އަހަރުގެ 5ވަނަ ކްރޫޒްލައިނާއިން 1،400 އަށްވުރެ ގިނަ ފަތުރުވެރިން

އެމްއެސް އެންބިއެންސް މާލެ ފަޅުގައި ބަނދަރުކޮށްފަ --- ފޮޓޯ/ މާޔާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަސް ވަނަ ކްރޫޒްލައިނާއިން 1,400 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މި ކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ރާއްޖެއަށް ކްރޫޒްލައިނާތައް ގެންނަ ކުންފުނިތައް ތަމުސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ)ގެ ރައީސް މުހައްމަދު ނަޝީދު "ސަން"އަށް ވިދާޅުވީ، މާލެ ކައިރީ އޮތް ކްރޫޒްލައިނާއަކީ "އެމްއެސް އެންބިއެންސް" ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެމްއެސް އެންބިއެންސް އިން 1,400 އަށްވުރެ ގިނަ ފަތުރުވެރިންނާއި 660 ކްރޫއިން އައިސްފައިވާ ކަމަށެވެ.

"އެ ކްރޫޒްލައިނާއިން އެކި ގައުމުތަކުގެ ފަތުރުވެރިން އައިސް އެބަތިބި. އެކި ކަންކަމުގައި ފަތުރުވެރިން މިއަދު މާލެއަށް ފައިބާ އުޅުނު," ނަޝީދު ވިދާޅުވިއެވެ.

އެ ކްރޫޒްލައިނާ ލަންކާގެ ކޮލަމްބޯއިން ފުރައިގެން، ރާއްޖެއަށް އައިސްފައިވަނީ މިއަދު ހެނދުނު 6:30ގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މި ކުރޫޒްލައިނާ ރާއްޖޭގައި ދެ ދުވަހު މަޑު ކުރާނެ ކަމަށާއި ރާއްޖޭން ފުރައިގެން އެނބުރި ދާނީ ވެސް ކޮލަމްބޯއަށް ކަމަށެވެ.

އެމްއެސް އެންބިއެންސްއިން ރާއްޖެ އައި ފަތުރުވެރިން އެކި ބޭނުންތަކުގައި މާލެ ފައިބާ މިއަދު އުޅުނެވެ.

ނަޝީދު ވިދާޅުވީ ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލެ އަށް ބޭލުމަށް އާންމުކޮށް އެއް ނަންބަރު ފާލަން ހަމަޖެހޭ ކަމަށެވެ. ނަމަވެސް މިފަހަރު ލިބުނީ ތިން ނަންބަރު ޖެޓީ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

"ކުރިން އެއް ނަންބަރު ޖެޓީ ހަމަޖެހޭ. މިފަހަރު ނުލިބުނީމަ ގެސްޓުން ބޭލުމުގަ ވަރަށް ގިނަ ދަތިތައް ދިމާވި،" ނަޝީދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިން މާލެއަށް ބޭލުމަށް ހަމަޖެހުނު ހިސާބުގައި ކުޑައެއް ނުޖެހުނު ކަމަށާއި ބައިވަރު ޓޫރިސްޓުން މަގު މެދަށް ބާލަން ޖެހުމުން ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

comment ކޮމެންޓް