ޕީއެންއެފްގެ ޖަލްސާ ބާއްވަން އުޅެނިކޮށް ފުލުހުން ސްކޫލު ބަންދުކޮށްފި

ޕީއެންއެފް ޖަލްސާ ބާއްވަން އުޅެނިކޮށް ފުލުހުން ސްކޫލު ގޭޓް ބަންދުކުރުން -- ސަން ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްވެ އުފައްދަވަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ މިރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން ކުޑަތަންވެފައި އޮއްވައި ސްކޫލު ގޭޓު ބަންދުކޮށް ޖަލްސާ ބާއްވަން ހުރަސް އަޅައިފައިވާކަމަށް ޕާޓީ އުފައްދަން އުޅުއްވައި އިސްވެރިން ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނުއްސުރެ އެ ޕާޓީގެ އިސްވެރިން އަންނަނީ މި ޖަލްސާ ބޭއްވުނަ ނުދިނުމަށް ޓަކައި ސަރުކާރުން ހުރަސް އަޅަމުން އަންނަކަމުގެ ތުހުމަތު ކުރަމުންނެވެ. އެގޮތުން ޣިޔާސުއްދީން ސްކޫލު ހޯލަށް ކަރަންޓު ނުދޭން ވެސް އަންގައިފައިވާކަމަށް ބުނެ ތުހުމަތުކުރިއެވެ.

އެއާއެކު މިރޭ 9:15 ގައި ޖަލްސާ ބާއްވަންވެގެން އާންމު މެމްބަރުންނާއި، އިސްވެެރިން ދިޔައިރު އެސްއޯ ފުލުހުން އައީ އެ ތަނުގައި ހަރަކާތްތެރިވަމުންނެވެ. އަދި ސްކޫލު ގޭޓު ވަނީ ބަންދު ވެސް ކޮށްފައެވެ.

އެއާއެކު ގިނަ ބަޔަކު އަންނަނީ މި ވަގުތު އެ ސަރަހައްދުގައި އަޑު އުފުލައި ނުރުހުން ފާޅުކުރަމުންނެވެ.

މި ކަމާ ގުޅިގެން އިތުރު ތަފްސީލް ހިއްސާކުރައްވަމުން ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ ޕީއެންއެފުންވަނީ ޣިޔާސުއްދީން ސްކޫލު ހޯލުގައި ޖަލްސާ ބާއްވަން ހުއްދަ ދީފައިވާ ކަމަށެވެ.

އަދި ސްކޫލަށް ފައިސާ ވެސް ދައްކައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެން އެކަން އޮއްވައި މަދަނީ އެއްވުމެއް ހުއްޓުވަން ފުލުހުން ކުރަނީ ގާނޫނާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ޣިޔާސުއްދީން ސްކޫލުން ބުނި ގޮތުގައި އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ އެެއްވުން ބާއްވަން ހުއްދަ ދެވިފައިނުވާ ކަމަށެވެ.

https://x.com/Shifan4040/status/1777736665215451635

އެހެންވެ އެއްވުން ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި އެދިފައިވާތީ، އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން އެޓެންޑްވަމުން އަންނަ ކަމަށެވެ.

ފުލުހުންނަށް އެ ރިކުއެސްޓު ލިބުނީ މިރޭ 6:42 ގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް