ދިވެހި ބައިބްލްތަކެއް ބެހި ދެ ބިދޭސީ އަންހެނުން ހައްޔަރުކޮށްފި

ދިވެހި ބައިބްލްތަކެއް ބެހި ކަމަށް ބުނާ ދެ މީހުން -- ފޮޓޯ/ އެމްވީ ކްރައިސިސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓު ސަރަހައްދުގައި ބައިބްލްގެ ދިވެހި ކޮޕީތަކެއް ބަހަން އުޅުނު ދެ ބިދޭސީން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިސްލާމް ދީނާ ހިލާފު ބައެއް ތަކެތި ބަހާ ކަމަށް ބުނެ، ދެ ބިދޭސީ އަންހެނުންގެ ފޮޓޯ މިއަދު ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ވަނީ ބައިބްލްގެ ދިވެހި ތަރުޖަމާއާއި އަދިވެސް އިސްލާމްދީނާ ހިލާފު ބައެއް ލިޔުންތަކާއި ވީޑިއޯތަކުގެ ލިންކްތައް ހިމެނޭ ބިޒްނަސް ކާޑުތަކެއް ބަހަމުންނެވެ.

ޗީފް ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އެ ދެ މީހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ދެ މީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މީސްމީޑިއާގައި ދައުރުވި ޕޯސްޓުގައި ބުނެފައިވަނީ އެ ކާޑުތައް ބަހަން އުޅެފައިވަނީ އެމެރިކާއަށް ނިސްބަތްވާ ދެ އަންހެނުން ކަމަށެވެ. އެ މީހުން ހިޔާ ފުލެޓުގެ މެއިލްބޮކްސްތައް ކައިރީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

comment ކޮމެންޓް