މަޝްހޫރު ފުޓްބޯޅަ ޔޫޓިއުބާ އެންގްރީ ރަންޓްމޭން މަރުވެއްޖެ

އަބްރަދީޕް ސަހާ--ފޮޓޯ/އިންޑިއާޓުޑޭ

އާއްމުންގެ މެދުގައި އެންގްރީ ރަންޓްމޭންގެ ނަމުން ބޮޑު މަޝްހޫރު ކަމެއް ލިބުނު އިންޑިއާގެ ޔޫޓިއުބަ އަބްރަދީޕް ސަހާ މަރުވެއްޖެއެވެ.

ޔޫޓިއުބްގައި 4.8 ލައްކައަށް ވުރެ ގިނަ ސަބްސްކްރައިބާސް ހުރި އުމުރުން 27 އަހަރުގެ ޔޫޓިއުބަ މަރުވެފައި ވަނީ ދާދިފަހުން އޭނާ ކުރި ބޮޑު އޮޕަރޭޝަނަކާ ގުޅިގެން އިތުރު ސިއްހީ މައްސަލަތައް ކުރިމަތިވެ ހަށިގަނޑުގެ ގުނަވަންތައް ފޭލްވުމާ ގުޅިގެންނެވެ.

ސަހާގެ ޔޫޓިއުބު ކޮމިއުނިޓީ ޓެބްގައިވާ ގޮތުން މީގެ ދެ ހަފްތާ ކުރިން އައިސީޔޫގައި އޭނާއަށް ފަރުވާ ދީފައި ވަނީ ވެސް ލައިފް ސަޕޯޓުގައެވެ.

މަޝްހޫރު ފުޓުބޯޅަ ކްލަބް ޗެލްސީއަށް ތާއީދުކުރާ ސަހާ މަޝްހޫރު ވެފައިވަނީ ފުޓްބޯޅައާ ގުޅިގެން ޓީމުގެ ކުޅުންތެރިންނަށާއި ކޯޗުންނަށް ފާޑުކިޔާ ތައްޔާރުކޮށްފައިވާ ޔޫޓިއުބް ވީޑިއޯތަކާ ގުޅިގެންނެވެ.

އޭނާއަކީ ވަރަށް ތެދުވެރިކަމާ އެކު އާއްމުންގެ ސަމާލުކަން ލިބޭގޮތަށް ވީޑިއޯ ތައްޔާރުކުރި އެތައް މިލިއަން ބައެއްގެ ލޯބި ލިބުނު މީހެކެވެ. މިދިޔަ ފެބްރުއަރީ މަހުތެރޭ ސަހާ އާއްމުންނަށް ދޫކޮށްލި ޔޫޓިއުބް ވީޑިއޯއިން ފެނިފައި ވަނީ ވުލްވާހެމްޕްޓަން ވޮންޑާސް އަތުން 4-2އިން ޗެލްސީ ބަލިވި މެޗަށްފަހު އެ ކްލަބްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ތަނެވެ.

އަބްރަދީޕް ސަހާ--ފޮޓޯ/އެންޑީޓީވީނިއުސް

ބޭރުގެ ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ސަހާ އަކީ އިންޑިއާގެ ފުޓްބޯޅަ ޓީމް އަދި ކްރިކެޓް ޓީމަށް ވެސް ފާޑުކިޔާފައިވާ ހެއްވާ މަޖާ ވީޑިއޯތައް ޔޫޓިއުބް މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލާފައިވާ މީހެކެވެ.

ސަހާގެ މަރާ ގުޅިގެން އޭނާގެ ވީޑީއޯތައް ބަލާ ގިނަ ބަޔަކު ވަނީ ސަހާގެ ޔޫޓިއުބް ޗެނަލް ފޮހެނުލުމަށާއި އޭނާގެ ހަނދާނެއްގެ ގޮތުގައި އެ ޗެނަލް ބެހެއްޓުމަށް ވަނީ އެދިފައެވެ. ސަހާގެ މަރުގެ ޚަބަރާއެކު އިންޑިއާގެ ކެރެލާގެ ފުޓްބޯޅަ ކްލަބް ކެރެލާ ބްލަސްޓާސް އެފްސީ ކްލަބުން ވެސް ވަނީ ހިތާމަ ފާޅުކޮށް އެކްސް މެދުވެރިކޮށް އާއިލާއަށް ތައުޒިއްޔާގެ މެސެޖެއް ފޮނުވާފައެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު