ސްޓްރާޓާ މެނޭޖްމަންޓް ކޯސް ނިންމައިލައިފި

ކޯސް ނިންމާލުމަށް ބޭއްވި ހްފްލާގެ ތެރެއިން ---- ސަން ފޮޓޯ/އަމަން ލަތީފް

އިމާރާތްތަކާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ހައުސިން މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ގުޅިގެން ފެށި ސްޓްރާޓާ މެނޭޖްމަންޓް ކޯސް މިއަދު ނިންމައިލައިފިއެވެ.

މި ކޯސް ނިންމާލުމަށް މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަބްދުއްރަހީމް މުބާރިކް ވިދާޅުވީ، ސްޓްރާޓާ މެނޭޖްމަންޓް ކޯހަކީ ރާއްޖޭގައި ކުރިއަށް ގެންދެވުނު އާ ދާއިރާއެއްގެ ކޯހެއް ކަމަށެވެ.

އެ ކޯހުގެ މަގްސަދަކީ އިމާރަތް ބިނާކުރުމަށް ޑިވެލޮޕަރުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި އޭގެ ސަބަބުން ސްޓްރާޓާ ކޮމިއުނިޓީތަކަށް އަމިއްލައަށް މެނޭޖްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަބްދުއްރަހީމް މުބާރިކް ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---- ސަން ފޮޓޯ/ އަމަން ލަތީފް

މި ކޯހަކީ ތިން ހަފުތާއަަށް ބަހާލައިގެން ފޭސްޓު ފޭސް ކުލާސްތަކެއް މެދުވެރިކޮށް ނަގައިދިން ކުލާހެއް ކަމަށާއި މި ދާއިރާއަކީ ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ދާއިރާއެއް ކަމަށް މުބާރިކް ވިދާޅުވިއެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، މި ދާއިރާއަކީ ރާއްޖެއަށް އާ ވިޔަސް ރާއްޖެއަށް ވަރަށް ބޭނުންތެރި ދާއިރާއެއް ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅެނީ އުސް އިމާރަތްތަކުގައިކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ، އެތަންތަނުގެ މެއިންޓެނަންސްގެ މަސައްކަތުގައި ޒިންމާވާނެ ބަޔަކު ނެތް ކަމަށެވެ.

"އުސޫލެއްގެ ގޮތުން އެކަން އޮންނަނީ އެ އިމާރާތެއްގަ ދިރިއުޅޭ ބަޔެއްގެ ޒިންމާއެއް ގޮތުގައި. އެހެންނަމަވެސް ޕްރޮޕަޓީ މެއިންޓެނަންސްއަކީ ބޮޑެތި ކުންފުނިތަކަށްވެސް ކުރެވިދާނެ ކަމެއް. ނޫނީ ވަކި ފަރުދުންނަށްވެސް ކުރެވިދާނެ ކަމެއް،" މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއާއެކު، މުސްތަގްބަލުގައި އިމާރާތްކުރުމާ ބެހޭ ދާއިރާގެ އެހެނިހެން ކޯސްތައް ކުރިއަށް ގެންދާނެ ކަމަށާއި މި ކޯހުގެ އެހެން ލެވެލްތަކުގެ ކޯސްތައްވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރަސްމިއްޔާތުގައި ވާހަކަދައްވަނީ --- ސަން ފޮޓޯ/ އަމަން ލަތީފް

އަދި މި ދާއިރާއިން ކޯސްތައް ކުރިއަށް ގެންގޮސް އިމާރާތް ބެލެހެއްޓުމާއި އިމާރާތް މެނޭޖުކުރުމާއި ގަނެވިއްކުމަށް ބޭނުންވާ ގާބިލް ތަމްރީނުވެފައިވާ ބަޔަކު އުފެއްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ކޯހުގައި ކިޔަވައިދެއްވި ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ހާވަލުކޮށްފައެވެ. އަދި ކޯހުގެ ބައިވެރިންނަށް ވެސް ލިޔުން ހަވާލުކުރިއެވެ.

މި ކޯސް ފުރިހަމަކުރި ދަރިވަރަކު ކިޔައިދިން ގޮތުގައި އިމާރާތުގެ ރަޖިސްޓްރީގެ ތެރެއިން ކުރިއަށްދާނެ ގޮތާއި އިމާރާތުގެ ސްޓްރަކްޗާގެ މައްސަލަތައް ދެނެގަންނާނެ ގޮތާއި އެކަންކަން ހައްލުކުރާނެ ގޮތް ކޯހުން ވަނީ ދަސްވެފައެވެ.

މި ދާއިރާއިން ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެ، ރާއްޖެއިން ބޭރުން ނަފާ ހޯދޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް