އިސްރާއީލާ ގުޅުންތައް ކަނޑާލާނެކަމުގެ އިންޒާރު ކޮލަންބިޔާގެ ރައީސް ދެއްވައިފި

ކޮލަންބިއާގެ ރައީސް ގޮސްތާވޯ ޕެތްރޯ

ބޮގޮޓާ (27 މާޗް 2024) : އިސްރާއީލަކީ ތަހުޒީބު މުޖްތަމަޢެއްގައި އުޅެވޭވަރަށްވުރެ މާ އަނިޔާވެރި އަދި ލާއިންސާނީ ގައުމެއްކަމަށް ސިފަކުރައްވައި އދ.ގެ ގަރާރަށް އިސްރާއީލުން ޢަމަލު ނުކޮށްފިނަމަ އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަން ޖެހިދާނެކަމަށް ކޮލަންބިޔާގެ ރައީސް ގޮސްތާވޯ ޕެތުރޯ ވިދާޅުވެއްޖެއެވެ.

ޕެތްރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުން ޣައްޒާގެ ކުޑަކުދިންނާއި ކާބޯތަކެތި ހޯދަން ކިޔޫގައި ހައިހޫނުކަންމަތީ ތިބޭ މީހުންގެ ގަޔަށް ބަޑިޖަހައި މަރާ އިރާއި، ހޮސްޕިޓަލްތަކަށް ގަސްދުގައި ހަމަލާދީ ބަލިމީހުން މަރާއިރު އިސްރާއީލާއެކު ގުޅުންތައް ބޭއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

އެހެންކަމުން ޣައްޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި މިދިޔަ އާދީއްތަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ބޯލެނބުމަށް ޕެތްރޯ އިސްރާއީލަށް ގޮވާލެއްވިއެވެ.

އެ ގަރާރަށް އިސްރާއީލު އަމަލުނުކޮށްފިނަމަ ކޮލަންބިއާއިން އިސްރާއީލާއެކު ބައްވާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާނެކަމުގެ އިންޒާރު ވެސް ޕެތުރޯ ދެއްވިއެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލު ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހަށް ގަރާރު ހުށަހެޅީ އެ މަޖިލީހުގައި ހިމެނޭ ދާއިމީ ނޫން މެންބަރު ގައުމުތަކުންނެވެ.

މި ގަރާރުގައި ހަމަލާތައް ހުއްޓާލަންޖެހޭނީ ދާއިމީކޮށް ނޫނީ ވަގުތީ ގޮތުން ކަމަށް ބުނެފައެއް ނުވެއެވެ. ބުނެފައިވަނީ ވަގުތުން ހަމަލާތައް ހުއްޓާލުމަށެވެ.

ހަމަލާތައް ހުއްޓާލުމަށްފަހު އިސްރާއީލާއި ޙަމާސް ޖަމާއަތުން އަސީރުން ބަދަލުކޮށް އެ މީހުން މިނިވަންކުރުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށާއި އެ ކަންކަން ކުރުމަށްފަހު ދާއިމީކޮށް ހަމަލާތައް ހުއްޓާލާ ގޮތަށް ކަންކަން ކުރިޔަށް ގެންދިޔުމަށް ވެސް އެ ގަރާރުގައިވަނީ ގޮވައިލާފައެވެ.

އެ ގަރާރު ފާސްވީ ކުރިން ވެސް މިފަދަ ގަރާރުތައް ވީޓޯކޮށްގެން ބާތިލުކުރާ އެމެރިކާ މި ގަރާރު ވީޓޯ ނުކުރުމުގެ ސަބަބުންނެވެ. ހަމަލާތައް ހުއްޓާލުމަށް ގޮވާލި ތިން ގަރާރެއް މިހާތަނަށް އެމެރިކާ އިން ވީޓޯކޮށްފައިވާއިރު މި ގަރާރާ ދެކޮޅަށް ވީޓޯގެ ބޭނުންކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން އެމެރިކާއިން މި ގަރާރަށް ތާއީދުކޮށްފައެއް ވެސް ނުވެއެވެ.

އިސްރާއީލުވަނީ މިގަރާރާ ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ. އަދި އެމެރިކާއިން މިގަރާރު ފާސްކުރުމުގެ ފުރުސަތު ދިނުމުން އިސްރާއީލުގެ ބައެއް ވަޒީރުންވަނީ އެމެރިކާއަށް ބަހުގެ ހަމަލާތައްވެސް ދީފައެވެ. އަދި އެމެރިކާއަށް ޒިޔާރަތް ކުރަންހަމަޖެހިފައިވާ އިސްރާއީލުގެ ވަފްދެއްގެ ދަތުރުވެސްވަނީ އެމެރިކާދެކެ ހިތްހަމަ ނުޖެހިގެން ކެންސަލްކޮށްފައެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ބުނީ ސަލާމަތީ މަޖިލީހުގެ ގަރާރާ ގުޅިގެން އިސްރާއީލުގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ޣައްޒާއަށް ދޭ ހަމަލާތައް އިސްރާއީލުގެ މަގްސަދު ހާސިލުން ވަންދެން ހުއްޓުމެއްނެތި ކުރިޔަށްގެންދާނެ ކަމުގައެވެ.

ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާ ގަރާރު ފާސްކުރިތާ މިއަދަށް 4 ދުވަސްވެފައިވާއިރު އިސްރާއީލުން އެއްވެސް ވަރަކަށް ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ. އަދި ހަމަލާތައް މަދުކޮށްފައެއްވެސް ނުވެއެވެ.

އިސްރާއީލުގެ މީޑީއާ ބުނާގޮތުން އެގައުމުގެ ހަނގުރާމައިގެ ކެބިނެޓުންވަނީ ޣައްޒާގެ ރަފްހު ސިޓީއަށް އަރައިގަތުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްވެސް ނިންމާފައެވެ. އިސްރާއީލުގެ ޓީވީ ސްޓޭޝަނެއްކަމަށްވާ ޗެނެލް-12 ބުނާގޮތުން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ ރަފްހު ސިޓީއަށް އަރައިގަތުމަށްޓަކައި ވަގުތީ ފޭލިގޭގެ 40 ހާސް ފޭލިގެ ޗައިނާއިން ގަތުމަށް ނިންމާފައެވެ.

މި 40 ހާސް ފޭލިގެއަކީ ރަފްހަށް އަރައިގެންފި ހާލަތެއްގައި އެސިޓީން ރެފިއުޖީންގެ ގޮތުގައި ނުކުންނާނެކަމަށް ބެލެވޭ ދޮޅު މިލިޔަނެއްހާ އާންމުންނަށް ބޭނުންވާނެ ފޭލިގެތައްކަމަށްވެސް އިސްރާއީލުގެ ޗެނެލް 12 ބުނެއެވެ.

އިސްރާއީލަކީ ރެފިއުޖީން ތިބޭ ފޭލިގެތަކަށްވެސް ބޮންއަޅައި ގަތުލުއާންމު ތައް ހިންގާ ލައިންސާނީ ގައުމެކެވެ. މިފޭލިގެތަށް ހޯދާކަމުގެ އަޑު ފެތުރުމުގައި އިސްރާއީލުގެ ބޭނުމަކީ އާންމުން ހިމާޔަތް ދޭނެކަމުގެ ދަޅަ ދުނިޔެއަށް ދެއްކުމުގެ މަކަރުވެރި ރޭވުން ކަމަށްވަނީ ބެލެވިފައެވެ.

ރަފްހަށް އިސްރާއީލު އަރައިގެންފިނަމަ މަދުވެގެން ދެލައްކައެއްހާ މީހުން މަރާލާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އދ. ހިމެނޭގޮތަށް މުޅި ދުނިޔެއިންވެސްވަނީ ރަފްހަށް ނޭރުމަށް އިސްރާއީލަށް ގޮވާލާފައެވެ.

އިސްރާއީލާ ގުޅުންތައް ކަނޑާލާނެކަމުގެ އިންޒާރު ކޮލަންބިޔާގެ ރައީސް ދެއްވުމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔިސްރައެލް ކާތްސް ވަނީ ކޮލަންބިއާއަކީ ހަމާސް ޖަމާއަތަށް ތާއީދުކުރާ ގައުމެއްކަމަށް ތުހުމަތުކޮށް ހަމާސްއަށް ތާއީދުކުރުމަކީ ކޮލަންބިޔާ ހިންގާ ލަދުވެތި އަމަލެއްކަމަށް ސިފަކޮށްފައެވެ. އިސްރާއީލުގެ އަނިޔާވެރިކަން ހައްދު ފަހަނަޅައިދާތީ ކޮލަންބިއާއިންވަނީ އިސްރާއީލުގައި ހުންނަވާ އެގައުުމުގެ ސަފީރު މީގެ ތިން މަސްކުރިން އަނބުރައި ގައުމަށް ގެނަސްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު