ރޯދަ މަހު ފުރަތަމަ 10ގައި ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ

މީހަކު ޒަކާތް ދައްކަނީ: ސަން ފައިލް ފޮޓޯ

މި އަހަރު ރޯދަ މަހުގެ ފުރަތަމަ 10ގައި ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1,599,113 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ޖުމްލަ އަދަދު ހާމަކޮށްފައިވަނީ ތަފްސީލާ އެކުގައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދެއްކުމަށް ހަމަޖެހިފައިވާ ފައިސާގެ އަދަދު:

  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ
  • ރަތް ހަނޑޫ - 80 ރުފިޔާ
  • ބާސްމަތީ އާދައިގެ ހަނޑޫ އާދައިގެ - 70 ރުފިޔާ
  • ބާސްމަތީ މޮޅު ހަނޑޫ - 100 ރުފިޔާ
  • ބާސްމަތީ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ
  • އާދައިގެ ފުށް - 10 ރުފިޔާ
  • އާޓާ ފުށް - 75 ރުފިޔާ

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ޒަކާތްލިބިފައިވާ ގޮތުގެ ތަފްސީލަށްބަލާއިރު، އާދައިގެ ހަނޑުލުން ޒަކާތް ދީފައިވަނީ 22,759 މީހުންނެވެ. އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ 273,108 އެވެ.

ތައިލެންޑް ހުދު ހަނޑުލުން ޒަކާތްދީފައިވަނީ 886 މީހުންނެވެ. އެ ގޮތުން ތައިލެންޑް ހުދު ހަނޑުލުން ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 62,020 ރުފިޔާއެވެ.

ރަތް ހަނޑުލުން 304 މީހުން ޒަކާތްދީފައިވާއިރު، 24,320 ރުފިޔާ، ރަތް ހަނޑުލުން ދެއްކި ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.

ބާސްމަތީ އާދައިގެ ހަނޑުލުން 5,208 މީހުން ޒަކާތްދީފައިވެއެވެ. އެ ގޮތުން ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި 364,560 ރުފިޔާ ލިބިފައިވެއެވެ.

ބާސްމަތީ މޮޅު ހަނޑުލުން 3,030 މީހުން ޒަކާތްދީފައިވާއިރު، މޮޅު ބާސްމަތީ ހަނޑުލުން ދެއްކި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 303,000 ރުފިޔާއެވެ.

ބާސްމަތީ އެންމެ މޮޅު ހަނޑުލުން ޒަކާތް ދައްކާފައިވަނީ 4,188 މީހުންނެވެ. އެ ގޮތުން އެންމެ މޮޅު ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި 523,500 ރުފިޔާ ލިބިފައިވެއެވެ.

އާދައިގެ ފުށުން 1,913 މީހުން ޒަކާތް ދެއްކިއިރު، އާދައިގެ ފުށުން ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 19,130 ރުފިޔާއެވެ.

އަދި އާޓާ ފުށުން 393 މީހަކު ޒަކާތް ދައްކާފައިވާއިރު، 29,475 ރުފިޔާ ވަނީ އާޓާ ފުށުން ދައްކާފައިވާ ޒަކާތުގެ ގޮތުގައި ލިބިފައެވެ.

ރަމަޟާންމަހުގެ ފުރަތަމަ 18 ދުވަސް ނިމިގެންދިޔައިރު، މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭން ފިތުރު ޒަކާތް ދައްކާފައިވަނީ 38،681 މީހުންނެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބުނެވެ.

މި އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 މާޗުން ފެށިގެން ހައެއް އޭޕްރީލުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން އޮތީ އިއުލާންކޮށްފައެވެ. އެ ގޮތުން ދިރާގު އެޕް، ދިރާގު ޕޭ، އެމްފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ އަދި ބަނޑޭރި ޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތުގެ ފައިސާ ދެއްކޭނެއެވެ.

comment ކޮމެންޓް