ޔާމީންގެ ހަތަރު އަހަރުގެ ހުކުމް ބާތިލުކޮށް، އަލުން ބަލަން އަމުރުކޮށްފި

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނުގެ 11 އަހަރުގެ ޖަލު ހުކުމުގައި ހިމެނޭ ހަތަރު އަހަރުގެ ހުކުމް ބާތިލުކުރަން ހައިކޯޓުން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމުގެ ތެރޭގައި ހިމެނޭ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު 25، 2022 ގައެވެ.

ވަރަށް ބޮޑަށް ދިގުލައިގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު ހުކުމްކުރަން މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލައިގައި ހިމެނޭ ދެ ގަޒިއްޔާއެއް މިހާރު ވަނީ ނިންމައިފައެވެ. ދެ ގަޒިއްޔާ ވެސް ބާތިލުކޮށް، މައްސަލަ އަލުން ބަލަން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ. އެއީ،

  • ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް އިއްވި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް
  • ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް

އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް މިހާރު ވަނީ މިނިވަންކޮށްފައެވެ. އެކަމަކު، ޔާމީންގެ އެއް މައްސަލައިގެ ހުކުމް އަދި އިއްވާފައެއް ނުވެއެވެ. އެ މައްސަލައިގައި ހުކުމް އިއްވަން ތާވަލުކޮށްފައިވަނީ މިރޭ 6:45 ގައެވެ.

https://sun.mv/191024

ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، މައްސަލަ ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދުކުރައްވައިފައެވެ.

ޔާމީންގެ މައްޗަށް ދަށު ކޯޓުން 2022 ވަނަ އަހަރު އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލި ފަހުން އެ މައްސަލައިގެ ހުކުމްނުކުރެވި ހަތަރު މަސް ދުވަސް ހޭދަވެގެންދިޔައެވެ. ރޭ ކުއްލި ގޮތަކަށް އެ މައްސަލައިގެ ހުކުމްކުރުން މިއަދަށް ތާވަލުކުރީ އެ މައްސަލަ ދިގުލައިގެން ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި އޮއްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ދަށު ކޯޓަކުން ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމެއް މަތީ މަރުހަލާ ކޯޓަކުން ބާތިލުކުރި ދެވަނަ ފަހަރެވެ.

މީގެ ކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ޔާމީންގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ފަހަރު އިއްވި ޖަލު ހުކުމުން އެ މަނިކުފާނު މިނިވަންވެވަޑައިގެންފައިވަނީ ސުޕްރީމް ކޯޓު މަރުހަލާއިންނެވެ.

އާރަށު މައްސަލައިގައި ޖަލުގައި ހުންނެވި ޔާމީން، ގެކޮޅަށް ބަދަލުކުރައްވާފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުލިބުމާ ގުޅިގެން އެ މަނިކުފާނުގެ އެދިލެއްވުމުގެ މައްޗަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އާރަށު މައްސަލަ އަލުން ބަލަން އަމުރުކުރީއިރު، ދަށު ކޯޓުގައި މިހާރު ވެސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ އިތުރު ދައުވާއެއް އެބަ ކުރިއަށްދެއެވެ.

comment ކޮމެންޓް