އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފި

އަނިޔާވެރި ގޮތަކަށް މަރައިލި އަނަސް: އޭނާގެ މަރުގެ މައްސަލަ އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ވަނި ނިންމާފައި --

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނިންމައިފިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017 ގެ ރެއެވެ.

އަނަސްއަށް ސައިކަލތުތަކެއްގައި އައި ބަޔަކު ހަމަލާދޭ ވީޑިއޯ ވެސް މީސްމީޑިއާގައި އާންމުވިއިރު އެ މައްސަލައިގައި މިދިޔަ މަހު 25 ގައި ދަށު ކޯޓުން ކުރި ހުކުމުގައި ވަނީ އެކަށިގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ، އެ މައްސަލައިގައި ތުހުމަތުވާ އެންމެން މިނިވަންކޮށްފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު 'ސަން'އަށް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށެވެ.

"އެޕީލް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ. އަދި ކޯޓަށް ހުށައެއްނާޅައި. ވީހާވެސް އަވަހަކަށް ހުށަހަޅާނެ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/189160

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

ދަށު ކޯޓުގެ ހުކުމާ ގުޅިގެން ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްވި ހުކުމުގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފު ކަމަށް ދައުލަތުން ތުހުމަތު ކުރިއެވެ. އަދި، އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

https://sun.mv/189213

އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެ މީހުން އަނަސްއަށް ހަމަލާދިނުމަށް އައުމުން، ސައިކަލެއް މަތީގައި އިށީންދެ އިން އަނަސް ވަނީ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރަށް ވަދެފައެވެ. އަދި، އެ މީހުން އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައި ހުރި ޒަޚަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމްތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް