މި އަހަރު މިހާތަނަށް 13.9 ކިލޯ މަސްތުވާތަކެތި އަތުލައިގެންފި

މަސްތުވާތަކެތި ފޮޓޯ---

މި އަހަރު މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން 13.9 ކިލޯ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސައިން ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެންމެ ގިނައިން އެތެރެކޮށްފައިވަނީ ނުރައްކާތެރި ޑުރަގުގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯންންސް" އެވެ. މި ޑުރަގުގެ 6،554 ގުރާމް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.

މީގެ އިތުރުން 5،300 ގުރާމު ހެރޮއިން އާއި 1،152 ގުރާމު އެމްޑީއެމްއޭ އާއި 570 ގުރާމުގެ މެތަމްފެޓަމިން އަދި އެމްފެޓަމިން ޑުރަގުގެ 350 ގުރާމު ކަސްޓަމްސް އިން އަތުލައިގަތެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ގިނަވެފައި ވާކަން ފާހަގަކުރެވި ކަސްޓަމްސް އާއި ފުލުހުން ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން އެހެން ގައުމުތަކުގައި ޕޯސްޓުގެ ނިޒާމު އޮންނަ ގޮތް ބަލައި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީ އިން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް