ކުށްކުރާ ކުދިން 18 އަހަރުވަންދެން ބެލުމަށް، ވަކިން ރަށެއްގައި ފެސިލިޓީއެއް ހަދަނީ

ކުށްކުރާ ކުދިން 18 އަހަރުވަންދެން ބެލުމަށް، ވަކިން ރަށެއްގައި ފެސިލިޓީއެއް ހަދަން ސަރުކާރުން ވަނީ ނިންމައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ، ކުށްކުރުމުގެ ނުރައްކާ އޮތް ކުދިން 18 އަހަރު ފުރެންދެން ބެލުމަށް ވަކިން ރަށެއްގައި އެކަމަށް ޚާއްޞަ ފެސިލިޓީއެއް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.

އއ. ރަސްދޫގައި ކުޑަކުއްޖަކަށް ގަނާކުރި މައްސަލައިގައި، އެފަދަ އަމަލުތަކުން ކުދިން ރައްކާތެރިކުރުމަށް އެކުލަވާފައިވާ މިނިސްޓްރީތަކުގެ ޓާސްކްފޯސްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މުޅި ރާއްޖޭގައި ކުށްކުރާ ދައްކާ 200ހާ ކުދިން ތިބި ރެކޯޑްތަކުން ދައްކާ ކަމަށެވެ.

އެފަދަ ކުދިންނަށް ދިގު މުއްދަތަކަށް އަޅާލާ ކެއާ ފެސިލިޓީއެއް ގާއިމުކުރުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ފެސިލިޓީއަކީ މުޖުތަމައުގައި ބައިތިއްބައިގެން ބައިތިއްބައިގެން ފަރުވާ ނުދެވިދާނެ ކަމަށް ބެލެވޭ ކުދިން ދިގު މުއްދަތަކަށް މުޖުތަމައުއިން އެކަހެރިކޮށް ސަރުކާރުގެ ބެލުމުގެ ދަށުން ފަރުވާ ދޭނެ ފެސިލިޓީއަކަށް ވާން ޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަދުގެ ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕް ކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކުން ނުބެލެހެއްޓި ނުވަތަ އަހުލާގީ ގޮތުން މުޖުތަމައުން އެކަހެރިވެގެން ދާތަން ފެނި، އަދި އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއެކުގައި އުޅެ ކޫށުގެ މާހައުލުން ތަކުރާރުކޮށް އަޅުގަނޑުމެންގެ ފުލުހުންނާ އަޅުގަނޑުމެންގެ މި ޚިދުމަތް ދޭ ފަރާތްތަކާ ދިމާވާ ކުދިން އަޅުގަނޑުމެން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން،" އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތުން އެގޮތަށް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭނީ ކޯޓު ހުކުމެއްގެ ދަށުން ކަމަށާއި އެކުދިން ނެގުމަށް ފަހު ވިސްނުމަކީ ކެއާ ފެސިލިޓީގައި 18 އަހަރުވަންދެން ބެލެހެއްޓުން ކަމަށެވެ.

އެ ސެންޓަރުގައި ކުރާނެ ކަންތައްތަކުގެ ތެރޭގައި ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން އެކުދިން ލައްވައި ބަރާބަރަށް ކުރުވުމާއި އެކުދިންގެ އުމުރާ ގުޅޭ ރަސްމީ ތައުލީމު ދިނުމާއި އަހުލާގީ ގޮތުން ދޭން ޖެހޭ ފަރުވާ ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެއާއެކު ސްކިލްސް ޑިވެލޮޕްމެންޓާއި އޭގެ އިތުރުން އެއިން ކޮންމެ ކުއްޖަކަށް ދޭން ޖެހޭ ވަކި ސައިކޮސޯޝަން އިންޓަވެންޝަން ޕްރޮގްރާމެއް ހެދިފައި، އެކުދިންނަށް ކަސްޓަމައިޒްޑް ސައިކޮސޯޝަލް އިންޓަވެންޝަން ޕްރޮގްރާމެއް ދިނުން،" އިހުސާން ވިދާޅުވިއެވެ.

އެ ފެސިލިޓީ ގާއިމުކުރަން ސޯޝަލް ކައުންސިލުން ފާސްކޮށް، އެކަމާ ގުޅޭ ގޮތުން ގޮތް ނިންމަން ކެބިނެޓަށް ފޮނުވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އއ. ރަސްދޫގައި ރޭ ކުޑަކުއްޖަކަށް ބުލީ ކުރި މައްސަލައިގައި ޝާމިލުވަނީ 13 އަހަރާއި 14 އަހަރުގެ ފިރިހެން ކުދިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް