ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދަށުކޯޓުން ދޫކުރީ ގޯސްކޮށްކަމަށް ނިންމައިފި

ކުޑަ އަންހެން ކުއްޖަކު މާލޭގެ ގެސްޓު ހައުސަކަށް ގެންގޮސް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި ހއ. ބާރަށް، އަނީސް ހިލްމީ ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި، އޭނާގެ ބަންދު މުރާޖާކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންކުރި އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

އުމުރުން 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގްރޫމްކުރި މައްސަލައެއްގައި މީގެ ހަތަރު އަހަރުކުރިން 2020ވަނަ އަހަރުގެ ޖޫން މަހު ހައްޔަރުކުރި އެ މީހާ އެންމެ ފުރަތަމަ ބަންދުކުރީ ޝަރީއަތް ނިމެންދެންނެވެ.

ނަމަވެސް އެ މީހާގެ ފަރާތުން އަމުރު މުރާޖާކުރަން އެދުމުން އެ އަމުރު ބާތިލުކުރީ މ މިދިޔަ މަހުގެ ފަހުކޮޅެވެ.

އެ ކަން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ ހުކުމް ހައިކޯޓުން މިއަދުވަނީ ކޮށްފައެވެ.

އެ ގޮތުން މި މައްސަލައިގައި ހައިކޯޓުން ބުނީ ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން ޖަލު ބަންދުގައި ހުންނަފަރާތެއް ގޭބަންދަށް ބަދަލުކުރުމަކީ ދައުލަތުގެ ސިޔާސަތެއް ކަމުގައިވާނަމަ، އެ ކަން ކުރަން ޖެހޭނީ ޤާނޫނީ އުސޫލުތަކުގެ ތެރެއިން ކަމުގައިވާއިރ،ު އެ ފަދަ އުސޫލެއް ނެތި ޖަލު ބަންދުގައިހުރި މީހަކު ގޭބަންދަށް ޤާނޫނީ ގޮތުން ބަދަލުކުރެވޭނެކަމަށް ނުދެކޭ ކަމަށެވެ.

އަދި ހުކުމެއް ކުރުމުގެ ކުރިން ޖަލު ބަންދުގައި ހުރި މީހަކު ދޫކޮށްލާއިރު އޭނާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ދައުލަތުގެ ތެރެއިން ގާއިމްވެފައި އޮންނަން ވާނެކަމަށް ވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ގިނަވުން ކަމަށާއި ޝަރީއަތްތައް އަވަސްކުރަން ދައުލަތުން ފޯރުކޮށްދޭންޖެހޭ ވަސީލަތްތައް ނުދިނުމުގެ ސަބަބުން ޝަރީއަތްތައް ދިގުލައިގެން ގޮސް، ބަންދުގައި ހުންނަންޖެހުމުގެ މުއްދަތު ދިގުވުމަކީ ވެސް ބަންދުން ދޫކުރަންވީ ސަބަބެއް ނޫންކަމަށް ހާމަކުރިއެވެ.

އެހެންވެ ހައި ކޯޓުން ނިންމީ އޭނާ ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރުމަށެވެ.

ހަމައެއާއެކު ހައިކޯޓުންވަނީ ހަތް ދުވަހުގެ ތެރޭ ކްރިމިނަލް ކޯޓުން އޭނާގެ ބަންދާމެދު ގޮތެއް ކަނޑައަޅަންދެން ރިމާންޑު ޖަލެއްގައި ބަންދުކުރުމަށް ފެންނަ ކަމަށް ހުކުމްކޮށްފައެވެ.

comment ކޮމެންޓް