އޭއައި މޮޑެލުންނަށް ހާއްސަ ރީތީގެ މުބާރާތެއް

އޭއައި ބޭނުންކޮށްގެން ޑިޒައިން ކޮށްފައިވާ މޮޑެލް އެއް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މޮޑެލުންނަށް ހާއްސަ ބިއުޓީ ޕެޖެންޓު މުބާރާތެއް ބޭއްވުމަށް ބަޔަކު ތައްޔާރުވެއްޖެއެވެ.

ޓެކް ދުނިޔޭގައި މި ދުވަސްކޮޅު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ އޭއައިގެ ވާހަކައެވެ. ބޭނުންކުރުމަށް ތަފާތު ގާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް އެކުލަވާނުލެވިފައިވާ މި ދާއިރާ ފުޅާވަމުން އަންނަނީ ވަރަށް ހަލުވި ސްޕީޑުގައެވެ. އޭއައި ބޭނުންކޮށްގެން އެކި ކަހަލަ މަސައްކަތް ކުރާއިރު އެކަމަށް އެތައް ބައެއްގެ ފާޑުކިޔުންވެސް ދަނީ ރައްދުވަމުންނެވެ.

އަސްލު އެކި މައުލޫމާތު ބޭނުންކޮށްގެން މަންޒަރުތަކާއި ކެރެކްޓަރުންތައް ހެދުމަށް އޭއައި ބޭނުންކުރާއިިރު މިއީ އެންމެ ގިނަ ބައެއްގެ މެދުގައި ހިޔާލު ތަފާތުވާ ކަމެކެވެ.

މިފަދަ ދަނޑިވަޅެއްގައި މި އޮތީ އޭއައި ބޭނުންކޮށްގެން ތައްޔާރުކުރާ އަންހެން ކެރެކްޓަރުންނަށް ހާއްސަ މުބާރާތެއް އިއުލާނުކޮށްފައެވެ.

ދަ ވޯލްޑް އޭއައި ކްރިއޭޓާސް (ވައިކާ)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި "މިސް އޭއައި" މުބާރާތުގައި އޭއައި ޖެނެރޭޓުކުރާ އަންހެން ކެރެކްޓަރުން ބައިވެރި ކުރާނެއެވެ. އެއިން އެންމެ ރީތި އަންހެން ކެރެކްޓަރު އުފައްދާ ބަޔަކަށް 20،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ވައިކާއިން ހަމަޖައްސާފައެވެ.

މި މުބާރާތުގައި ވަނަ ހޮވުމުގައި ބަލާނީ މޮޑެލް އުފައްދާ ކްރިއޭޓަރު ބޭނުންކުރާ އެސްތެޓިކްސްއާއި އޮންލައިން ޕްރެޒެންސް އަދި އޭއައި އުކުޅުތަކަށެވެ. މުބާރާތުގެ އެއްވަނައިގެ އިތުރުން ދެވަނަ އަދި ތިންވަނަ އަށް ހޮވޭ މޮޑެލުންނަށް ވެސް ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕެޖެންޓުގައި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި، އަންނަ މަހުގެ 10ގެ ނިޔަލަށް މުބާރާތަށް އުފެއްދުންތައް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވައިކާއިން ބުނެއެވެ. އެއަށްފަހު ވަނަތަކަށް ހޮވޭ ފަރާތްތައް ހޮވުން އޮންލައިންކޮށް ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް