޅޭއިރު އެހްން މީހުންނަކީވެސް ހަމަ ތިމާ ފަދަ އިންސާނުންކަމަށް ބަލައިގެން ދޯ އުޅެންވާނީ...." އައްޒަހްރާ ގެ ހިތުގައި ހުރި އުދާސްތައް ބޭރުކުރެވުނެވެ.

" ތިބުނީ. ބާބިލް އަށް ފެން ތަށްޓެއް ގެނެސްދޭން ބުނުމަކުން އޭނަ ބަދަލެއް ނުވޭ ދޯ ޖިންނި ފުރޭތައަކަށް.....އެކަހަލަ ކަމަކާ ވައްތަރުވިޔަސް...." ސަކީނާ އަށް ވީ މަޖާކަމަކަށެވެ. އެވަގުތު ބާބިލް އަވަހަށް ފެން ތަށި ގެނެސްދިނުމަށްފަހު ބަދިގެއަށްދާން ހިނގައިގަތެވެ. ނަމަވެސް އައްޒަހްރާ ބާބިލް ގާތު އެދުނީ މަޑުކުރުމަށެވެ.

"ނޫން. ދައްތަ ތިކަހަލަ ސަމާސާ ކުރުމަކުން މަޖަލެއް ނުވޭ. ބާބިލް އަކީ އެއްވެސް މީހެއްގެ އަޅެއް ނޫން...."

ބާބިލް ގެ ލޯ ފެންކަޅިވިއެވެ. އަދި އައްޒަހްރާ ކައިރީ އެދުނީ އިތުރަށް އެއްޗެއް ނުބުނުމަށެވެ. މާހްޒަބީން އާއި އާސީނާ އަށް ހުރެވުނީ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިފައެވެ. އައްޒަހްރާގެ ފަރާތުން ދުވަހަކުވެސް ދެކެފައި ނުވާ ކަމެއް ފެނުމުން ހައިރާންކުރުވިއެވެ. ސަކީނާ ވެސް ހުރީ އަނގަ ހުތްވެފައެވެ.

" ދައްތަ އަށް އެކި ގޮތްގޮތަށް ނަސޭހަތް ދީފިން. އެކަމު.....އަހެދް ފަކީރަށް ވެސް މިއަދު އެހާ ވަރު ކޮށްލި....ދައްތަ ކީއްވެތަ..." އައްޒަހްރާ ގެ ޖުމްލަ ފުރިހަމަ ނުވަނީސް ސަކީނާ ވާހަކަދެއްކިއެވެ.

"ހޫން. އެ ސުންޕާ ކަނބުލޮ އާއި ހެދީ ދޯ. އަހރެންގެ މި ދެލޮލުން ދެކުނީމޭ މިއަދު އޭނަ މުރުތަސިމް ޖަހއިގަންނަން އުޅުނު ތަން...." ސަކީނާ ފޯރިއާއި ޖޯޝާއެކު ތެދުވުނުއިރު ރުޅިން ދެލޯވެސް ވަށްކޮށްލައިފިއެވެ. އައްޒަހްރާ އަހެދްއާއި އަޅާލާވަރާއި ހެޔޮކަން އޭނަ ދަނެއެވެ.

" ދައްތާ....އިތުރު އެންމެ ލަފަޒެއްވެސް އަޑު އަހާކަށް ބޭނުމެއްނޫން...." އައްޒަހްރާ ހިނގައިގަތް އިރު ފަޔަށް ތަދެއް އެރިއެވެ. އަދި މާހްޒަބީން އާއި އާސިނާ އެހީވާން އުޅުމުންވެސް އަތުގެ އިޝާރާތުން ދުރުވުމަށް އަންގާފައި ހިނގައިގަތެވެ. ސަކީނާ ހުރީ ހަދާނެގޮތެއް ނޭގިފައެވެ. ހިތުގައިވެސް ޖެހުނެވެ. އަދި ނިކުމެގެން ހިނގައިގަތް ވަގުތު މާހްޒަބީން ވާހަކަ ދައްކަން ދިމާކުރުމުންވެސް އަތް ފޮޅާލިއެވެ. މުރުތަސިމް ވެސް ގެއިން ނިކުންނަން އައީ އެވަގުތުއެވެ.

" އެ އަންހެނާ އަކީ ހަމަ ވިހައެއް......" މުރުތަސިމް އާއި ދިމާ އަށް ޝަހާދަތް އިނގިލި ދިއްކޮށްލިއިރު ސަކީނާގެ އަޑުވެސް ތުރުތުރުލައެވެ. މުރުތަސިމް އަށް އެއްޗެއް ނުބުނެވެނީސް ސަކީނާ އަވަސް ފިޔަވަޅުތަކުގައި ބޮޑު ދޮރާށިން ނިކުމެ ލޯމަތިން ގެއްލުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު