ގެއަކަށް ވަދެ މާރާމާރީ ހިންގި ކަމަށް ތުހުމަތުވާ ބަޔަކު ތަހުގީގު ނިމެންދެން ބަންދަށް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެއަކަށް ވަދެ, ތޫނު އެއްޗިހި ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދެ މީހުން ތަހުގީގު ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން 47 އަހަރުގެ މީހާ މީހަކަށް އަނިޔާއެއް ދިންކަން އެނގެން ނެތް ނަމަވެސް، މާރާމަރީ ހިންގި ގެއަށް އޭނާ އިތުރު ބަޔަކާއެކު ހުއްދަ ނުހޯދައި ވަދެ، މާރަމާރީއަށް ހިތްވަރު ދިން ކަމަށް ކޯޓު އަމުރުގައި ވެއެވެ.

މި ހާދިސާގައި އަނިޔާވީ މީހާއަށް ޖިސްމާނީ އަނިޔާ ލިބިފައި ވާކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.

ކޯޓު އަމުރުގައި ވާގޮތުން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ދެމީހުން ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރާ ގާނޫނުގައި ބަޔާންކޮށްފައިވާ ވަރަށް ހެކި ހުށަހަޅާފައި ވާތީއެވެ. ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ހެކިންގެ ހެކިބަހާއި، ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓާއި އަނިޔާވީ ފަރާތަށް ލިބުނު އަނިޔާގެ ފޮޓޯއެވެ.

މި ދެމީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮތް މީހުންނެވެ. އޭގެ ތެރޭގައި ގިނައީ މާރާމާރީގެ މައްސަލަތައް ކަމަށް އަމުރުގައިވެއެވެ.

މީގެ އިތުރުން އެ ހާދިސާގެ މަންޒަރު ދުށް ފަރާތްތައް ތިބި ކަމަށާއި އެ ދެ މީހުން ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމުގެ ނުރައްކާ އޮތް ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި ދެމީހުން ތަހުގީގު ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީއެވެ.

މިދިޔަ އާދިއްތަ ދުވަހު މާލޭ ފިހަރާއެއްތެރޭގައި ހިންގި މާރާމާރީއެއްގައި ކުޑަ ކުއްޖަކު ވެސް ވަނީ ޒަޚަމްކޮށްލައިފައެވެ.

comment ކޮމެންޓް