މިދިޔަ 2022 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި މުޒާހަރާކުރި މީހަކު މަރާލިކަމުގެ ތުހުމަތުގައި، އީރާނުގެ ފުލުހުންގެ އިސްވެރިއެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މަރުގެ ހުކުމް އިއްވާފައިވަނީ ޕޮލިސް ޗީފް ޖަފަރު ޖަވަންމަރްދީއަށެވެ.
އޭނާ މަރަން ހުކުމް ކުރީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅުމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި މަރުވި އީރާނުގެ މަހްސާ އަމީނީ މަރާލީ ފުލުހުން ކަމަށް ބުނެ 2022 ވަނަ އަހަރު ކުރި މުޒާހަރާގެ ބައިވެރިއަކު މަރާލުމާ ގުޅިގެންނެވެ.
ކުރުދީ ދަރިކޮޅުގެ މަހްސާ އަމީނީ މަރުވީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، ސެޕްޓެމްބަރު 13، 2022 ގައި އީރާންގެ އަޚްލާގީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް އޭނާއަށް ކުރި އަނިޔާތަކުގެ ސަބަބުންނެވެ. މަހްސާ އަމީނީ މަރުވީ، ފުލުހުން ކުރި އަނިޔާތަކުގެ ސަބަބުން އޭނާ ހޭނެތުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށެވެ.
ޖަވަންމަރްދީއަށް މަރުގެ ހުކުމް އިއްވީ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާގައި، "ގިސާސް" ގާނޫނުގެ ދަށުން ކަމަށް މުޒާހަރާކުރުމުން މަރާލި 27 އަހަރުގެ ސަމާކްގެ ގާނޫނީ ވަކީލު މާޖިދު އަހުމަދީ ވިދާޅުވިއެވެ.
ސަމާކް މަރުވެފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އީރާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ބަންޑާރަ އަންޒާލީގައި ބޭއްވި އެއްވުމެއްގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުންނެވެ.
މަހްސާ އަމީނީގެ މަރާ ގުޅިގެން މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓި ފުލުހުން ވެސް ހިމެނެއެވެ. މުޒާހަރާތަކާ ގުޅުން ހުރި މައްސަލަތަކުގައި އެތައް ހާސް ބަޔަކު ހައްޔަރުކޮށް ނުވަ މީހަކަށް މަރުގެ އަދަބުވެސް ދީފައިވެއެވެ.