މިޔަރު ހަމަލާދިން މީހާ ތިން ދުވަސް ފަހުން ދޫކޮށްލައިފި

މިޔަރެއް ހަމަލާ ދިނުމުން ޒަޚަމުވި މީހާއަށް ފަރުވާދިނުމަށްފަހު ތިން ދުވަސް ފަހުން ދޫކޮށްލައިފި -- ފޮޓޯ/ އެމްއެންޑީއެފް

މީގެ ތިން ދުވަސް ކުރިން މަހަކުން ބުޅި ނައްޓަން އުޅުމުގެ ތެރޭގައި މިޔަރެއް ހަމަލާ ދިނުމުން ޒަޚަމްވި މީހާއަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މިޔަރުގެ ހަމަލާ އަމާޒުވެފައިވަނީ ރ. އަތޮޅު ކޯރާކޯރާ ރިސޯޓް ކައިރިން ދޮށި އުކައިގެން މަސްވެރިކަން ކުރަމުންދިޔަ މީހަކަށް ކަމަށެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޒަޚަމްތަކާ ގުޅިގެން އޭނާގެ ސާޖާރީއެއް ހަދާފައިވާ ކަމަށެވެ. އަދި، އެ ސާޖަރީއަށް ފަހު އެ މީހާގެ ހާލު ސްޓޭބަލް ކަމަށާއި އޭނާ މިހާރު ގެޔަށް ދޫކޮށްލައިފި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

https://sun.mv/188736

މި މަހުގެ ހަވަނަ ދުވަހު ވެސް މިޔަރެއް ދިން ހަމަލާގައި މީހަކު ޒަޚަމްވެފައިވާއިރު އެއީ ހއ. އަތޮޅުގައި ފާނަ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ، ފ. ފީއަލި ދޯންޏެއްގެ މަސްވެރިއެއްކަމަށް ވަނީ މައުލޫމާތު ލިބެފައެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ހަމަލާގައި އޭނާގެ އަތް ވަރަށް ބޮޑަށް ޒަޚަމްވުމުން، އެ މީހާއަށް ހއ. ހޯރަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާ ދީފައިވެއެވެ.

އޭގެ ކުރިން މިދިޔަ ޑިސެމްބަރު މަހު، ފެމުނު މިޔަރަށް ކާން ދޭން އުޅެނިކޮށް، ޑައިވް އިންސްޓްރަކްޓަރަކަށް މިޔަރުތައް ހަމަލާދީފައިވެއެވެ.

comment ކޮމެންޓް