ފުލުހަކު ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ހާދިސާއާ ގުޅޭ އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދަން އެ މުއައްސަސާއިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
އަށާރަ އަހަރުނުވާ އަންހެން ކުއްޖަކަށް ފުލުހަކު ރޭ އަނިޔާކުރީކަމަށް ބުނެ އަންހެން ކުއްޖާގެ އާއިލާއިން ވަނީ ހުޅުމާލޭ ދަވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ އަޑު އުފުލާފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޝިފާން މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެއީ ފުލުހުން ގާއިމްކޮށްފައިވާ ޗެކްޕޮއިންޓަކުން ފިލަން އުޅެނިކޮށް ސައިކަލުން ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައިކަލް ދުއްވާފައިވަނީ ލައިސެންސް ނެތް ފަރާތެކެވެ. އަދި އަނިޔާވި ފަރާތްތަކަށް ރޭ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދިން ކަމަށް ވެސް ޝިފާން ވިދާޅުވެފައިވެއެވެ.