މެދު ރާއްޖެތެރެއާ ދެކުނަށް އުދަ އަރާނެކަމަށް ލަފާކޮށް ސަމާލުވާން އަންގައިފި

މާލޭ ކާނިވާ ސަރަހައްދަށް އުދައެރުން -- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މެދުރާއްޖެތެރެއާ ދެކުނަށް އުދަ އަރާނެކަމަށް ލަފާކޮށް، ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ، އުދައިގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާކަމަށެވެ.

މެދުރާއްޖެ ތެރެއަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކޮށްފައި ވަނީ މިރޭ 09:31 ހާއިރެވެ. އެވަގުތު ދިޔަވަރުގައި 1.7 ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދެކުނުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވަނެ ކަމަށް ލަފާކޮށްފައި ވަނީ މިރޭ 10:49 ހާއިރެވެ. އެވަގުތު ދިޔަވަރުގައި ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 1.9 ފޫޓެވެ.

އުދައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ގެއަށް ފެން ނުވައްނާނޭހެން ގޭ ދޮރުމަތީ ވެލި ބަސްތާ ޖެއްސުން
  • ގޭތެރޭ ފެން ބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ވެދާނެފަދަ މުދާ އުސްތަންތަނަށް ބަދަލު ކުރުން
  • އުސްތަންތަނަށް ބަދަލު ނުކުރެވޭނެ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުން
  • ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން
  • ބަނދަރުގައި އަޅާފައި އޮންނަ ދޯނި ފަހަރު ވައު ކަނޑައިގެން ނުދާނެހެން އެއްސުން
  • ސިނަމާލެ ބްރިޖުން ދަތުރުކުރާ ފަރާތްތަކުން ދިޔަވަރު ބޮޑުވާ ގަޑީ ދަތުރުކުރުމުގައި އިތުރަށް ސަމާލުވުން
  • ކުރިމަތި ވެދާނެ ސިއްހީ މައްސަލަތަކަށް ވިސްނާ، އުދައާ އެކު ރަށުތެރެއަށް އަރާ ކުނިބުނި ސާފުކުރުން

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަސް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެކެވެ. އެގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ލ. ކައްދޫއަށް 79.0 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

comment ކޮމެންޓް