ނިލަންދޫ އެއާޕޯޓު އަޅަން ބިން ހިއްކުން އެމްޓީސީސީއަށް

ނިލަންދޫ ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީން

ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެމްޓީސީސީއަށް ވަނީ ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އެ މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި 2098 މީޓަރު ބޮޑު ހިލަ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 1400 މީޓަރު ޖިއޯބެޑް ރިވެޓްމެންޓް ޖަހާނެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭގެ މަސައްކަތް ވެސް މިދިޔަ ޖެނުއަރީ މަހު ހަވާލުކުރީ އެމްޓީސީސީއާއެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް އެންމެ ގިނައިރު ވެގެން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ނިލަންދޫގައި އެއާޕޯޓެއް އަޅަން ބަޖެޓުގައި ފައިސާ ވެސް ހަމަޖެއްސި ނަމަވެސް އެ މަސައްކަތް ކުރެވިފައިނުވެއެވެ.

comment ކޮމެންޓް