ފިތުރު އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

ކުޑަ ދެ ކުދިން ގުޑިއަރުވަނީ: މި އީދު ދުވަހު ވެސް ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިތުރު އީދު ދުވަހު ހަވީރު ހަތަރަކުން ހަޔަކަށް މާލޭގައި ވެހިކަލް ދުއްވުން މަނާކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރަނީ ދިވެހި ބަހާއި ތަރިކައާ ބެހޭ ވުޒާރާއިން މަގުތަކުގައި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވާތީ ކަމަށް މިއަދު މާލޭ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.

ޖަލްސާގައި އެއް މެމްބަރަކު ވަނީ ވެހިކަލް ދުއްވަން މަނާ ކުރާ ވަގުތު ކުޑަ ކުރުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ ގޮތަށް ފާހެއް ނުވިއެވެ. ފާސްވީ އެ ދުވަހުގެ ހަވީރު 16:00 ފެށިގެން 18:00 އަކަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރުމަށެވެ.

މާލޭގެ މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން ފާސްކުރީ 11 ކައުންސިލު މެމްބަރުންގެ ތެރެއިން އަށް މެމްބަރުންގެ ވޯޓުންނެވެ.

ކޮންމެ އަހަރަކު ވެސް މި ފަހުން އީދު ދުވަހުގެ ހަވީރު މާލޭ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރެއެވެ. އޭގެ ސަބަބުން ކުޑަ ކުދިންނާއެކު އާއިލާތައް މަގުތަކަށް ނުކުމެ އުފާވެރި ވަގުތުތަކެއް ހޭދަ ކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.

comment ކޮމެންޓް