އިއްޔެ ކުރި ވިއްސާރަ: މާލެއާއި ދެ ރަށަކުން 155 ގެއަކަށް ގެއްލުންވި

ފީވަކުގެ ގެއެއް ކައިރީ ވެލި ބަސްތާ ޖެހުމުގައި މީހަކު ހަރަކާތްތެރި ވަނީ: އެ ރަށުގެ 20 ގެއަކަށް ވިއްސާރައިގައި ގެއްލުންވި --- ފޮޓޯ/އެންޑީއެމްއޭ

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ 132 ގެއަކާއި ށ. ފީވަކުގެ 20 ގެއަކަށް އަދި އެ އަތޮޅު ފޯކައިދޫގެ ތިން ގެއަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ މާލެ ސިޓީގެ އެކި ސަރައްހައްދުތަކުގައި ފެން ބޮޑުވެ، ގޭބީސީތަކަށް ފެން ވަދެގެން ޖުމުލަ 132 ގެއަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރެއިން 122 ތަނަކަށް އެޓެންޑުވެ، 104 ތަނެއްގައި ޖުމުލަ 732 ވެލި ބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން، އެންޑީއެމްއޭއިން ބުނީ ދިރިއުޅެން ދަތިވާ ކަމަށް ބުނެ އެ އޮތޯރިޓީއަށް ރިޕޯޓުކުރެވުނު 10 ގެއެއް ތަޣައްޔަރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވުނު ހަ ގެއަކުން ޖުމުލަ 42 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި އެއް ރެއަށް ކެއިންބުއިން ހަމަޖައްސާދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެންމްއޭއިން ބުނީ އިއްޔެ އަތޮޅުތެރެއަށް ކުރި ވިއްސާރައިގައި ށ. ފީވަކުގެ 20 ގެއަކަށާއި ށ. ފޯކައިދޫގެ ތިން ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި، ތ. ހިރިލަންދޫއާއި ތ. ވަންދޫއަށް ބޯކޮށް ވާރެވެހިގެން ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ވަންދޫގެ އެއް ގެއަށް ވިއްސާރައިގައި ގެއްލުންވި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ދޭތެރެދޭތެރެއިން ކުރާ ގަދަ ވިއްސާރައާ އެކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަނުމަކީ ހިނގާކަމެކެވެ. މީގެ ސަބަބުން ބައެއް ގެތަކުގައި މީހުން ދިރިއުޅެން ދަތިވާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.

comment ކޮމެންޓް