ކަޕިލްގެ ޝޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކަޕިލް ޝަރުމާގެ މަގުބޫލު ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ޕްރޮޑިއުސަރުންނާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ބޭރުކޮށް، ކަޕިލްއާ އެއްކޮޅަށް މައްސަލަ ނިންމާލައިފިއެވެ.

މީގެ ދެ އަހަރުކުރިން އިންޑިއާގެ ގްވާލިއާ ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ ޝޯގައި އަންހެނުންނާއި ޝަރުއީ ދާއިރާއަށް ނިސްބަތްވާ ގޮތަށް އިހާނެތިކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ ކޮމެޑީ ކޯޓް ރޫމް މަންޒަރެއް ހިމެނޭ ވަކި އެޕިސޯޑަކާ ގުޅިގެންނެވެ.

އެހެންނަމަވެސް މި ޝޯއާ ދެކޮޅަށް މައްސަލަ ހުށަހެޅި އިންޑިއާގެ ވަކީލް ސުރޭޝް ދަކާޑްގެ ވާހަކަތަކުގައި އެއްވެސް އޮށްޓަރެއް ނެތްކަމަށް ބުނެ ގްވާލިއާ ހައިކޯޓުން ވަނީ މައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅުނު ޕެޓިޝަން ބޭރުކޮށްލާފައެވެ.

މިއާއެކު ޤާނޫނީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި އަމިއްލަ ޕަބްލިސިޓީ ކުރިއެރުވުމަށް ބޭނުން ނުކުރުމަށް މައްސަލަ ހުށަހެޅި ފަރާތަށް ކޯޓުން ވަނީ އިންޒާރު ވެސް ދީފައެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ޕޯސްޓަރެއް-- ފޮޓޯ/ޓެލެގްރާފްއިންޑިއާ
އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ "ދަ ކަޕިލް ޝަރުމާ ޝޯ" އަކީ 2016ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ ކާމިޔާބު ކޮމެޑީ ޝޯއެކެވެ. މި ޝޯ ދައްކަމުން އައި ޗެނަލްތައް ބަދަލުވި ނަމަވެސް ބެލުންތެރިންގެ ފަރާތުން ލިބެމުންދިޔަ ތަރުހީބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

މި ޝޯގެ ތެރެއިން ލިބުނު މަގުބޫލުކަމާއެކު ކަޕިލްއަށް ފިލްމީ ދާއިރާއިން ފުރުސަތު ލިބި އޭނާ ވަނީ ބައެއް ފިލްމުތައް ވެސް ކުޅެފައެވެ.

ކަޕިލް ޝަރުމާގެ "ދަ ކަޕިލް ޝަރުމާ ޝޯ" މިދިޔަ އަހަރުގެ މެދުތެރޭގައި ސޮނީ ޓީވީއިން މެދުކަނޑާލާފައި ވުމާ ގުޅިގެން މި ޝޯ ދެން ޕްރިމިއާ ކުރާނީ ނެޓްފްލިކްސްގައެވެ. "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ"ގެ ނަމުގައި ގެނެސްދޭ ޝޯގެ ފުރަތަމަ އެޕިސޯޑު މި މަހުގެ 30 ވަނަ ދުވަހު ނެޓްފްލިކްސްގައި ދައްކަން ވަނީ ތާވަލު ކުރެވިފައެވެ.

comment ކޮމެންޓް