މަސްވެރިންނަށް 787 މިލިއަން ރުފިޔާ ދޫކޮށް، ބެކްލޮގް ފިލުވާލައިފި

މަސްވެރިކަން ކުރާ ދޯންޏެއް --- ފޮޓޯ: ޓީއެސްލައިން

މިދިޔަ ހުކުރު ދުވަހާ ހަމައަށް މަސްވެރިން ބޭނި މަހަށް ފައިސާ ދޫކޮށް، މަސްވެރިންނަށް ދައްކަންވެފައި އޮތް ފައިސާގެ ބެކްލޮގް އެއްކޮށް ފިލުވައިލެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން ފެށިގެން މަސްވެރިންނަށް ދޫނުކުރެވި ހުރި ފައިސާއާ އެކު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ރޯދައިގެ ކުރިން ދޫކޮށް ނިންމައިލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނު ރޭ ވަނީ ވައުދުފުޅާ އެއްގޮތަށް ރޭ ބެކްލޮގް އެއްކޮށް ކްލިއާކުރެވުނުކަން ހާމަކުރައްވައިފައެވެ.

"މިއަދު ދެވުނު ފައިސާއާ އެކު މަސްވެރިން މިދިޔަ ހުކުރު ދުވަހާ ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާ ދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

އެ ކަމުގެ ތަފުސީލުތައް ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 250 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ބެކްލޮގެއް އޮތް ކަމަށެވެ.

އެކަމަކު، މި ސަރުކާރުން އެ ބެކްލޮގް ފިލުވާލައި، މިހާރު މަސްވެރިންނަށް ޖުމުލަ 787 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންނަށް ނުދީހުރި ބިލްތަކުގެ ފައިސާގެ ގޮތުގައި ޖުމްލަ 105 މިލިއަން ރުފިޔާ ޖަމާކޮށްދީފައެވެ.

މި އާއެކު ފާއިތުވި ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 26އާ ހަމައަށް ޖުމްލަ 561 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. އެ ފައިސާގެ ތެރޭގައި ތެލަށާއި އައިހަށް ދެވިފައިވާ ފައިސާ ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭތާ މަސްތަކެއް ވެފައިވާކަމަށް ބުނެ، މަސްވެރިން ގއ. ކޫއްޑޫގައި މުޒާހަރާކޮށް، މިދިޔަ މަހުގެ 18ގައި ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނައެވެ. އެ މުޒާހަރާ ހުއްޓާލީ ދެ ދުވަސް ފަހުން މަސްވެރިންނަށް ފައިސާ ދޫކުރަން ފެށުމުންނެވެ.

comment ކޮމެންޓް