އެމެރިކާގައި ކުޑަކުދިންނަށް ސޯޝަލްމީޑިއާ މަނާކުރަނީ

ކުޑަކުދީން ސޯޝަލްމީޑިއާ ބޭނުންކުރުމާބެހޭ ޤާނޫނުތައް ހަދައި ތަންފީޒުކުރުމަކީ އެމެރިކާފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގައި ކުރަމުންދާ ކަމެއް -- ފޮޓޯ / އެންވައިޓައިމްސް.ކޮމް

ސޯޅަ އަހަރުން ދަށުގެ ކުދިން ސޯޝަލްމީޑިއާ ބޭނުންކުރުން މަނާކުރުމާބެހޭ ބިލެއް އެމެރިކާގެ ފްލޮރިޑާއިގައި ފާސްކޮށްފިއެވެ.

ފެބުރުވަރީ 22 ގައި ފާސްކުރި މި ބިލުގައިވާގޮތުން، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް ނެޓުވޯކުތަކަށް ސައިންއަޕްވުން ހުއްޓުވުމާއެކު ކުޑަކުދިންކަމަށް ބެލެވޭ ފަރާތްތަކުގެ އެކައުންޓުތައް ބަންދުކުރުން އެ ނެޓުވޯކުތައް ހިންގާ ފަރާތްތަކަށް ލާޒިމުވާނެއެވެ. މީގެ ތެރޭގައި ފޭސްބުކާއި އިންސްޓަގްރާމާއި، ސްނެޕްޗެޓާއި ޓިކްޓޮކް އަދި ޔޫޓިއުބުފަދަ އެޕްލިކޭޝަންތަކާއި ސައިޓުތައް ހިމެނެއެވެ.

މި ފިޔަވަޅުގެ ދަށުން ޔޫޓިއުބު، ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ނެޓްވޯކުތަކުން 16 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓު ދިނުން މަނާވާނެއެވެ.

ފްލޮރިޑާގެ މި ފިޔަވަޅުގެ ކުރިން، މިދިޔަ އަހަރު ޔޫޓާއާއި އާކަންސަސްއާއި ޓެކްސަސް އަދި އޮހައިއޯއިން ވަނީ 18 އަހަރުން ދަށުގެ ނުވަތަ 16 އަހަރުން ދަށުގެ ކުޑަކުއްޖަކަށް އެކައުންޓެއް ދިނުމުގެ ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލެނިވެރިއެއްގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ޤާނޫނުތައް ހަދާފައެވެ.

ފްލޮރިޑާގައި ފާސްކުރި މި ބިލަކީ ސޯޝަލްމީޑިއާ އާ ގުޅޭ ފިޔަވަޅުތައް ހަރުދަނާކުރުމަށްޓަކައި އެމެރިކާގެ ސްޓޭޓްތަކުގައި އަޅަމުންދާ ފިޔަވަޅުތަކުގެތެރެއިން މިހައިތަނަށް އެޅި އެންމެ ފާހަގަކޮށްލެވޭ ފިޔަވަޅެވެ. ގިނަ ބެލެނިވެރިންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި އަދި ބައެއް ސިޔާސީ ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކުރާގޮތުގައި، މާގިނައިން ސޯޝަލްމީޑިއާ ބޭނުންކުރުމަކީ ޒުވާނުންގެ ނަފުސާނީ ޞިއްޙަތާއި އެމީހުންގެ ސަލާމަތަށް ނުރައްކާތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. އެކަމުގެ ސަބަބުން ސްޓޭޓް އަދި ފެޑެރަލް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރެގިއުލޭޓަރުން ވަނީ ސޯޝަލް މީޑިއާ ކުންފުނިތަކަށް ފާރަވެރިވެ ރެގިއުލޭޓް ކުރުމަށްޓަކައި ކުރާ މަސައްކަތްތައް އިތުރުކޮށްފައެވެ.

ސޯޝަލްމީޑިއާ ޕްލެޓްފޯމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާގައި ޢާއްމުކޮށް ކުރާ ކަމެކެވެ. އެގޮތުން ދާދި ފަހުން 40 އަށް ވުރެ ގިނަ ސްޓޭޓުން ވަނީ އިންސްޓަގްރާމް އާއި ފޭސްބުކް ހިންގާ މައި ކުންފުނިކަމަށްވާ މެޓާއާ ދެކޮޅަށް ދަޢުވާކޮށްފައެވެ. އަދި އެ ކުންފުނިން ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ނުބައި މަގަށް ގެންދިއުމާއެކު ސަލާމަތާ ބެހޭ ގޮތުން ޢާންމުންނަށް އޮޅުވައިލާކަމަށް ދަޢުވާގައި ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް މެޓާއިން ބުނެފައިވަނީ އޮންލައިން ތަޖުރިބާތައް ފުރާވަރުގެ ކުދިންނަށް ރައްކާތެރި އަދި އުމުރާ ގުޅޭ ގޮތަށް ހެދުމަށް ދިހަ އަހަރު ހޭދަކޮށްފައިވާ ކަމަށާއި ސްޓޭޓްތަކުގެ ދަޢުވާތަކުގައި އެމީހުންގެ މަސައްކަތް ގޯސްކޮށް ސިފަކުރާ ކަމަށެވެ.

ހަމަމިއާއެކު، ވަކިވަކިން ޑިމޮކްރެޓިކް ޕާޓީއާއި ރިޕަބްލިކަން ޕާޓީ އިސްވެ ދާދި ފަހުން ވަނީ ސޯޝަލް މީޑިއާ ކުންފުނިތަކުން ޒުވާނުންނަށް ކުރިމަތިވާ ނުރައްކާތައް ކުޑަކޮށް، ދަރިންގެ އޮންލައިން ޙަރަކާތްތަކުގެ މައްޗަށް ބެލެނިވެރިންނަށް އިތުރު ކޮންޓްރޯލެއް ދޭންޖެހޭ ޤާނޫނުތަކެއް ފާސްކޮށްފައެވެ.

ސްނެޕްޗެޓް އަދި އިންސްޓަގްރާމް ފަދަ އެޕްތަކުގައި މިހާރުވެސް 13 އަހަރުން ދަށުގެ ޔޫޒަރުން މަނާކުރުމުގެ ސިޔާސަތުތައް ކަނޑައަޅާފައި ވެއެވެ. އެއީ ފެޑެރަލް ޗިލްޑްރަންސް އޮންލައިން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓްގައި، ބައެއްކަހަލަ ޒާތީ މަޢުލޫމާތު އެއްކުރުމުގެ ކުރިން ބެލެނިވެރިންގެ ހުއްދަ ހޯދަން ލާޒިމުކޮށްފައިވާތީއެވެ. ކަންމިހެން އޮތްނަމަވެސް އުފަން ދުވަސް އޮޅުވައިލައި ދޮގު މަޢުލޫމާތު ދީގެން އެތައް މިލިއަން ކުޑަކުދިން މިހާރުވެސް ސޯޝަމީޑިއާ އެކައުންޓުތަކަށް ސައިންއަޕްވާކަން ފާހަގަކުރެއެވެ. ފްލޮރިޑާގެ ޤާނޫނަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި އެ މައްސަލަ ޙައްލުކުރާނީ ސޯޝަލް މީޑިއާ ކުންފުނިތަކުން އެކައުންޓް ދިނުމުގެ ކުރިން ހުރިހާ ޔޫޒަރުންގެ ޢުމުރު ޔަޤީން ކުރަން ޖެހޭގޮތަށް ހަދައިގެންނެވެ. އެ ފިޔަވަޅުގެ ދަށުން، ޢުމުރު ޔަޤީންނުކުރެވޭ ފަރާތްތަކަށް އެކައުންޓް ދީގެންނުވާނެއެވެ.

ފްލޮރިޑާއިން ފާސްކުރި ބިލާމެދު ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މި ބިލަކީ އެމެރިކާގެ ޤާނޫނު އަސާސީގެ ފުރަތަމަ އިޞްލާޙުގައި ބުނެފައިވާ "ފްރީ ސްޕީޗު" އާ ޚިލާފު ނިންމުމެއްކަމަށެވެ. އަދި ދަރިން އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުމާބެހޭ ނިންމުންތައް ނިންމަން ޖެހޭނީ ސަރުކާރުން ނޫން ކަމަށާއި އެއީ ބެލެނިވެރިން ކުރަންޖެހޭ ކަމެއްކަމަށް އެފަރާތްތަކުން ބުނެއެވެ. ނަމަވެސް މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ މިއީ ދަރީން ސޯޝަލްމީޑިއާގައި އެކަހެރި ވަގުތުތައް ހޭދަކުރުމުން ސަލާމަތްކޮށްދޭނެ ފިޔަވަޅެއްކަމުގައެވެ. އަދި ސޯޝަލްމީޑިއާއިން ލިބޭ ގެއްލުންތަކުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

comment ކޮމެންޓް