ޔޫރޯގެ ފަހު ތިން ޖާގަ ޕޯލަންޑް، ޔޫކްރެއިން އަދި ޖޯޖިއާއިން ކަށަވަރުކޮށްފި

މިއީ ޔޫރޯ ފަދަ ބޮޑު މުބާރާތަކުން ޖޯޖިއާއަށް ޖާގަހޯދުނު ފުރަތަމަ ފަހަރު / ފޮޓޯ: ބީއެންއޭ ޑޮޓް ބީއެޗް

މިއަހަރުގެ ޖޫން މަހު ޖަރުމަނުވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުއޭފާ ޔޫރޯ 2024 ފުޓްބޯޅަ މުބާރަތުގެ ފަހު ތިން ޖާގަ ޕޯލަންޑް، ޔޫކްރެއިން އަދި ޖޯޖިއާއިން ކަށަވަރު ކޮށްފިއެވެ.

މިމުބާރާތުގެ ޖާގައެއް ޕޯލަންޑްއިން ކަށަވަރުކުރީ ޕްލޭ އޮފް ފައިނަލްގައި ވޭލްސްއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަވިއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން ޕެނަލްޓީ ޖަހައިގެން ފަސް ލަނޑު ހަތަރު ލަނޑުންނެވެ.

ކާޑިފްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު އިރު ގިނައިރު ބޯޅަ ގެންގުޅެފައިވަނީ ޕޯލަންޑްއިންނެވެ. ނަމަވެސް މިއާއެކުވެސް މުޅި މެޗުގައިވެސް ވޭލްސްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ޕޯލަންޑަށް ފޮނުވަލެވޭގޮތެއްނުވިއެވެ.

މިމެޗުގެ މުހިންމުކަން މެޗުގެ ކުރީކޮޅު ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ފެނުނެވެ. މިގޮތުން ފެނުނީ ވަރަށް ހާސްކަމުގެ ތެރޭގައި ކުޅެމުންދިޔަ ތަނެވެ. އަދި ގިނަ ޕާސްތަކެއް ދެ ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް މިސްވަމުންދިޔަތަން ފެނުނެވެ.

މިމެޗުގެފުރަތަމަ ހާފުގައި ވޭލްސްގެ ކެޕްޓަން ބެން ޑޭވިސް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އެލަނޑުވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. މިމެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މިމެޗުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ދިޔައީ މެޗުގެ އިތުރު ވަގުތުގައި ޕޯލަންޑްއެވެ. ނަމަވެސް ޔާކޫބް ޕިއޮޓްރޯވްސްކީ ފޮނުވާލި ހަމަލާ ގޯލަށް އަމާޒު ވާގޮތެއް ނުވިއެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ޕޯލަންޑްއިން ޖެހި ފަސް ޕެނަލްޓީ ކާމިޔާބު ކޮށްފައިވާއިރު ވޭލްސްއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ޑެނިއަލް ޖޭމްސް ޖެހި ޕެނަލްޓީވަނީ ޕޯލަންޑްގެ ކީޕަރު ވޮއިޒިއެކް ޝެޒެސްނީ ދިފާއުކޮށްފައެވެ. މިއާއެކު ޕޯލަންޑްއަށް މިހާރުވަނީ ޔޫރޯ މުބާރާތުގެ ގްރޫޕް ޑީއިން ޖާގަ ލިބިފައެވެ.

މިގްރޫޕްގައި ދެން ހިމެނެނީ ފަރަންސޭސިވިލާތާއި ނެދަލަންޑްސް އަދި އޮސްޓްރިއާއެވެ. މިމުބާރާތުން ޔޫކްރެއިން ޖާގަހޯދާފައިވަނީ ޕްލޭ އޮފް ފައިނަލްގައި އައިސްލަންޑާ ބައްދަލުކުރި މެޗު ފަހަތުން އަރައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގައިފާވަނީ އައިސްލަންޑްއިންނެވެ.

މިލަނޑު އެޓީމަށް ޖަހައިދިނީ އެލްބާޓް ގުޑްމުންޑްސަންއެވެ. ނަމަވެސް ޔޫކްރެއިންއިން ވަނީ ދެވަނަ ހާފުގައި އެޓީމުގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހާފައެވެ. މިމެޗުގައި ޔޫކްރެއިންގެ ފުރަތަމަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ވިކްޓާ ސިގާންކޯވް މެޗުގެ 54 ވަނަ މިނެޓުގައި ޖަހައިދިން ލަނޑުންނެވެ.

މިމެޗުން ޔޫކްރެއިން މޮޅު ކޮށްދިން ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައިދިނީ މީހައިލޯ މުޑްރިކްއެވެ. މިފަހަރުގެ ޔޫރޯގައި ޔޫކްރެއިން ހިމެނޭނީ ބެލްޖިއަމް، ސްލޮވާކިއާ އަދި ރުމޭނިއާ އާއެކު ގްރޫޕް އީގައެވެ.

މިމުބާރާތުން ޖޯޖިއާ ޖާގަހޯދީ ޕްލޭ އޮފް ފައިނަލްގައި ގްރީސް އާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ދެ ލަނޑުންނެވެ. މިއީ ޖޯޖިއާގެ ތަރީޚުގައިވެސް އެޓީމަށް މިފަދަ ބޮޑު މުބާރާތަކުން ޖާގަހޯދުނު ފުރަތަމަ ފަހަރެވެ. މިފަހަރުގެ ޔޫރޯގައި ޖޯޖިއާ ހިމެނޭނީ ތުރުކީވިލާތާއި ޕޯޗުގަލް އަދި ޗެކް ރިޕަބްލިކާއެކު ގްރޫޕް އެފްގައެވެ.

މިފަހަރުގެ ޔޫރޯ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު މިޔުނިކްގެ އަލިއާންޒް އެރީނާގައި ކުޅޭ ފުރަތަމަ މެޗުންނެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވެރިރަށް ބާލިންގެ އޮލިމްޕިއާ ސްޓާޑިއަންގައި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

comment ކޮމެންޓް