ނަރަކައިން މުއްތިވުމަކީ ކޮބާ؟

އިސްލާމީ މަރުކަޒުގައި ކުރެވުނު ނަމާދެއްގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާތް ﷲ މި ރަމަޟާން މަހުގައި ރޯދަ ހިފާ މީހުންނަށް ގިނަގުނަ ނިޢުމަތްތަކެއް ލައްވާފައި ވެއެވެ. އެކަލާނގެ އަޅުތަކުން ޢަޒާބާއި ހަލާކާއި ނިކަމެތިކަމުން ސަލާމަތް ކުރެއްވުމަށް ޓަކައެވެ.އެކަލާނގެ އަޅުތަކުން ދާރުއްސަލާމަށް ވެއްދެވުމަށް ޓަކައެވެ. ސުވަރުގޭގެ މަތިވެރި ދަރަޖަތަކާ ހަމައަށް އުފުއްލެވުމަށް ޓަކައެވެ. އެއީ ނަރަކައިން މުއްތި ކުރެއްވުމެވެ. އެއީ މަތިވެރިވެގެންވާ ނިޢުމަތެކެވެ. އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ސަބަބުތައް މާތް ﷲ ވަނީ މި ރަމަޟާން މަހުގައި ރޯދަވެރިންނަށް ތަނަވަސްކޮށް ދެއްވައިފައެވެ.

އަޅުގަނޑުމެން ނަރަކައިން މުއްތިވުމަށް ބޭނުންވެފައިވާ މިންވަރު ކިހާބޮޑުތޯއެވެ؟ އަޅުގަނޑުމެން ވަނީ ﷲގެ ޙައްޤުތައް އަދާކުރުމުގައި ފަރުވާކުޑަ ކޮށްފައެވެ. އަޅުގަނޑުމެން ވަނީ ﷲގެ އަމުރުފުޅުތަކަށް އުރެދިފައެވެ. އަޅުގަނޑުމެން ވަނީ ﷲ ނަހީ ކުރެއްވި ކަންތައްތަކަށް އަރައިގަނެ ނުކިޔަމަންތެރިވެފައެވެ. އަޅުގަނޑުމެންނަކީ ﷲގެ ދީލަތި ރަޙްމަތަށް ބޭނުންވެފައިވާ ނިކަމެތި ފަޤީރުންނީމުއެވެ. ނަރަކައިގެ ހޫނުކަމަށާއި ވިހަކަމުގެ މައްޗަށް އަޅުގަނޑުމެންނަށް ކެތްކުރެވޭނެ ޤާބިލުކަމެއް ނެތެވެ. ނަރަކައިގެ ގަދަފަދަ ޢަޒާބުގެ މައްޗަށް ކެތްކުރެވޭނެ އެއްވެސް ބާރެއް އާރެއް އަޅުގަނޑުމެންނަށް ލިބިގެން ނުވެއެވެ.

ނަރަކައިން މުއްތި ކުރެއްވުމަކީ ނަރަކައިގެ ޢަޒާބުން ތިބާ ނަޖާކޮށް ދެއްވުމެވެ. ނަރަކައިގެ ހޫނުކަމުން ތިބާ ރައްކައުތެރިކޮށް ދެއްވުމެވެ. ތިބާއާ ނަރަކައިގެ ހުޅުގަނޑާ ދެމެދަށް ހުރަސް އެޅުއްވުމެވެ.

ނަރަކައިން މުއްތި ކުރެއްވުމަކީ އޭގެ އަލިފާނުގެ ކެކި އެރުމަށް ހުއްޓުމެއް ނެތް ނަރަކައިން ތިބާ ސަލާމަތްކޮށް ދެއްވުމެވެ. އެތާނގެ ހޫނުކަމުގެ ދިލަ ވަރަށް ގަދައެވެ. އެތާނގެ އަނޑީގެ ފުންމިނެއް ނޭނގެއެވެ. އެތާނގެ ފެނަކީ އެތާނގެ އަހްލުވެރީންގެ ގައިން ނުކުންނަ ދޮހާއި ފާދިޔައެވެ. އެތާނގެ އަހްލުވެރީންގެ ކާނާއަކީ ޒައްޤޫމެވެ. އެތާނގެ އަހްލުވެރީންގެ ފޭރާމަކީ ކަތުރާނާއި ދަގަނޑެވެ.އެތާނގެ އަހްލުވެރީންނަށް އަދަބު ދެވޭނީ ދަގަނޑު ޗާބޫކުންނެވެ.

ނަރަކައިން މުއްތިވުމަކީ އޭގެ ދިލަ ކެނޑިގެން ނުދާނެ އަލިފާނަކުން ތިބާގެ ނަފްސު އަނދައަނދައި ހުރުމުން ސަލާމަތް ވުމެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ. (( إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا الْعَذَابَ [1]- ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ. ))

ނަރަކައިން މުއްތި ކުރެއްވުމަކީ އެތާނގެ އަހްލުވެރިން ރޮއި އެތަނުން ލިބޭ ވޭނާއި ކެކުޅުންތައް ލުއިކޮށްދެއްވާތޯ ދައްވާނެ ބިރުވެރި ތަނަކުން ސަލާމަތްކޮށްދެއްވުމެވެ . މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِنَ الْعَذَابِ* قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُمْ بِالْبَيِّنَاتِ قَالُوا بَلَى قَالُوا فَادْعُوا وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ [2]– އަދި ނަރަކައިގައިވާ މީހުން، ނަރަކައިގެ ބަނޑޭރިންނަށް ބުނާނެތެވެ. ތިމަންމެންގެ ކިބައިން عذاب ން އެއްދުވަސް ނަމަވެސް ލުއިކޮށްދެއްވާތޯ ތިޔަބޭކަލުންގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކޮށްދެއްވާށެވެ!އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ رسول ން ވަޑައިނުގަންނަވަނީހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އެހެންނަކުން ނޫނެވެ. (ވަޑައިގަތެވެ.) އެބޭކަލުން ވިދާޅުވާނެތެވެ. ފަހެ، ކަލޭމެން دعاء ކޮށްބަލާށެވެ. كافر ންގެ دعاء ފުރެދުމެއްގައިމެނުވީ ނުވެތެވެ. ))

ނަރަކައަކީ އެތާނގެ އަހްލުވެރިން އެތަނުން ނެރެދެއްވާތޯ އާދޭސް ދެންނެވުމުން އެމީހުންގެ އަޑު އިވިގެންނުދާނެ ތަނެކެވެ. އަދި ކިއެއްތޯއެވެ؟ އެމީހުންނަށް ޖަވާބުގައި އިވޭނީ މަލާމާތުގެ ބަސްތަކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ *لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ * وَمَا ظَلَمْنَاهُمْ وَلَكِنْ كَانُوا هُمُ الظَّالِمِينَ * وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُمْ مَاكِثُونَ * لَقَدْ جِئْنَاكُمْ بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ[3] - ހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ عذاب ގައި ދެމިތިބޭނެތެވެ. އެއުރެންގެ ކިބައިން އެ عذاب ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެން އެކަމުގައި ތިބޭހުށީ އުންމީދު ކެނޑިފައެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު (ފާފަކުރުމުގެ ސަބަބުން) އަނިޔާވެރިންކަމުގައިވީ، ހަމަ އެއުރެންނެވެ. އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ.))

ނަރަކައިން މުއްތި ކުރެއްވުމަކީ ކާފަރުންނަށް ތައްޔާރުކުރައްވާފައިވާ ގޮވަތި ކަމުގައިވާ ނަރަކައިން ސަލާމަތް ކުރެއްވުމެވެ. ނަރަކައަކީ އެތާނގެ އަހްލުވެރިން މަރުނުވެ ތާއަބަދަށް ދެމި ތިބޭނެ ތަނެކެވެ. އެމީހުން މަރުގަންނަވާ ދެއްވާތޯ މާތްﷲއަށް ދަންނަވާނެއެވެ. އެމީހުންގެ މި އަޑެއް ނާއްސަވާނެތެވެ. އެމީހުންނަށް އެތަނުން ލިބެމުންދާ ޢަޒާބަށް ލުއި ކަމެއް ނުލިބި އެ ޢަޒާބުގައި އެމީހުން ދެމިތިބޭނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَى عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُمْ مِنْ عَذَابِهَا كَذَلِكَ نَجْزِي كُلَّ كَفُورٍ * وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ [4]- އަދި كافر ވި މީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ عذاب ން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ. كافر ވާ ކޮންމެ މީހަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަނީ އެފަދައިންނެވެ.އެއުރެން އެ ނަރަކައިގައި ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ކުރަމުންގެންދިޔަ (ނުބައި) عمل ނޫން صالح عمل ކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ عمر ނުދަންމަވަން ހެއްޔެވެ؟ އަދި إنذار ކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް ވަޑައިގަތެވެ. ފަހެ، ތިޔަބައިމީހުން (عذاب ގެ) ރަހަ ލިބިގަންނާށެވެ! ފަހެ، އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް މީހަކު ނުވެތެވެ.))

ނަރަކައިން މުއްތިކުރެއްވުމުގެ މާނައަކީ ބަނޑުހައިހޫނުކަން ބޮޑުވެގެން އެތާނގެ އަހްލުވެރިން ޝަކްވާ ކުރާ ނަރަކައިން މިންޖުވުމެވެ. އެތާނގެ އަހްލުވެރީންނަށް ކާން ލިބޭނީ ޒައްޤޫމެވެ. ޒައްޤޫމަކީ ހިތި މަންޒަރު ހުތުރު ކަރުގައި އަޅައިގަންނަ ގޮތަށް ހައްދަވާފައިވާ މޭވާއެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((إِنَّ شَجَرَتَ الزَّقُّومِ * طَعَامُ الْأَثِيمِ * كَالْمُهْلِ يَغْلِي فِي الْبُطُونِ * كَغَلْيِ الْحَمِيمِ[5] - ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ.ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ.ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ. ((

ނަރަކައިން މުއްތިކުރެއްވުމުގެ މާނައަކީ ކަރުހިއްކުން ބޮޑުވެގެން އެތާނގެ އަހްލުވެރިން ޝަކްވާ ކުރާ ނަރަކައިން މިންޖުވުމެވެ.އެމީހުންނަށް އެ ތަނުން ބޯން ލިބޭނީ ކުނި ފާދިޔައާއި ދޮހެވެ. އެމީހުންގެ ގޮހޮރުތައް ބުރިބުރިކޮށްލާނެ ހޫނު ފެނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا وَإِنْ يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا [6]- ހަމަކަށަވަރުން، كافر ވެ، އަނިޔާވެރިވެގަތް މީހުންނަށް، ތިމަންރަސްކަލާނގެ ނަރަކަ ތައްޔާރުކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެއުރެން ވަށާލައިގެންވެއެވެ. އެއުރެން ފެނަށް އެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ! )) މާތް ﷲ ސުބްޙާނަހޫ ވަ ތަޢަލާގެ އެހެންބަސްފުޅެއްގައި ވެއެވެ. (( وَخَابَ كُلُّ جَبَّارٍ عَنِيدٍ ‎﴿١٥﴾‏ مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ ‎﴿١٦﴾‏ يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ[7]- އަދި ހަރުކަށި، ކޮންމެ جبّار އަކު ގެއްލި ހަލާކުވިއެވެ.އޭނާގެ ކުރިމަތީގައިވަނީ، ނަރަކައެވެ. އަދި އޭނާއަށް ބޯންދެއްވާނީ، ފާ ދިޔަފަދަ ފެނަކުންނެވެ.އޭނާ އެ ދިރުވައިލާނެތެވެ. އޭނާއަށް އެ ދިރުވައިލެވޭނީ، ވަރަށް އުނދަގުލުންނެވެ. އަދި ހުރިހާ ފަރާތަކުން އޭނާގެ ގާތަށް މަރު އަންނާނެތެވެ. (އެކަމަކު) އޭނާ މަރެއް ނުވާނެތެވެ. އަދި އޭނާގެ ކުރިމަތީގައިވަނީ، ގަދަފަދަވެގެންވާ عذاب އެވެ. ))

ނަރަކައިން މިންޖުވުމުގެ މާނައަކީ އުރެދުންތެރިން ބިރުން ފިތްކަނޑައިގެން ދާއިރު އަމާންކަން ލިބިފައިވުމެވެ. އުރެދުންތެރިން ހިތާމަކުރާއިރު އުފާވެރިކަން ލިބިފައިވާ މީހަކަށް ވުމެވެ.އުރެދުންތެރީން އަބާއްޖަވެރިވެފައިވާއިރު ބާއްޖަވެރިކަން ލިބިފައިވާ މީހަކަށް ވުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ * نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ وَلَكُمْ فِيهَا مَا تَشْتَهِي أَنْفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ * نُزُلًا مِنْ غَفُورٍ رَحِيمٍ [8]- ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ اللَّه އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ملائكة ން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް وعد ކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ خبر ލިބިގަންނާށެވެ! ތިމަންބޭކަލުންނީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި ތިޔަބައިމީހުންގެ އެހީތެރިންނެވެ. ތިޔަބައިމީހުންގެ نفس ތައް އެދޭހާކަމެއް އެދުވަހުން، ތިޔަބައިމީހުންނަށްޓަކައި ވެއެވެ. އަދި (އުފަލާއި، އަރާމުގެތެރެއިން) ތިޔަބައިމީހުން ދަންނަވާހާ ކަމެއް ތިޔަބައިމީހުންނަށް ވެއެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލެއްގެ މެހުމާންދާރީއެއްގެ ގޮތުގައެވެ.))

ނަރަކައިން މުއްތިވުމުގެ މާނައަކީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަގުނަ ސަވާބާއި ނިޢުމަތް ލިބުމެވެ. އޭގެފަހުން ދުވަހަކު ވެސް އޭނާ އަބާއްޖަވެރި ނުވާނެ ކާމިޔާބީއެއް ލިބުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ [9] - ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ.))

ނަރަކައިން މުއްތިވެވޭނީ ކިހިނެއް

ނަރަކައިން މުއްތިވެވޭނީ މާތްﷲ އަށް އީމާންވެ އެކަލާނގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަންމަތީ ހުރެ ރޯދަ ހިފައިގެންނެވެ. ރަމަޟާންމަހު ޤިޔާމުކޮށްގެންނެވެ. ސާބިތުކަމާއެކު ﷲއަށް ކިޔަމަންގަނެ އުރެދުންތަކާ ދުރުހެލިވެގެންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِي مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ، وَذَلِكَ كُلَّ لَيْلَةٍ[10]- ރަމަޟާންމަހުގެ ފުރަތަމަ ރޭ އައުމާއެކު ޝައިޠާނުންނާއި ޖިންނީންގެ މާރިދުން ކަސްތަޅުއެޅުވިދާނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވިދާނެތެވެ. އޭގެތެރެއިން ހަމަ އެންމެ ދޮރެއް ވެސް ނުހުޅުވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިދާނެތެވެ.އޭގެތެރެއިން ހަމަ އެންމެ ދޮރުކޮޅެއް ވެސް ބަންދު ނުކުރެވޭނެތެވެ. ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވާނެތެވެ. އޭ ހެޔޮކަންތައް ކުރުމަށް އެދޭމީހާއޭވެ! ތިބާ ހެޔޮކަންތައް ކުރުމަށް ކުރިމަތިލާށެވެ! އޭ ނުބައި ކަންތައްކުރުމަށް އެދޭ މީހާއޭވެ! ތިބާ ނުބައި ކަންތައްތައް ކުރުމަށް ފުރަގަސްދޭށޭވެ!އަދި ރަމަޟާން މަހުގައި ﷲ ނަރަކައިން މުއްތި ކުރައްވާ ބަޔަކު ވެއެވެ. އެއީ ހަމަ ކޮންމެ ރެއަކުއެވެ. ))

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. ((الصِّيَامُ جُنَّةٌ وَحِصْنٌ حَصِينٌ مِنَ النَّار[11] – ރޯދައަކީ އައްޑަނައެކެވެ. އަދި އެއީ ނަރަކައިން ރައްކައުތެރިކޮށްދޭ ވަރުގަދަ ކިއްލާތަކުގެތެރެއިން ކިއްލާއެކެވެ. ))

މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީ ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. (( مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ، بَعَّدَ اللَّهُ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا [12]- ﷲގެ ވަޖްހުފުޅަށް ޓަކައި ރޯދައެއް ހިފި މީހާގެ މޫނު ނަރަކައާ ހަތްދިހަ ޚަރީފުގެ މިންވަރަށް ﷲ ދުރަށް ލައްވާނެތެވެ. ))

ނަރަކައިން މުއްތިވަން އެދޭ މީހާ ﷲއަށް އީމާންވެ ﷲއާ ޝަރީކު ކުރުމާ ދުރުހެލިވާން ޖެހޭނެއެވެ. އަދި ނަރަކައިން ރައްކައުތެރިކޮށް ދެއްވުމަށް އެދި ދުޢާކުރަން ޖެހޭނެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( إِذا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ باللَّهِ مِن أَرْبَعٍ يقولُ: اللَّهُمَّ إنِّي أَعُوذُ بِكَ مِن عَذابِ جَهَنَّمَ، وَمِنْ عَذابِ القَبْرِ، وَمِنْ فِتْنَةِ المَحْيا والْمَماتِ، وَمِنْ شَرِّ فِتْنَةِ المَسِيحِ الدَّجّالِ[13]- ތިޔަބައިމީހުންކުރެ މީހަކު އައްތަޙިއްޔާތު ކިޔާއިރު ހަތަރު ކަމަކުން ރައްކައުތެރިކޮށް ދެއްވުމަށް އެދި ﷲއަށް ދުޢާ ކުރާށެވެ! ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާ ޖަހަންނަމައިގެ ޢަޒާބުންނާއި ކަށްވަޅުގެ ޢަޒާބުންނާއި ދިރިހުރުމާއި މަރުވެ ދިޔުމުގެ ފިތުނައިންނާއި އެއް ލޯ އަވަރު ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށް ދެއްވުމަށް އިބަރަސްކަލާނގެ ޙަޟްރަތުން މި އަޅާ އެދެމުއެވެ. ))

ނަރަކައިން މުއްތިކޮށް ދެއްވުމަށް އެދޭ މީހާ ﷲދެކެ ބިރުގަނެ އެކަލާނގެއަށް ޚުޝޫޢަތްތެރިވެ ނަރަކައިން ސަލާމަތްކޮށް ދެއްވުމަށް އެދި ރޮއި ހަދަން ޖެހޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( عَينانِ لا تَمَسُّهما النارُ:عينٌ بَكَتْ من خَشيةِ اللهِ، وعينٌ باتتْ تَحرُسُ في سَبيلِ اللهِ[14] - ދެ ލޮލެއްގައި ނަރަކަ ނުބީހޭނެތެވެ. ﷲ ދެކެ ބިރުން ރުއި ލޮލާއި ﷲގެ މަގުގައި ފާރަވެރިކަމުގައި ހުރި ލޮލެވެ. ))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ ޖަމާޢަތުގައި އާދަކޮށް ނަމާދު ކުރަންވާނެއެވެ. އެކަމަށް ފަރުވާ ބަހައްޓަން ވާނެއެވެ. ކައު ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( من صلّى لله أربعينَ يومًا في جماعةٍ يدرِكُ التَّكبيرةَ الأولى، كتبَ لهُ براءتانِ: براءةٌ منَ النّارِ، وبراءةٌ منَ النِّفاقِ [15]- ސާޅީސް ދުވަހު ފުރަތަމަ ތަކްބީރުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރި މީހާއަށް ދެ ކަމަކުން ބަރީއަކޮށް ދެއްވާނެއެވެ. އެއީ ނަރަކައިން ބަރީއަކޮށްދެއްވުމާއި މުނާފިޤުކަމުން ބަރީއަކޮށް ދެއްވުމެވެ. ))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ މާތް ﷲ ޙަރާން ކުރައްވާފައިވާ ޝަހަވާތްތަކާ ދުރުހެލިވާން ޖެހޭނެއެވެ. ރަމަޟާން މަސް އައިސްފައި މި ވަނީ ﷲގެ އަޅުތަކުން ޝަހަވާތްތަކާ ދުރުހެލިވުމަށް ބޭނުންވާ ތަރްބިޔަތު ދެއްވުމަށެވެ. ޝަހްވާތްތައް ބޮޑުވުމުގެ ސަބަބުން ކިތައް މީހުން ޙަރާން ކަންތައްތަކަށް އަރަގެންފައިވޭތޯއެވެ. ކިތައް މީހުން އުރެދުމުގެ މަޅީގައި ޖެހިފައިވޭތޯއެވެ. ކިތައް މީހުން ، މީހުން އަބުރަށް އަރައިގެންފައިވޭތޯއެވެ. ކިތައް މީހުން މާރާމާރީތައް ހިންގައި މީސްތަކުންގެ ލޭ އޮހޮރުވާފައިވޭތޯއެވެ. ކިތައްމީހުން އަނެކުންގެ ޙައްޤުތަކުގެ މައްޗަށް އަރައިގަނެ އަނިޔާވެރިވެފައިވޭތޯއެވެ؟ ތިބާގެ ނަފްސު ޝަހަވާތްތަކާ ދުރަށް ލާށެވެ! ޝަހަވާތްތަކުގެ އަޅުވެތިކަމުން ތިބާގެ ނަފްސު މިނިވަން ކުރާށެވެ. ޝަހަވަތްތަކަކީ ނަރަކައިގެ މަގެކެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ رَسُولُ اللَّهِ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (( حُفَّتِ الْجَنَّة بِالْمَكَارِهِ، وَحُفَّتِ النَّارُ بِالشَّهَوَاتِ [16]- ސުވަރުގެ ވަށައިލެވިގެން ވަނީ ކުރާހިތްނުވާ ކަންތައްތަކުންނެވެ. އަދި ނަރަކަ ވަށައިލެވިގެންވަނީ ކުރާހިތްވާ ޝަހަވާތްތަކުންނެވެ. ))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ އޭނާގެ ނަފްސު ނަރަކަ ރައްކައުތެރި ކުރަން މަސައްކަތް ކުރަންވާނެއެވެ. ﷲއަށް ކިޔަމަންގަނެގެންނާއި ﷲއަށް އުރެދުމާ ދުރުހެލިވެގެންނެވެ. މާތްﷲ ވަނީ ތިބާއަށް މި ކަމަށް އަމުރު ކުރައްވައިފައެވެ. ނަރަކައިގެ ދަރަކީ ނަރަކައިގެ އަހްލުވެރީންކަން ހަނދާން ކުރާށެވެ! އުނދުނުގައި ޖެއްސޭ ދަރުބޮޑިއަކަށް ވާން ތިބާ ބޭނުން ހެއްޔެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَاأَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ [17]- އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. ))

ނަރަކައިން މުއްތިވުމަށް އެދޭ މީހާ މި ރަމަޟާން މަހުގައި ދީލަތި މީހަކަށް ވެވޭތޯ ބަލަން ވާނެއެވެ. ރޯދަވެރިއަކަށް ރޯދަވީއްލުމަށް ބޭނުންވާ ކާއެތިކޮޅެއް ތަނަވަސްކޮށްދޭށެވެ! މީސްތަކުންނަށް ރިވެތި ބަހުން ވާހަކަ ދައްކާށެވެ! ރަމަޟާން މަހުގައި އަރާރުންވެ ޒުވާބު ނުކުރާށެވެ! ކައު ރަސޫލާ e ޙަދީސް ކުރެއްވިއެވެ. (( اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ، فَمَنْ لَمْ يَجِدْ فبكَلِمَةٍ طَيِّبَةٍ [18]– ތިޔަބައިމީހުން ކަދުރު ފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކައުތެރިވާށެވެ! އެފަދަ އެއްޗެއް ނުލިބުނު މީހާ ރިވެތި ބަހަކުން ވިޔަސްމެއެވެ. ))

ރިފަރެންސް:

[1] - النساء: 56
[2] - غافر : 49- 50
[3] - الزخرف: 74 - 75
[4] - فاطر: 36- 37
[5] - الدخان: 43- 46
[6] - الكهف: 29
[7] - إبراهيم : 15- 16
[8] - فصلت: 30 - 32
[9] - آل عمران: 185
[10] - أخرجه الترمذي (٦٨٢)، وابن ماجه (١٦٤٢)
[11] - أخرجه أحمد (٩٢١٤) والبيهقي في «شعب الإيمان» (٣٥٧١)
[12] - أخرجه الترمذي (١٦٢٢) والنسائي (٢٢٤٦)، وابن ماجه (١٧١٨)، وأحمد (٧٩٩٠)
[13] - صحيح مسلم ٥٨٨ و مجموع الفتاوى ٢٢‏/٤٩٦
[14] - أخرجه أبو يعلى (٤٣٤٦)، والطبراني في «المعجم الأوسط» (٥٧٧٩)، وابن عدي في «الكامل في الضعفاء» (٣/٢٣٣) و الترمذي (١٦٣٩) وابن أبي عاصم في «الجهاد» (١٤٦)، وابن شاهين في «الترغيب في فضائل الأعمال» (٢٢٥)
[15] - أخرجه الترمذي (٢٤١) وأحمد (١٢٥٨٣)
[16] - أخرجه مسلم (٢٨٢٣) والبخاري (٦٤٨٧) و أحمد (٨٩٣١)، والبزار (٣٢٠٣) وابن حبان (٧١٩)
[17] - التحريم: 6
[18] - أخرجه البخاري (١٤١٧)، ومسلم (١٠١٦) وأبو نعيم في «حلية الأولياء» (٧/١٢٩)، والخطيب في «تاريخ بغداد» (١٠/٤٦٩ )

comment ކޮމެންޓް