މާލޭގެ ގެއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް

މ. ރަބީއުވިލާ ގޭގައި ރޯވެފައި: އަލިފާން ނިއްވުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ފޮޓޯ/ އެމްއެންޑީއެފް

މާލޭގެ ކެނެރީ މަގުގައި ހުންނަ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން މީޑިއާއާ ހިއްސާކުރި މެސެޖެއްގައިވަނީ، މ. ރަބީއުވިލާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސިފައިން އިތުރަށް ބުނީ، ރޯވެފައި ވަނީ އެ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެ ހުންނަ ގޯޅި ތެރޭގައި އެފްއާރުއެސް ހަރަކާތްތެރިވަނީ: ރޯވެފައި ވަނީ ކެނެރީ މަގުގައި ހުންނަ ރަބީއުވިލާ ގޭގައި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

އަލިފާން ނިއްވަން، ސިފައިން ވަނީ އިމާރާތުގެ އެތެރޭގައި ހަރަކާތްތެރިވެފައެވެ.

އެ ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ގޭގައި އަލިފާންގަނޑު ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެނެއެވެ.

އެ ހާދިސާއާ ގުޅިގެން ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ރަބީޢުވިލާ ހުންނަ ސަރަހައްދުގައި އެ އޮތޯރިޓީގެ ޓީމެއް ހަރަކާތްތެރި ވަމުން އަންނަ ކަމަށް ބުނެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، އަލިފާނުގެ ހާދިސާ ހިނގި ގެ ހުންނަ ސަރަހައްދުގައި: އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބުނެފައި -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

އެ ހާދިސާ ހިނގިކަން ރިޕޯޓުކުރިތާ 30 ވަރަކަށް މިނިޓް ފަހުން، އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ބުނެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ސަރަހައްދަށް ވަޑައިގެން، ހާލަތު ބައްލަވައިލައްވައިފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ގެއަކީ މީހުން ދިރިނޫޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ގެޔެކެވެ.

comment ކޮމެންޓް